އިޒްރާއިލުން އިސްވެ ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލުގައި މަސައްކަތްކުރާ ދެ ޑޮކްޓަރުން ޝަހީދުކޮށްލައިފިއެވެ.
ހަމާސް ޖަމާއަތުގެ އަމާޒުތަކަށްކަމަށް ބުނެ އިޒްރާއިލުން ދެމުންގެންދާ ވައިގެ ހަމަލާތަކުގެ އަމާޒުފަތްގަނޑަކަށްވެ ޝަހީދުވި ދެ ޑޮކްޓަރުންނަކީ، އިންޓާރނަލް މެޑްސިންގެ ހާއްސަ ޑޮކްޓަރު ޑރ. އައިމަން އަބޫ އަލް އައުފް އަދި ނިއުރޮލަޖިސްޓް ޑރ. މޫއިން އަހްމަދު އަލް އަލޫލް އެވެ.
މި ދެ ޑޮކްޓަރުންވެސް ޝަހީދުވެފައިވަނީ އާދިއްތަ ދުވަހު ޣައްޒާގެ އަލް ވެހްދާ ޑިސްޓްރިކްޓަށް އިޒްރާއިލުން ވައިގެމަގުން ދިން ހަމަލާތަކުގައެވެ. މި ހަމަލާތަކުގައި ޑރ. އައިމަންގެ އާއިލީ ބަޔެއް މެންބަރުންވެސް ޝަހީދުވެފައިި ވެއެވެ. ބޭރުގެ ޚަބަރުފަތުރާ އިދާރާތަކުން ރިޕޯޓުކުރާ ގޮތުގައި މިހާރުވެސް ބާރު ބޮޑުވެފައިވާ ޣައްޒާގެ ސިއްހީ ނިޒާމަށް މި ހާދިސާގެ ސަބަބުން އިތުރު ގެއްލުންތައް ލިބިގެން ދާނެއެވެ.
އަލް ޖަޒީރާ ނިއުސްއާއި ވާހަކަ ދައްކަމުން ޑރ. މޫއީންގެ އަންހެން ދަރިފުޅު ބުނެފައިވަނީ އެމީހުން ދިރިއުޅެމުންދިޔަ ގެޔަށް އިޒްރާއިލު ސިފައިން ވައިގެ ހަމަލާ ދީފައިވަނީ ކުރިން އެއްވެސް އެންގުމަކާނުލައި ކުއްލިއަކަށް ކަމަށެވެ.
އިޒްރާއިލުން ޣައްޒާއަށް އަމާޒުކޮށް ވައިގެ ހަމަލާތައް ދޭތާ އަށްދުވަސް ވެފައިވާއިރު މިހާތަނަށް ޣައްޒާއިން 190 އަށްވުރެ ގިނަ މީހުންވަނީ ޝަހީދުވެފައެވެ. މީގެތެރޭގައި 50 ވުރެ ގިނަ ކުޑަކުދިންވެސް ހިމެނެއެވެ. މީގެއިތުރުން މި ހަމަލާތަކުގެ ސަބަބުން ގިނަ ބަޔެއްގެ ގެދޮރުވެސްވަނީ ގެއްލުފައެވެ.




