"ފްރެންޑްސް ރީޔުނިއަން"ގެ އާ ޓްރެއިލާއެއް، އުފަލުން ރޮއްވާލައިފި!

2004  ވަނަ އަހަރު ނިއްމާލި ކާމިޔާބު ޓީވީ ސީރީޒް "ފްރެންޑްސް"ގެ  ހާއްސަ ރީޔުނިއަންގެ އާ ޓްރެއިލާއެއް ދައްކާލައިފިއެވެ.

މި ޓްރެއިލާ ދައްކާލައިފައި މިވަނީ، އެޗްބީއޯ މެކްސް އާއި ފްރެންޑްސްގެ ކާސްޓުން "ފްރެންޑްސް ރީޔުނިއަން" މެއި 27 ގައި ޕްރީމިއާ ކުރާނެކަން އިއުލާންކޮށް ކުޑަ ޓީޒާ ކޮޅެއް ދައްކާލިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ.

ދުނިޔޭގެ އެކިހިސާބުތަކުގައި ހުރި މި ޝޯގެ ފޭނުން އިންތިޒާރުކުރަމުން އައި "ފްރެންޑްސް ރީޔުނިއަން" މެއި 27 ގައި ޕްރީމިއާ ކުރާކަން އިއުލާންކުރި ޙަބަރާއެކު މީސްމީޑިއާގައި އެތައް މިލިއަން ފޭނުންނެއް އުފާފާޅުކުރިއިރު، އެޗްބީއޯ މެކްސް އިން އިއްޔެ ނެރުނު އާ ޓްރެއިލާއިންވެސް ފޭނުން މިވަނީ އުފަލުން ރޮއްވާލައިފައެވެ.

ދެ މިނެޓާއި ދިހަ ސިކުންތުގެ މި ޓްރެއިލާއިން "ފްރެންޑްސް" އިން ފެނިގެންދިޔަ ހަ ތަރިން ކަމުގައިވާ، ޑޭވިޑް ޝްވިމާ(ރޮސް)، މެތިއު ޕެރީ(ޗޭންދްލާ)، މެޓް(ޗޯއީ)، ލީސާ ކުޑްރޯ(ފީބީ)، ޖެނިފާ އެނިސްޓަން(ރޭޗަލް)، އަދި ކޯޓްނީ ކޮކްޒް(މޮނިކާ)، "ފެރެންޑްސް ރީޔުނިއަން" އިން ފެނިގެންދާނެ ގޮތް ދައްކާލައިފައިވެއެވެ.

"ފްރެންޑްސް ރީޔުނިއަން" އަކީ ސްކްރިޕްޓެއްގެ މައްޗަށް ހަދާ އާ އެޕިސޯޑެއް ނޫނެވެ. އޭގެ ބަދަލުގައި މި ޓްރެއިލާއިން ފެނިގެންދަނީ، އެންމެންގެ ލޯބި ލިބިފައިވާ މި ހަ އެކްޓަރުން ފްރެންޑްސްގެ މަންޒަރުތައް ނަގައިފައިވާ ސެޓައް އަލުން ޒިޔާރަތްކޮށް، އެ މީހުން މި ޝޯގައި ހޭދަކުރި ދުވަސްވީ "ދަތުރު"ގެ ހަނދާންތައް އާކޮށް އެކަމާއި ބެހޭގޮތުން ވާހަކަ ދައްކާ މަންޒަރެވެ.

އެގޮތުން، "ފްރެންޑްސް"ގެ އެންމެ ހާއްސަ ސެޓްތައް ކަމުގައިވާ، "މޮނިކާ" އާއި "ޖޯއީ" ގެ އެޕާޓްމެންޓާއި، ކޮންމެ ދުވަހަކު ކެރެކްޓަރތައް ކޮފީ ބުއިމުގައި ހޭދަކުރާ "ސެންޓްރަލް ޕާކް" ކެފޭ އާއި "ފައުންޓެއިން" ގައި މި ހަ ތަރިން ވަގުތުތައް ހޭދަކުރާ މަންޒަރު ފެނިގެންދެއެވެ.

ފްރެންޑްސް ރީޔުނިއަންގެ މަންޒަރެއް

"ފްރެންޑްސް"ގެ ހަ ތަރިންނާއެކު، ރީޔުނިއަންގައި ގެސްޓް ތަރިންތަކެއްވެސް ފެނިގެންދާނެއެވެ.  އޭގެތެރޭގައި، ޑޭވިޑް ބެކަމް، ޖަސްޓިން ބީބާ، ލޭޑީ ގާގާ، އަދި ޖޭމްސް ކޯޑެން ފަދަ މަޝްހޫރު ސެލެބްރިޓީން މި ރީޔުނިއަންގައި ފެނިގެންދާނެއެވެ.

"ފްރެންޑްސް ރީޔުނިއަން" މެއި 27 ގައި އެޗްބީއޯ މެކްސް އިން ޕްރީމިއާ ކުރާއިރު، މިއީ އެތައް މިލިއަން ފޭނުން ކުރަމުން އައި ދިގު އިންތިޒާރީއެއްގެ ނިމުމެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ