އިޒްރާއިލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ވައިގެ ހަމަލާތަކުގައި ޣައްޒާގެ ނޫސްވެެރިއަކު މިއަދު ޝަހީދުކޮށްލައިފިއެވެ.
އިޒްރާއިލުގެ ވައިގެ ހަމަލާތަކުގައި މިއަދު ޝަހީދުވި ނޫސްވެރިއަކީ ވޮއިސް އޮފް އަލް އަގްސާ ރޭޑިއޯގައި މަސައްކަތްކުރާ ޔޫސުފް އަބޫ ހުސައިން ނަމަކަށްކިޔާ ނޫސްވެރިއެކެވެ.
މައުލޫމާތު ލިބޭގޮތުގައި ޔޫސުފް ޝަހީދުވެފައިވަނީ ޣައްޒާގައި ހުންނަ ޔޫސުފްގެ ގެޔައް އަމާޒުކޮށް އިޒްރާއިލު ސިފައިން މިއަދު ދިން ވައިގެ ހަމަލާގައެވެ. އިޒްރާއިލުން ޣައްޒާގެ ޝެއިހް ރަދްވާންއޭ ކިޔާހިސާބައް ދިން ވައިގެ ހަމަލާތަކުގައި ހަތަރުމީހުން ޝަހީދުވެފައި ވެއެވެ.
#URGENT #Palestine????????: Journalist Yusef Abu Hussein was killed after an Israeli bombardment of his house in the Sheikh Radwan neighborhood of #Gaza #EndImpunity pic.twitter.com/kaWgoQJwVe
— IFJ (@IFJGlobal) May 19, 2021
ޔޫސުފްގެ ބައްޕަ މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ގެޔައް އަމާޒުވެފައިވަނީ މެސެއިލެއް ކަމަށާއި ހަމަލާއިން ޔޫސުފް ނޫން އާއިލާ އެހެން މެންބަރުން ސަލާމަތް ވެފައިވާ ކަމަށެވެ.
އިޒްރާއިލުގެ ވައިގެ ހަމަލާގައި ނޫސްވެރިއަކު ޝަހީދުވުމާއެކު ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތްކުރާ ބަޔެއް ފަރާތްތަކުން އައްނަނީ އިޒްރޭލުގެ މި އަމަލު ބަލަންޖެހޭނެ ކަމަށް ގޮވާލަމުންނެވެ.
އިޒްރާއިލުން މީގެކުރިންވެސްވަނީ ބަޔެއް ނޫސްވެރިންނަށާއި ނޫސްއިދާރާތަކަށް އަމާޒުކޮށް ހަމަލާތައް ދީފައެވެ. މިގޮތުން މިދާދިފަހުން އިޒްރާއިލުންވަނީ އަލްޖަޒީރާ އޮފީސް ހުންނަ އިމާރާތައްވެސް ހަމަލާދީ އެ އިމާރާތް ބިމާހަމަކޮށްލާފައެވެ.




