ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ފަލަސްތީނުގެ އާއްމުންނަށް އިސްރާއީލުން ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ.
މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު، މިހެން ގޮވާލައްވާފައިވަނީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ އެގްޒެކެޓިވް ކޮމިޓީގެ ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ބޭއްވި އެކްސްޓްރާއޯޑިނަރީ ވަރޗުއަލް ބައްދަލުވުމުގައި މިއަދު ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
ސަޢޫދީ ޢަރަބިއްޔާގެ އިސްނެގުމަކަށް ބޭއްވި މި ބައްދަލުވުމަކީ ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ދެމުންދާ ޢުދުވާނީ ޙަމަލާތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ދެއްކެވި ވާހަކަފުޅުގައި، އިސްރާއީލް ސިފައިން ހިފާފައިވާ އިރުމަތީ ޤުދުސް އަދި ޣައްޒާގައި ފަލަސްތީނުގެ އާއްމުންނާއި ދެކޮޅަށް ދެމުންދާ ނުރައްކާތެރި ޙަމަލާތައް ކުށްވެރިކުރެއްވިއެވެ. އަދި ޝެއިޚް ޖައްރާގައި ފަލަސްތީނުގެ އާއިލާތައް ގަދަކަމުން އެމީހުންގެ ގެދޮރުން ނެރުމާއި، އަލްއަޤްޞާ ގައި އަޅުކަން ކުރަން ތިބި ހަތިޔާރެއް ނެތް މުސްލިމުންނަށް ޙަމަލާދިނުމާއި އަދި މެދުކެނޑުމެއްނެތި އިސްރާއީލުން ޣައްޒާއަށް ދެމުންދާ ބޮމުގެ ޙަމަލާތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް އަދި އދގެ ސަލާމަތީ މަޖިލީހުގެ ޤަރާރުތަކާ ދެކޮޅަށް ހިންގަމުންދާ އަމަލުތަކެއްކަމަށް ވިދާޅުވިއެވެ.
Today, I joined fellow Foreign Ministers of @OIC_OCI in expressing solidarity with #Palestine, calling for an immediate halt to attacks.
The #Maldives condemns in strongest terms the attacks by Israeli forces on innocent Palestinian people, in violation of international law. pic.twitter.com/6IGS6yCyfP
— Abdulla Shahid (@abdulla_shahid) May 16, 2021
އަދި މެދުއިރުމަތީގެ ސުލްހަށް އޮތް ހަމައެކަނި ހައްލަކީ 1967 ވަނަ އަހަރު ބައިނަލްއަޤްވާމީ ގޮތުން އެއްބަސްވެވިފައިވާ ސަރަހައްދީ އިންތަކުގެ މައްޗަށް އެކަށައެޅޭ ފަލަސްތީނާއި އިސްރާއީލުގެ މިނިވަން ވަކި ދެ ދައުލަތް ޤާއިމްކުރުން ކަމަށާއި، އަދި ފަލަސްތީނުގެ މިނިވަން ދައުލަތުގެ ވެރިރަށަކީ އިރުމަތީ ޤުދުސްކަމަށް ބަލައިގަނެގެންކަމަށެވެ.
އޯ.އައި.ސީގެ ބައްދަލުވުން ނިންމާލާފައިވަނީ ޙަމަލާ ދިނުން ހުއްޓާލުމަށް ގޮވާލާ އަދި އިސްރާއީލުން ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފުވެފައިވާތީ އެކަން ކުށްވެރިކޮށް ބަޔާނެއް އެޑޮޕްޓްކުރުމަށްފަހުއެވެ.
57 މެމްބަރު ޤައުމުގެ މައްޗަށް އެކުލެވޭ އޯ.އައި.ސީއިން ގެންދަނީ މެދުނުކެނޑި ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުގައި ވަކާލާތުކޮށް، "ޓޫ ސްޓޭޓް ސޮލިއުޝަން" އަށް ގޮވާލަމުންނެވެ.
ޚަބަރާއި ފޮޓޯ: މިނިސްޓްރީ އޮފް ފޮރިންގ އެފެއާރޒް




