މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދިވެހިން އިސްރާއީލުގެ އަނިޔާއާއި ދެކޮޅަށް ތިބިކަން ހާމަކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) މެންބަރުންގެ އަރިހުން އެދިވަޑައިގެންފިއެވެ.
ރީކޯ ވިދާޅުވީ ފަލަސްތީނުގެ އެތަށްރައްޔިތުންނެއް ޝަހީދުކޮށް އިމާރާތްތަށް ސުންނާފަތި ކުރަމުންދާއިރު ދިވެހިރާއްޖޭގެ ރައްޔަތުންގެ މަޖްލީހުގެ ރިޔާސަތުން ޚާއްސަ ޖަލްސާއެއްނުބޭއްވި ނަމަވެސް، މާދަމާގެ ޖަލްސާގައި އިސްރާއިލުގެ އަނިޔާއާއި ދިވެހިން ދެކޮޅަށް ތިބިކަން ހާމަކޮށްދެއްވުމަށް އާދޭހާއެކު ދަންނަވާކަމަށެވެ.
"މާދަމާ ފެށޭ ޖަލްސާގައި މެމްބަރުން އިޒުރޭލުގެ އަނިޔާއާއިދެކޮޅަށް ދިވެހީންތިބިކަން ހާމަކޮށްދެއްވާ" ރީކޯ ވިދާޅުވިއެވެ.
އިސްރާއިލުން ފަލަސްޠީނަށް ދެމުން ގެންދާ ވަރުގަދަ ހަމަލާތަކުގައި ކޮންމެ ދުވަހަކު ފަލަސްޠީންގެ އެތައް ރައްޔިތުންނެއް ދަނީ ޝަޙީދުވަމުންނެވެ. މީގެ އިތުރުން ފަލަސްޠީންގެ އެތައް އިމާރާތެއް އިސްރާއިލް ސިފައިން ބޮންއަޅާ ވަނީ ބިމާ ހަމަކޮށްފައެވެ. މި ހަމަލާތަކުގައި ފަލަސްޠީންގެ އެތައް ބަޔަކު ވަނީ ޒަޙަމްވެފައެވެ. ޒަޙަމްވާ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންވެސް ހިމެނެއެވެ.
ފަލަސްތީނުގެ އެތަށްރައްޔަތުންނެއް ޝަހީދުކޮށް އިމާރާތްތަށްސުންނާފަތި ކުރަމުންދާއިރު މިރާއްޖޭގެ ރައްޔަތުންގެ މަޖްލީހުގެ ރިޔާސަތުން ޚާއްސަ ޖަލްސާއެއްނުބޭއްވިއެއްކަމަކު،
މާދަމާފެށޭޖަލްސާގައި މެމްބަރުން އިޒުރޭލުގެ އަނިޔާއާއިދެކޮޅަށް ދިވެހީންތިބިކަން ހާމަކޮށްދެއްވާ.
އާދޭސް!— Moosa Maniku (Reeko) (@ReekoMoosa) May 16, 2021
އިސްރާއީލުގެ މި ހަމަލާތަކައި ގުޅިގެން ފަލަސްޠީންގެ ޙަމާސް ޖަމާޢަތުން ވަނީ އިސްރާޢީލަށް ވަރުގަދަ ރައްދު ހަމަލާތަކެއް ދީފައެވެ. ހަމާސްގެ މި ހަމަލާތަކުގައި އިސްރާއީލުގެ ބައެއް ރައްޔިތުން މަރުވެފައިވާއިރު، ހަމާސްގެ މި ހަމަލާތަކާ ގުޅިގެން އިސްރާއީލަށް ކުއްލި ސިހުމެއްލިބި އެ ޤައުމު ވަނީ ވަރަށް ބޮޑަށް ބިރުވެރިކަމަކަށް ވެއްޓިފައެވެ.
އިސްރާޢީލުގެ އަނިޔާއާއި ދެކޮޅަށް ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކަކުން އަންނަނީ އަޑު އުފުލަމުންނެވެ. އެގޮތުން އިސްރާއީލުގެ އަނިޔާވެރި ޢަމަލުތައް ހުއްޓާލުމަށާއި ފަލަސްޠީންގެ ރައްޔިތުންނާއެކު ތިބިކަން ހާމަކޮށް ދުނިޔޭގެ ބޮޑެތި ޤައުމުތަކުގައިވެސް ވަނީ ބޮޑެތި އެއްވުންތައް ބާއްވާފައިވެއެވެ.
ދިވެހިރާއްޖެއިންވެސް ވަނީ އިސްރާއީލުގެ އަމަލުތައް ކުއްވެރިކޮށްފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވަނީ އިސްރާއީލުން މާތްވެގެންވާ މަސްޖިދުލްއަގްސާއަށާއި އެތަނުގައި އަޅުކަން ކުރަންތިބި މީހުންނަށް ދެމުން ގެންދިޔަ އުދުވާނީ ހަމަލާތައް ކުއްވެރިކުރާކަމަށާއި، ދިވެހިން ތިބީ ފަލަސްޠީންގެ ރައްޔިތުންނާއެކު ކަމަށެވެ.
ރާއްޖޭގައިވެސް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައިވެސް ފަލަސްޠީނާއެކު ތިބި ކަން ހާމަ ކުރަމުންނެވެ.




