2004 ވަނަ އަހަރު ނިއްމާލި ދުނިޔޭގެ އެންމެ ކާމިޔާބު އެއް ސިޓް ކޮމް، "ފްރެންޑްސް"ގެ ރީޔުނިއަން އެޕިސޯޑެއް މި މަހުގެ 27 ވަނަ ދުވަހު ވަނީ ބެލުންތެރިންނަށް ފެނިގެންގޮސްފައެވެ.
މި ރީޔުނިއަން އިން ފްރެންޑްސް އިން ފެނިގެންދިޔަ މެއިން ހަ އެކްޓަރުންގެ އިތުރުންވެސް ސީރީޒްއިން ދެން ފެނިގެންދިޔަ ސަޕޯޓިން އެކްޓަރުން ފެނިގެންގޮސްފައިވިއެވެ. ނަމަވެސް ސީރީޒްގައި "ފީބީ" ގެ ކެރެކްޓަރ ގެ ފިރިމީހާ "މައިކް"ގެ ރޯލުން ފެނުނު ޕޯލް ރޮޑް އާއި "ރޮސް"ގެ ކުޑަ ފިރިހެން ދަރި "ބެން" ގެ ރޯލު ކުޅުނު ކޯލް ސްޕްރައުސް ނުފެނުމުން ގިނަ ފޭނުން ވަނީ ސުވާލު އުފައްދާފައެވެ.
ފޭނުންގެ ކަންބޮޑުވުމާއެކު، "ފްރެންޑްސް ރީޔުނިއަން" ޑައިރެކްޓްކޮށްދިން ބެން ވިންސްޓަން މި ވަނީ މި ސުވާލަށް ޖަވާބު ދީފައެވެ.
ވިންސްޓަން ބުނި ގޮތުގައި، ސީރިޒްގެ މައި ކެރެކްޓަރ ތަކުން ފެނުނު އަދި އެންމެންގެ ލޯބި ލިބިފައިވާ ހަ ތަރިންކަމުގައިވާ، ޖެނިފާ އެނިސްޓަން، ޑޭވިޑް ޝްވިމަރ، މެޓް ލިބެލެންކް، ކޯޓްނީ ކޯކްސް، ލީޒާ ކުޑްރޯ އަދި މެތިއު ޕެރިގެ އިތުރުން ދެން ފެނިގެންދިޔަ ހުރިހާ ސަޕޯޓީން ތަރިން ހިމަނައިގެން 1 ގަޑިއިރާ 45 މިނެޓްގެ އެޕިސޯޑެއް ގެނެސްދިނުމަކީ ނުވާނެ ކަމެކެވެ.
އަދި "ފްރެންޑްސް" އިން ސަތޭކކއަށް ވުރެ ގިނަ މޮޅެތި ފަންނާނުން ފެނިގެންދިޔައިރު، ރީޔުނިއަންއަށް އެންމެން ގެނެވުމަކީ ނާދިރުކަމެއްކަމަށް އެނާ ފާހަގަކޮށްފައިވެއެވެ. އަދި މީގެ އިތުރުން މިދުވަސްވަރަކީ ކޮވިޑް ޕެންޑެމިކް ދުވަސްވަރުކަމުން ތަރިންނަށް ދަތުރު ކުރުމުގައިވެސް އުނދަގޫ ކުރިމަތިވާނެކަން އޭނާ ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، ތަރިންނަށް ވަގުތު ނުދެވުމަކީވެސް ކުރިމަތިވި އުނދަގުލެއްކަމަށް އޭނާ ބުނެފައިވެއެވެ. އަދި މި އެޕިސޯޑުގެ އެންމެ ބޮޑު އަމާޒަކީ ސީރިޒްގެ މައި ހަ ކާސްޓުން ކަމަށް އޭނާ އިތުރަށް ބުނެފައިވެއެވެ.
ޕައުލް ރޮޑް މިދިޔަ ދުވަސްތަކުގައި ކޮށްފައިވާ މަސައްކަތަކީ "އެންޓް މޭން" ގެ ތިން ވަނަ ބައިގެ ޝޫޓިންގެ މަސައްކަތްކަމަށް ރިޕޯޓުތަކުން ބުނެއެވެ. އަދި ކޯލް ސްޕްރައުސް ވެސް "ރިވަޑޭލް"ގެ ޝޫޓިން ވަނީ ކުރިއަށްގެންގޮސްފައެވެ.




