ޗައިނާއިން "ފްރެންޑްސް ރީޔުނިއަން" ސެންސަރުކޮށްފައި ދެއްކީ ކީއްވެ؟

މި މަހުގެ 27 ގައި އެޗްބީއޯއީ މެކްސްއިން ދެއްކި، "ފްރެންޑްސް" ރީޔުނިއަން ޗައިނާގެ ޕްލެޓްފޯމުގައި ދައްކާފައިވަނީ ސެންސަރުކޮށްފައި ކަމަށް މީޑިއާގައި ރިޕޯޓުކޮށްފިއެވެ.

ދުނިޔޭގެ ގިނަ ބަޔަކު އިންތިޒާރުކުރި "ފްރެންޑްސް ރީޔުނިއަން" ޗައިނާގެ އޮންލައިން ޕްލެޓްފޯމުތަކުން ދައްކާފައިވަނީ ތިން މަންޒަރެއް އުނިކުރުމަށްފަހުއެވެ. އެއީ އެ އެޕިސޯޑުގައި ބައިވެރި 3 ގެސްޓް ސްޓާރެއް ފެނިގެންދާ މަންޒަރުތަކެވެ.

އެގޮތުން އުނިކޮށްފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ލޭޑީ ގާގާ، ޖަސްޓިން ބީބާ، އަދި ކޭ-ޕޮޕް ބޭންޑް ބީޓީއެސް ފެނިގެންދާ މަންޒަރުތަކެވެ.

އެގޮތުން ޗައިނާގައި މި މަންޒަރުތައް އުނިކުރި ސަބަބުތަކަށް ބަލާއިރު، ބީޓީއެސް ބޭންޑް ފެނިގެންދާ މަންޒަރު ފުހެލާފައިވަނީ، ސައުތުކޮރެއާ އާއި އެމެރިކާގެ ސިފައިން ކޮރެއާގެ ހަނގުރާމައިގައި ވެފައިވާ ގުރުބާނީތަކުގެ ވާހަކަ އެ ބޭންޑުން ދާދިފަހަކުން ދެއްކުމާއި ގުޅިގެންނެވެ.

މަޝްހޫރު އާޓިސްޓް، ޖަސްޓިން ބީބާ ގެ މަންޒަރު "ފްރެންޑްސް ރީޔުނިއަން" އިން ފުހެލައިފައިވަނީ، އޭނާ 2014 ވަނަ އަހަރު ޓޯކްޔޯގެ، ޔަސުކުނީ ޝްރައިންއަށް ކުރި ދަތުރެއްގައި އެތަނުގެ ފޮޓޯއެއް އިންސްޓަގްރަމްގައި ހިއްސާކުރުމާއި ގުޅިގެންނެވެ.  އެ ޝްރައިން އަކީ ޖަޕާންގެ ހަނގުރާމައިގައި މަރުވި މީހުންގެ ޝަރަފްވެރިކޮށްދޭ ތަނެކެވެ. އޭގެ ތެރޭގައި ވާ ކްރިމިނަލްވެސް ހިމެނެއެވެ. މި ކަމާއި ގުޅިގެން 2014 ވަނަ އަހަރުން ފެށިގެން ޗައިނާއިން ވަނީ ޖަސްޓިން ބީބާ ބޭން ކޮށްފައެވެ.

ލޭޑީ ގާގާގެ މަންޒަރު އުނިކޮށްފައިވާއިރު، ޗައިނާއިން ލޭޑީ ގާގާ 2016 ވަނަ އަހަރުން ފެށިގެން ބޭންކޮށްފައިވަނީ، ޓިބެޓަންގެ ލީޑަރ ޑަލައި ލާމާ އާއި ބައްދަލުކުރުމާއި ގުޅިގެންނެވެ.

މީގެ އިތުރުންވެސް އެހެން މަންޒަރުތައް އުނިކޮށްފައިވީނަމަވެސް، "ފްރެންޑްސް ރީޔުނިއަން" އަށް ޗައިނާއިންވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ