ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުގެ ސިފައިން ޣައްޒާގައި ފަލަސްތީނުގެ 79 މީހަކު ޝަހީދުކޮށްލައިފިއެވެ.
މިކަންހާމަކޮށްފައި ވަނި ފަލަސްތީނުގެ ހެލްތު މިނިސްޓްރީންނެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނީ އޮކްޓޯބަރު 07، 2023 އިން ފެށިގެން އިސްރާއީލުން ހިންގި ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި މަދުވެގެން 53،901 ފަލަސްތީނު މީހުން ޝަހީދުވެފައިވާ ކަމަށެވެ.
އަދި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 79 މީހުންގެ ފުރާނަނެތް ހަށިގަނޑު ހޮސްޕިޓަލަށް ގެނެސްފައިވާއިރު، 211 މީހަކަށް ވަނީ އަނިޔާވެފައިކަމަށެވެ.
"ހަމަލާތަކުގައި ޒަހަމްވެފައިވާ މީހުންގެ ތެެރެއިން އެތައް ބަޔަކު ވާކަން ހާމަކޮށް އެ މިނިސްޓްރީން ބުނީ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ޝަހީދުވެފައިވާ މީހުންނާއި ޒަހަމްވެފައިވާ މީހުން ތިބޭނެ ކަމަށެވެ.
މީގެ އިތުރުން އިސްރާއީލުގެ ހަމަލާތަކުގައި މިހާތަނަށް ޒަޚަމްވި މީހުންގެ އަދަދު 122،593 އަށް އަރާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
އިސްރާއީލު ސިފައިން ޣައްޒާއަށް އަލުން ހަމަލާތައްދޭން ފެށީ މި އަހަރުގެ މާޗް 18 ވަނަ ދުވަހު އެވެ.
އޭގެ ފަހުން ވަނީ 3،747 މީހުން ޝަހީދުކޮށްލާ 10،600 އާ ގާތްކުރާ އަދަދަކަށް މީހުން ޒަޚަމްކޮށްލާފައެވެ. މިދިޔަ ނޮވެމްބަރު މަހު އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ކުރީގެ ޑިފެންސް މިނިސްޓަރު ޔޯއަވް ގަލަންޓް ހައްޔަރު ކުރުމުގެ އަމުރު ނެރެފަ އެވެ.



