ކ.ފުށިދިއްގަރު ފަޅުގައި ސްޕެޝަލް ޓޫރިސްޓް ޒޯނެއް ތަރައްޤީކުރުމަށް ވެވުނު އެގްރީމަންޓުގައި ސޮއިނުކުރެވި ލަސްވެގެން ދިއުމުގެ ސަބަބުން އެ ކުންފުޏަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމަށްބުނެ ދިވެހި ދައުލަތުގެ މައްޗަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑުން ދަޢުވާކުރުމުން ސިވިލްކޯޓުގައި ބެލުނު މައްސަލަ އިސްތިއުނާފުކުރުމަށް ދިވެހި ސަރުކާރުން ނިންމައިފިއެވެ.
ސިވިލްކޯޓުގެ ނަންބަރު 1920/Cv-C/2013 ޤަޟިއްޔާއިން ބެލުނު މިމައްސަލައަކީ، ކ.ފުށިދިއްގަރު ފަޅުގައި ސްޕެޝަލް ޓޫރިސްޓް ޒޯނެއް ތަރައްޤީކުރުމަށްޓަކައި ދިވެހިސަރުކާރާއި ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާ ދެމެދު ޖޮއިންޓް ވެންޗަރ ކުންފުންޏެއް ހެދުމަށް އެއްބަސްވެ 18 ޖެނުއަރީ 2013 ވަނަ ދުވަހު ސޮއިކޮށްފައިވާ ޖޮއިންޓް ވެންޗަރ އެގްރީމަންޓުގެ ދަށުން ޖޮއިންޓް ވެންޗަރ ކުންފުނި ރަޖިސްޓަރީކޮށްދީފައިނުވާތީ އެކަމުގެ ސަބަބުން ޖޮއިންޓް ވެންޗަރ ކުންފުންޏަށް ސަރުކާރުން ދޫކުރަން ނިންމާފައިވާ ފުށިދިއްގަރު ފަޅުގެ ލީޒް އެގްރީމަންޓުގައި ސޮއިނުކުރެވި ލަސްވެގެން ދިއުމުގެ ސަބަބުން އެ ކުންފުޏަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމަށްބުނެ އެ ޖޮއިންޓް ވެންޗަރ ކުންފުނި ރަޖިސްޓަރީ ކޮށްދިނުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ މައްޗަށް އެންގުމަށާއި ބަޔާންވެދިޔަ އެގްރީމަންޓުގެ ދަށުން ލީޒް ކުރުމަށް ހަމަޖެހިފައިވާ ފަޅު އެކުންފުންޏަށް ލީޒް ކުރުމާ ބެހޭގޮތުން ބަޔާންވެދިޔަ އެއްބަސްވުމުގައި އެއްބަސްވެފައިވާ ގޮތުގެ މަތިން ޢަމަލުކުރުމަށް ދިވެހި ސަރުކާރުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާއި މިނިސްޓްރީ އޮފް ޓޫރިޒަމަށް ރައްދުވާގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑުން ދަޢުވާކުރުމުން ބެލުނު މައްސަލައެކެވެ.
އޭޖީ އޮފީހުން ވިދާޅުވީ، ސިވިލް ކޯޓުން މި މައްސަލާގައި 15 ޖުލައި 2014 ގައި ޙުކުމް ކުރައްވާފައިވަނީ އެ ދުވަހުން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި ޖޮއިންޓް ވެންޗަރ ކުންފުނި ރަޖިސްޓްރީ ކޮށްދިނުމަށާއި އަދި ދިވެހި ސަރުކާރާއި ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާ ދެމެދު ވެފައިވާ ޖޮއިންޓް ވެންޗަރ އެގްރީމަންޓްގައިވާ ގޮތުގެ މަތީން ޖޮއިންޓް ވެންޗަރ ކުންފުނި ރަޖިސްޓްރީ ކުރާތާ 05 (ފަހެއް) ދުވަހުގެ ތެރޭގައި އެގްރިމަންޓްގައި ބަޔާންވެގެންވާފަދައިން މައްސަލާގައި ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ މާސްޓަރ ލީސް އެގްރީމަންޓްގައި ސޮއިކުރުމަށްކަމަށެވެ.
އަދި ދައުލަތާ ދެކޮޅަށް ނިމުނު މި މައްސަލަ، އިސްތިއުނާފު މުއްދަތުގެ ތެރޭގައި އޭރުގެ ސަރުކާރުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިނުވާ މައްސަލަ، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ގެންދަނީ ތަޙުޤީޤުކުރަމުންނެވެ.
މީގެއިތުރުން ޕްރެސިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީން މި މައްސަލަ ތަޙުޤީޤުކުރައްވައި، ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު ދިވެހި ސަރުކާރުގެ ފަރާތުން ޖޮއިންޓްވެންޗަރ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް، ދައުލަތަށް ކަނޑައެޅިގެން ގެއްލުންވާގޮތަށް ކަމަށް ބަޔާންކޮށް އެކަމުގެ ތުހުމަތު، އެއްބަސްވުމުގައި ސޮއިކޮށްފައިވާ، އޭރުގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ޢަބްދުﷲ ޖިހާދަށް ކުރެވޭކަމަށް ބަޔާންކޮށްފައިވާއިރު، މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން، ޢަބްދުﷲ ޖިހާދުގެ މައްޗަށް ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާ ކުރުމަށް ކްރިމިނަލް ކޯޓަށް 25 އޮކްޓޫބަރު 2020 ގައި ހުށަހަޅާފައިވާކަން އެ އޮފީހުން އެދުވަހު ނެރެފައިވާ ނޫސް ބަޔާނުން އެނގެން އޮންނަކަމަށްވެސް އެއޮފީހުން ވިދާޅުވިއެވެ.
"ސިވިލްކޯޓުގެ ނަންބަރު 1920/Cv-C/2013 ޤަޟިއްޔާއިން ބެލުނު މައްސަލައިގައި ދައުލަތުގެ ފަރާތުން ޖަވާބުދާރީވެފައިވަނީ އިސްވެ ދެންނެވި ޖޮއިންޓް ވެންޗަރ އެއްބަސްވުމަކީ ޤާނޫނާ އެއްގޮތަށް ސޮއިކޮށްފައިވާ ޞައްޙަ އެއްބަސްވުމެއްކަމުގައި ބަލައިގެންކަން އެނގެން އޮންނައިރު، ޕްރެސިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގެ ތަޙްޤީޤު ރިޕޯޓުގައި، އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ވަކިފަރާތަކަށް ނާޖާއިޒް ފައިދާ ލިބޭގޮތަށް ދައުލަތަށް ކަނޑައެޅިގެން ގެއްލުންވާގޮތަށް ކަމަށް ބަޔާންކޮށްފައި އޮތުމުން، އިސްވެ ދެންނެވި ޖޮއިންޓް ވެންޗަރ އެއްބަސްވުމަކީ ޤާނޫނާ އެއްގޮތަށް ސޮއިކޮށްފައިވާ ޞައްޙަ އެއްބަސްވުމެއް ނޫންކަށް އެނގެން އޮންނާތީ، މި މައްސަލައާ ގުޅިގެން މި އޮފީހަށް ލިބިފައިވާ އައު ހެއްކާއި މަޢުލޫމާތުތަކަށް ބަލާއިރު، މި މައްސަލައިގެ ޙުކުމަކީ ފާޅުކަން ބޮޑު ގޮތެއްގައި ޢަދުލު އިންޞާފަށް ހުރަސްއެޅޭގޮތަށް އޮތް ޙުކުމެއްކަމަށް ފެންނާތީ، އެ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި މިއަދު ވަނީ އެ ކޯޓަށް ހުށަހަޅާފައެވެ." އެޓަރނީ ޖެނެރަލްގެ އޮފީހުން ވިދާޅުވިއެވެ.
ދިވެހި ސަރުކާރާ ދެކޮޅަށް ސިންގަޕޯރ އާބިޓްރޭޝަން ސެންޓަރަށް މައްސަލައެއް ހުށަހެޅައިފި




