ދީނީ ތީމް ޕާރކެއް ހެދުމުގެ ނަމުގައި ފަލަސްތީނު ރައްޔިތުންގެ ގެތައް ނަގަނީ

ބިބްލިކަލް ޒަމާނުގައި ދާވޫދުގެފާނުގެ ބަގީޗާއެއް އޮތްކަމަށް އިސްރާއިލުންބުނާ އިރުމަތީ ގުދުސްގެ ސަރަހައްދެއްގައި ދީނީ ތީމް ޕާކެއް ހެދުމަށްކަމަށްބުނެ އެސަރަހައްދުގައި ދިރިއުޅެމުންދާ ފަލަސްތީން ރައްޔިތުން އެމީހުންގެ ގެދޮރުން ބޭރުކޮށް އެ ގެތައް ހަލާކުކޮށްލުމުގެ ނޯޓިސް ގުދުސްގެ މުނިސިޕަލިޓީއިން ނެރެފިއެވެ.

މި ނޯޓިސްއާއެކު 100 އަށްވުރެ ގިނަ ގެތައް ނަގާނެކަމުގެ ބިރު މިހާރު ހީވެފައިވާއިރު މި ގެތައް ނަގައިފިނަމަ 1،500 މީހުން ގެދޮރުނެތި ހާލުގައި ޖެހިގެންދާނެއެވެ.

ގުދުސްގެ މުނިސިޕަލިޓީގެ އިންސްޕެކްޓަރުންނާއި އިސްރާއިލުގެ ސަލާމަތީ ބާރުތަކުގެ އޮފިޝަލުން މިހާތަނަށް 13 ގެއަކަށް ނޯޓިސް ފޮނުވާފައިވާއިރު މި 13 ގެ 21 ދުވަހުގެތެރޭ އެސަރަހައްދުން ނަގާނެކަމަށް މި ނޯޓިސްގައި ބުނެފައި ވެއެވެ.

ސިލްވާންގެ ބުސްތާން ނަމަކަށްކިޔާ ސަރަހައްދުގައި އިސްރާއިލުން ދީނީ ތީމް ޕާކް ހެދުމުގެ މަސައްކަތް ފަށައިފައިވާއިރު މި ސަރަހައްދުގައި ފަލަސްތީން ރައްޔިތުން ދިރިއުޅުމަށް ހަދާފައިވާ ގެތަކަކީ ގެ އެޅުމުގެ ހުއްދަތައް ނުނަގައި އަޅައިފައިވާ ގެތަކެއް ކަމަށް މީގެ ކުރީ ހަފްތާއެއްގައި އިސްރާއިލުގެ ކޯޓަކުންވަނީ ނިންމައިފައެވެ.

އިސްރާއިލުގެ ކޯޓުން މިގޮތަށް ނިންމި ނަމަވެސް މި ގެތަކުގައި ދިރިއުޅެމުންދާ ފަލަސްތީން ރައްޔިތުން ބުނަމުން އައްނަނީ އެތަނުން ބަޔެއް އާއިލާތަކަކީ އިސްރާއިލުން އިތުމަތީ ގުދުސް ހިފުމުގެ ކުރިންވެސް އެސަރަހައްދުގައި ދިރިއުޅެމުން އައި އާއިލާތައް ކަމަށެވެ.

ފަލަސްތީނުގެ ބިމުގައި އިސްރޭލުގެ ނަމުގައި ޔަހޫދީންގެ ހަރުކަށި ދައުލަތެއް ގާއިމު ކުރެވުނީ 14 މެއި 1948 ގައެވެ. އެމެރިކާއާއި އިނގިރޭސިންގެ ބާރުގައި އެ ދައުލަތް އުފެއްދީ ފަލަސްތީނުގެ ބިން ދެބައިކުރުމަށްފަހު އެއްބައިގައެވެ. އޭރު ފަލަސްތީނު އޮތީ އިނގިރޭސީންގެ ބެލެހެއްޓުމުގެ ދަށުގައެވެ. އެ ދައުލަތް އުފެއްދީވެސް ގުދުސް ދެބައިކޮށް ހުޅަނގުބައި އިސްރޭލުގެ ބައެއްގެ ގޮތުގައި ހިމެނިގެންނެވެ. އިރުމަތީ ގުދުސް ދެންވެސް އޮތީ ފަލަސްތީނުގެ ސަހަރެއްގެ ގޮތުގައެވެ. އެކަން ނިމުމަކަށް އައިސް އިރުމަތީ ގުދުސް އިޒްރޭލުން ހިފީ 1967 ވަނަ އަހަރު މެދުއިރުމަތީގައި ކުރެވުނު މަޝްހޫރު ހަ ދުވަހުގެ ހަނގުރާމައިގައެވެ.

 

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ