ޗައިނާގެ ޖައްވީ އުޅަނދެއް ކާމިޔާބުކަމާއެކު ޕުލެނެޓް މާރސް އަށް ތިރިކޮށްފައިވާކަން އެގައުމުގެ ދައުލަތުގެ މީޑިއާއިން މިއަދު ހާމަކޮށްފިއެވެ.
ހަފުރޮޅުލީ މި ޖައްވީ އުޅަނދު ނުވަތަ ރޮބޮޓުގެ ނަމަކީ ޝުރޮންގް އެވެ. ޝުރޮންގް ތިރި ކޮށްފައިވަނީ ޕުލެނެޓް މާރސްގެ އުތުރުގައިވާ ޔޫޓޯޕިއާ ޕްލެނީޝިއާ ކިޔާ ހިސާބަކަށެވެ. މި ސަރަހައްދަކީ ޕުލެނެޓް މާރސްގެ އުތުރު ހެމެސްފިއާގައިވާ ސަރަހައްދެކެވެ.
ޝުރޮންގް ޕުލެނެޓް މާރސް އަށް ތިރިކުރުމަށް ރައްކާތެރިކަމުގެ ކެޕްސޫލްއަކާ، ވައިކުޑައަކާއި، އަދި ރޮކެޓް ޕުލެޓްފޯމްއެއް ބޭނުން ކޮށްފައި ވެއެވެ. މުޅި ދުނިޔޭގެ ނިސްބަތުން ބަލާނަމަވެސް ޕުލެނެޓް މާރސް އަށް ޗައިނާއިން ޖައްވީ އުޅަނދެއް ޖެއްސުން ވެގެންގޮސްފައިވަނީ ބޮޑު ކާމިޔާބީއަކަށެވެ. މިކަމަށް ނާސާއިންވެސްވަނީ ޗައިނާއަށް މަރުހަބާ ކިޔައިފައެވެ.
މިހާތަނަށް ޕުލެނެޓް މާރސް އަށް އުޅަނދެއް ތިރިކޮށްފައިވަނީ ހަމައެކަނި އެމެރިކާގެ ނާސާއެވެ. އެހެން ގައުމުތަކުން މިކަމަށް ކުރި މަސައްކަތްތައް މިހާތަނަށްވަނީ ނާކާމިޔާބު ވެފައެވެ. ޗައިނާގެ ރައީސްވެސްވަނީ މިޝަން ޓީމަށް ހާއްސަ މެސެޖެއް ފޮނުއްވައި މަރުހަބާ ވިދާޅުވެފައެވެ.
ޗައިނާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި ޝުރޮންގް ޕުލެނެޓް މާރސް އަށް ތިރިކޮށްފައިވަނީ، ބެއިޖިން ގަޑިން މިއަދު ހަތެއް ޖެހިތާ ކުޑައިރުކޮޅެއް ފަހުންނެވެ. ޕުލެނެޓް މާރސް އަށް ޝުރޮންގް ތިރިކޮށް ސޯލާޕެނަލްތައް ހުޅުވާލާ ދުނިޔެއަށް މެސެޖް ފޮނުވުމާއި ދޭތެރޭ 17 މިނެއްޓު ނެގިއެވެ.
ޝުރޮންގް އުފުލައިފައިވަނީ ޓިއަންވެން-1 އޯބިޓާ ގައެވެ. ޓިއަންވެން-1 ޕުލެނެޓް މާރސް އާއި ހަމައަށް ދަތުރުކޮށްފައިވަނީ ފެބުރުއަރީ މަހުގެ ތެރޭގައެވެ. ފެބްރުއަރީ މަހުން ފެށިގެން ޕުލެނެޓް މާރސް ވަށާ ބުރު ޖަހަމުންދާ އެ އޯބިޓާއިން އަންނަނީ ޕުލެނެޓުގެ ގިނަ ފޮޓޯތަކެއް ނަގައި، ދުނިޔެއަށް ފޮނުވަމުންނެވެ.



