ޖަންނަތު މަޑު ހިނގުމެއްގައި ގޮސް ލިފްޓް ހުޅުވާލުމަށްޓަކައި ފިތަށް އޮއްބާލަން އަތް ނެގި ވަގުތު ވަރަށް ބާރަށް ފަހަތުން އައި މީހަކު އެއްއަތުން ކުއްލިއަކަށް ޖަންނަތުގެ އަތުގައި ހިފެހެއްޓިއެވެ. އަދި އެމީހެއްގެ އަނެއް އަތް ޖަންނަތުގެ އަނގަ މަތީގައި އެޅުމަށްފަހު ގެންގޮސް ފާރާލާ ފިއްތާލިއެވެ. ކުއްލިއަކަށް މި އައި ޙަމަލާގެ ސަބަބުން ޖަންނަތު ހުރީ ހަދާނެގޮތެއް ނޭނގިފައެވެ. ހަޅޭލަވައިގަންނަން އަޑު ނެރެން މަސައްކަތްކުރި ވަރަކަށް ލޮލުން ދިޔައީ ހޯސްލާފައި ފެން ފައިބަމުންނެވެ. ސަލާމަތްވެވޭތޯ ތެޅެމުން ދަނިކޮށް ކުއްލިއަކަށް ޖަންނަތަށް އެމީހެއްގެ މޫނު ފެންނަގޮތަށް އަނބުރާލިއެވެ. އެވަގުތު ޖަންނަތުގެ ދެލޯ ބޮޑުވެގެންދިޔައެވެ. އަދި މުޅި ގައިން ހީބިހި ނަގައިގެންދިޔައެވެ.
"ޝްޝްޝްޝް....ހަޅޭއް ނުލަވައްޗޭ!" ޖަންނަތަށް ފެނުނުކަން އެނގުމާއެކު ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލަމުން ވަރަށް މަޑުމަޑުން އަރުޝަމް ބުންޏެވެ. އެއަށްފަހު ލަސްލަހުން ޖަންނަތުގެ އަނގަމަތިން އަތް ނެގިއެވެ.
އެވަގުތު ކުއްލިއަކަށް ލިފްޓުން އަޑެއް އިވުނެވެ. އެއުޅެނީ ދޮރު ހުޅުވެންކަން އެނގުމާއެކު އަރުޝަމް ޖަންނަތާ ކުޑަކޮށް ދުރަށް ޖެހިލިއެވެ. ޖަންނަތުވެސް މޫނުމަތި ފުހެލާ، އިސްތަށިގަނޑު ރީތިކޮށްލުމަށްފަހު ހަމަޖެހިލެވޭތޯ ބެލިއެވެ. ލިފްޓު ދޮރު ހުޅުވުމާއެކު ދެމީހުންނަށް އެއްފަހަރާ އެދިމާއަށް ބަލާލެވުނެވެ. ލިފްޓުން ނުކުތީ ޖަންނަތު އުޅޭ ގޭގެ މީހެއްތޯ ބެލުމުގެ ނިޔަތުގައެވެ. ކާކުގެ ނަސީބެއްކަމެއް ނޭނގެއެވެ. ލިފްޓުން ނުކުތީ ނުދަންނަ މީހެކެވެ. އެމީހާ ފޯނަށް ގެއްލިފައި ހުރުމުގެ ސަބަބުން ޖަންނަތުމެންނަށް ބަލާވެސް ނުލައެވެ. އެކަންވީ އަރުޝަމްއަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ. އެމީހާ ގޮސް ގޭގެ މައި ދޮރުން ނުކުތުމާއެކު އަރުޝަމް އަނެއްކާވެސް ޖަންނަތާ ކުރިމަތިލިއެވެ. ނަމަވެސް އޭރު ކުރިން ފެނުނު ހަރުކަށިކަމުގެ ބަދަލުގައި މޫނުމަތިން ފެންނަންހުރީ މާޔޫސްކަމާއި މަޑުމޮޅިކަމެވެ.
"އަހަންނާއެކު ކާރަށް ހިނގާބަލަ ޕްލީޒް! އެއްވެސް ތަނަކަށް ނުގެންދާނަން. ހަމައެކަނި ވާހަކަ ދައްކާލަން." ވަރަށް ލޯބިން ޖަންނަތުގެ ކޯތާފަތުގައި ފިރުމާލަމުން އަރުޝަމް ބުންޏެވެ. އޭރު ޖަންނަތުވެސް ހުރީ ލިބުނު ސިހުން ފިލާ ހަމަޖެހިފައެވެ. ނަމަވެސް އޭނާއަށް ހަދަންވީ ގޮތެއް ކުއްލިއަކަށް ނުނިންމުނެވެ. އޭނާ އަރުޝަމް ދައްކަންއުޅޭ ވާހަކައެއް އަޑުއަހާލާ ހިތް ވެޔެވެ. އަދި ހަމައެހެންމެ އަރުޝަމް އޭނާއަށް ހެދިގޮތުން ކުޑަކޮށް ތަޅުވާލާ ހިތްވެސް ވެޔެވެ. އެހާ ފަސޭހައިން ގޮތް ދޫކޮށް އަރުޝަމް ބޭނުންހާ ގޮތެއް ހަދަން އަބަދު ފުރުސަތު ދޭކަށް ސިކުނޑިން އެއްބަހެއް ނުވިއެވެ. ނަމަވެސް ހިތް އެދި ގޮވަމުން ދިޔައީ އެންމެ ލޯބިވާ މީހާގެ ވާހަކަތައް އަޑު އަހާލުމަށެވެ.
"ނުދާނަންތަ؟ ޕްލީޒް! އައި މިސްޑް ޔޫ އެންޑް އައި ލަވް ޔޫ!" ޖަންނަތު ހުއްޓުން އަރާފައި ހުރުމުން އަރުޝަމްއަށް އެންމެ މުޖައްރިބުވާ އުކުޅު ބޭނުންކޮށްލިއެވެ. މަޑުމަޑުން ޖަންނަތުގެ ދެކޮނޑުގަހި ހިފާ ކައިރިކޮށްލުމަށްފަހު ނިތް ކުރީގައި ބޮސްދެމުން ލޯބިވާކަން ހާމަކޮށްލިއެވެ. އޭރު އެ ލަފްޒަތަކާ އެއްވަރަށް އޭނާގެ ލޮލުންވެސް އިންތިހާއަށް ލޯބި ފާޅުވާން ހުއްޓެވެ. އެ ރީތި ދެލޮލުން ކަރުނައިގެ އަސަރުވެސް ފާޅުވާން ހުއްޓެވެ. އެވަގުތު ޖަންނަތުގެ ހިތުގައިވި ޝަކުވާތައް ބުރައިގެން ދިޔަ ނުދިޔަ ތަނެއްވެސް ނޭނގެއެވެ. ކުއްލިއަކަށް ސިކުނޑި މަސައްކަތްކުރުން ހުއްޓާލިފަދައެވެ. އަރުޝަމް އޭނާގެ އަތުގައި ހިފާލުމާއެކު ޗާބީދީފައި ހުރި ބުދެއް ފަދައިން ކުރިއަށް ހިނގައިގަނެވުނެވެ.
އެއްވަރަކަށް ހިނގަމުން ދިޔައިރު ޖަންނަތު ތަންކޮޅެއް ރަނގަޅަށް އަރުޝަމްއަށް ބަލާލިއެވެ. ކުރިން އަބަދު ރީތިކޮށްލެވިފައި އޮންނަ ބުޅި އިސްތަށިގަނޑު އޮތީ އެއްވެސް ތަރުތީބެއް ނެތި އެގޮތް މިގޮތަށެވެ. ތުނބުޅިވެސް ހުރީ ދިގުވެފައެވެ. މޫނުމަތީގައި އެއްވެސް ތާޒާކަމެއް ނެތެވެ. ހީވަނީ ގިނަ ދުވަސްތަކެއްވަންދެން ބަލި އެނދުގައި އޮވެފައި ތެދުވެގެން އައިސް ހުރި މީހެއްހެންނެވެ. ލައިގެން ހުރި ގަދަ ނޫކުލައިގެ އަތްދިގު ޓީޝާޓްވެސް ހީވަނީ ރޫގުޅައެއް ހެންނެވެ. އެއީ ދުވަހަކުވެސް އަރުޝަމް އޭނާއަށް ފެނުނު ގޮތެއް ނޫނެވެ. ކިތަންމެ ހިތްހަމަ ނުޖެހިފައި ހުއްޓަސް އަރުޝަމް އޭނާއާ ބައްދަލުކުރަނީ ރީތިކޮށެވެ. އިސްތަށިގަނޑު އޮންނާނީ ތަރުތީބު ކުރެވިފައެވެ. ގައިން އަބަދުވެސް ހިތްގައިމު ސެންޓެއްގެ ވަސް ދުވާނެއެވެ. މޫނުމަތިން ތާޒާކަން ފެންނަން ހުންނާނެއެވެ. ހީވާނީ ހަމަ ދެންމެ ފެންވަރާލައިގެން އައިސް ހުރިހެންނެވެ. ލާ އަންނައުނު ހުންނާނީ ރީތިކޮށް އިސްތިރިކޮށްފައެވެ. އެއީ ފެޝަނަށް ލޯބިކުރާ މީހެކެވެ. ނަމަވެސް މިއަދު ޖަންނަތުގެ ކުރިމަތިން ފެންނަމުން މިދަނީ މުޅިން އެހެން އަރުޝަމްއެކެވެ.
ގެއާ މާ ދުރު ނޫން ހިސާބެއްގައި ޕާކުކޮށްލެވިފައި އޮތް ކާރުގެ ކުރީ ސީޓުގެ ދޮރުފަތް އަރުޝަމް ހުޅުވާލަދިނުމާއެކު ޖަންނަތު އިށީނދެ ހަމަޖެހިލިއެވެ. ދޮރު ލައްޕާލުމަށްފަހު ކާރު ވަށާލާފައި އަރުޝަމް ގޮސް އަނެއް ސީޓުގައި އިށީނދެލިއެވެ. އަދި ކާރުގައި އިން ލޯގަނޑުކޮޅުން އަމިއްލަ ސޫރައަށް ބަލާލުމަށްފަހު ހޭވިފައި އޮތް ބޮލުގެ އިސްތަށިގަނޑުގައި އަތް ފުނާ އަޅާލާ ރީތިކޮށްލިއެވެ.
"ކޮން ވާހަކައެއް ދައްކަން އަހަރެން ތި ގެނައީ؟" ހިތުގައި ލޯބި އުތުރެމުން ދިޔަ ނަމަވެސް ޖަންނަތު ވާހަކަ ދެއްކީ ހަރުކަށިކޮށެވެ. އެވަގުތު އަރުޝަމް ކުއްލިއަކަށް ޖަންނަތާ ދިމާއަށް ބަލާލިއެވެ.
"ކީއްކުރަން ފިޒާމްއާ އެކީ ގެއަށް އައީ؟ މިހާރު އޭނާއާ ރައްޓެހިވެގެންތަ ތިއުޅެނީ؟" އެއް ނޭވާއިން ދެ ސުވާލު އެއްފަހަރަ އަރުޝަމް ކޮށްލިއެވެ. އެ އަޑުގައި ވަނީ ހަސަދަވެރިކަމެވެ.
"އެއީ މިހާރު އަރުޝަމް ބަލަންޖެހޭ ކަމެއް ނޫނެއްނު؟ އަހަރެން ކިހާ ވަރަކަށް އަރުޝަމްއަށް ގުޅިން؟ ކިތައް މެސެޖު ކުރިން؟" ޖަންނަތުވެސް އިނީ ދޫ ދޭގޮތަކަށް ނޫނެވެ.
"އެހެންވެ އޭގެ ބަދަލުތަ ތި ހިފަނީ؟" އަރުޝަމްގެ އަޑުގައި ހިތްހަމަ ނުޖެހުމާ އެއްވަރަށް ވޭނީ އަސަރެއް އެކުލެވިފައި ހުއްޓެވެ.
"އަރުޝަމް ވިސްނަން ބޭނުންވާ ގޮތަކަށް ވިސްނިޔަސް އަހަރެންގެ އެއްވެސް މައްސަލައެއް ނެތް. ދައްކަން އައި ވާހަކައަކީ އެއީކަމުގަވިއްޔާ ދެން އަހަރެން ދަނީ." ފޫހިވެފައި އިންފަދަ ރާގަކަށް އެހެން ބުނެލުމަށްފަހު ކާރުން ފޭބުމަށްޓަކައި ޖަންނަތު ދޮރުގެ ހުޅުވާ ބައިގައި ހިފާލިއެވެ. އެވަގުތު ކުއްލިއަކަށް އަރުޝަމް ޖަންނަތުގެ އަތުގައި ހިފެހެއްޓިއެވެ. ހަމަ އެބާރުމިނުގައި ޖަންނަތު އަރުޝަމްގެ އަތް ފޮޅުވާލިއެވެ.
"ޕްލީޒް އަދި މަޑުކޮށްލަބަލަ! އަހަރެން އަދި ނުނިމެޔޭ." އަރުޝަމް އާދޭހާއެކު ބުންޏެވެ.
ޖަންނަތު ދޮރު ހުޅުވުމުގެ ބަދަލުގައި ހަށަން ބަނދެލައިގެން ކުރިމަތިން ފެންނަން އޮތް މަގުމައްޗަށް ނަޒަރު ހުއްޓާލިއެވެ. ހިތްހަމަ ނުޖެހިފައި އިންކަން ދެއްކުމުގެ ގޮތުން ދެބުމަވެސް ގޮށްޖަހާލިއެވެ.
"ކީއްވެތަ ޖަންނަތު އަހަންނަށް ތިހެން ތިހަދަނީ؟ ހާދަ ބޮޑަކަށޭ ބަދަލުވެފަ ތިހިރީ." ދެރަވެލާފައި އަރުޝަމް ބުންޏެވެ. އޭރު އޭނާގެ އަޑުވެސް ކުރިއަށްވުރެ މަޑުވެއްޖެއެވެ. ނަމަވެސް ޖަންނަތު އެއްވެސް އެއްޗެއް ނުބުނެ ކުރިންވެސް އިން ގޮތަށް މަގުމައްޗަށް ބަލަން އިނެވެ. ޖަންނަތު އެއްޗެކޭ ބުނޭތޯ އިރުކޮޅަކު މަޑުކޮށްލުމަށްފަހު އަނެއްކާވެސް އަރުޝަމް ވާހަކަ ދައްކަން ފެށިއެވެ.
"އަހަންނަށް އިނގޭ އައިރީންގެ ވާހަކަ މިހާރު ޖަންނަތާ ހަމައަށް ގޮސްފިކަން. ޔޫޝައު ބުނި ޒަހާ ގުޅި ވާހަކަ." ވިސްނުންތެރިކަމާއެކު އަރުޝަމް ބުންޏެވެ.
"މަރުޙަބާ! ތިއުޅެނީ މެރީކުރާކަށްނު." ރުންކުރު ގޮތަކަށް ޖަންނަތު ބުންޏެވެ.
"އެއީ މަންމަމެންގެ ހޮވުން. އެކަމަކު އަހަރެން އޭނާ ދެކެ ލޯތްބެއް ނުވޭ........ އަހަރެން މެރީ ކުރަން ބޭނުން ކުއްޖަކީ ތީ." އިސްދަށަށް ޖަހާލައިގެން އިނދެ އަރުޝަމް ބުންޏެވެ. "އެމީހުން ބޭނުންވޭ މިއަހަރު ނިމުމުގެ ކުރިން އަހަރެން އައިރީންއާ އިންނަން. އެކަމަށް ދެފެމިލީއިން މިހާރު ތައްޔާރުވެސް އެބަވޭ." ކުރިންވެސް ވާހަކަދެއްވި މަޑުމޮޅި ރާގުގައި އަރުޝަމް ވާހަކަ ކުރިއަށް ގެންދިޔައެވެ.
"ދެން މެރީ ކުރީމަ އެނިމުނީއެއްނު. އެހެންނޫނަސް އަރުޝަމްގެ ފެމިލީއަށް އަހަރެންކަހަލަ ފަޤީރު ކުއްޖަކު ކަމަކު ނުދާނެ." ދެންވެސް ޖަންނަތު ވާހަކަދެއްކީ އަރުޝަމްއާ ދިމާއަށް ބަލާލުމެއް ނެތިއެވެ.
"އެމީހުން ނުޤަބޫލުވިޔަސް މިއީ އަހަރެންގެ ދިރިއުޅުން. އަހަރެން އިންނާނެ މީހަކު އެނގޭނީ އަހަންނަށް." ހިތްހަމަނުޖެހުން އެކުލެވޭ ރާގަކަށް އަރުޝަމް ބުންޏެވެ. ޖަންނަތު ޖަދަލުކުރާތީ އޭނާ އިނީ ވަރަށް ބޮޑަށް ހިތުގައި ޖެހިފައެވެ.
"ޕްލީޒް ޖަންނަތު އަހަންނާ މެރީކުރަން އެއްބަސްވެބަލަ! އޭރުން އަހަރެން ޖަންނަތުގެ ކިޔެވުމުގެ ހުރިހާ ޚަރަދަކާވެސް ޙަވާލުވާނަން. ޖަންނަތުގެ މަންމަމެންނަށް އެއްވެސް ކަމެއް ނުޖައްސާނަން. އައި ލަވް ޔޫ ސޯ މަޗް. އަހަންނަށް ޖަންނަތާ ނުލައެއް ނޫޅެވޭނެ." އާދޭހާއެކު އަރުޝަމް ބުންޏެވެ. އޭރު އެ އަޑުގައި މަޑު ތުރުތުރެއް އެކުލެވިފައިވާކަމުގެ އިޙުސާސް ޖަންނަތަށް ކުރެވުނެވެ. އެންމެފަހުން ކެތް ނުވެގެން ޖަންނަތު އަރުޝަމްއާ ދިމާއަށް ބަލާލިއެވެ. އަރުޝަމްގެ ލޮލުން އެވަގުތު ފޭބި ކަރުނައިގެ ރޮނގު ޖަންނަތަށް ވަރަށް ރީއްޗަށް ފެނުނެވެ. އެހިނދު ޖަންނަތަށް ހީވީ މީހަކު އޭނާގެ ހިތުގެ ދެފަރާތުގައި ހިފާ ފިއްތާލިހެންނެވެ.
ޖަންނަތު ބަލާލުމާއެކު އަރުޝަމް ކުއްލިއަކަށް ޖަންނަތާ ދިމާއަށް އެނބުރިލުމަށްފަހު ޖަންނަތުގެ ކޮނޑުގައި ނިތްކުރި ޖައްސާލިއެވެ. އަޑު ބޭރު ނުވިޔެއްކަމަކު އޭރުވެސް އޭނާ ދިޔައީ ރޮމުންނެވެ. އަރުޝަމް ރޯތީ ޖަންނަތަށްވެސް ކަރުނަ ހިފަހައްޓައެއް ނުލެވުނެވެ. މަޑުމަޑުން އިނދެ އޭނާވެސް ރޮމުން ދިޔައެވެ. އޭނާވެސް އަރުޝަމްދެކެ އިންތިހާއަށް ލޯބިވެއެވެ. ޙަޔާތުގެ ބައިވެރިޔަކަށް ހަދަން އެންމެ ބޭނުންވާ އިންސާނަކީ އެއީއެވެ. ނަމަވެސް އަދި އޭނާ މީހަކާ އިންނާކަށް މަންމަމެން ޤަބޫލެއް ނުވާނެއެވެ. ކިޔެވުމަށް ބުރޫ އަރާފާނެތީއެވެ. ހަމައެއާއެކު އަރުޝަމްގެ ޢާއިލާއިންވެސް އެހެން ކުއްޖަކު ހޮވާފައިވާއިރު އޭނާ ބަލަޔެއް ނުގަންނާނެއެވެ.
އިރުކޮޅެއް ވަންދެން އެއްވެސް އެއްޗެއް ނުބުނެ ހަމަހިމޭންކަމާއެކު ކަރުނަ އޮހޮރާލަ އޮހޮރާލަ ދެމީހުން ތިއްބެވެ. އެހެން ތިބިއިރު ދެމީހުންގެ ހިތަށްވެސް އެތައް އެއްޗެއް އަރާ ފައިބަމުން ދިޔައެވެ. ހަދަންވީ ކިހިނެއްކަމެއް ޖަންނަތުގެ ޅަ ސިކުނޑިއަކަށް ނޭނގެއެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު އަރުޝަމް ބޯ ހިއްލާލިއެވެ. އަދި ކައިރީގައި ހުރި ޓިޝޫ ފޮށްޓަކުން ޓިޝޫއެއް ނެގުމަށްފަހު ލޮލާއި ނޭފަތް ފުހެލިއެވެ. އަދި އިތުރު ޓިޝޫއެއް ނެގުމަށްފަހު ޖަންނަތަށް ދިއްކޮށްލިއެވެ. އޭރު އަރުޝަމްގެ ދެލޮލުގައި މަޑު ރަތްކަމެއް ހުއްޓެވެ.
"ސޮރީ!" ކުރެހިފައިވާ އަޑަކުން އަރުޝަމް ބުންޏެވެ. އަދި ޖަންނަތު ހަމަޖެހިލަންދެން އޭނާއާ ދިމާއަށް ބަލަހައްޓައިގެން ކުޑަ އިރުކޮޅަކު އިނެވެ. އެއަށްފަހު ފުން ނޭވާއެއް ބޭރުކޮށްލާފައި ވާހަކަ ކުރިއަށްގެންދަން ފެށިއެވެ.
"ޖަންނަތުގެ މަންމައާ މީޓު ކުރަން ދިއުމުގެ ކުރިންވެސް އަހަރެންގެ މަންމަމެން ދިޔައީ އަހަންނާ އައިރީން ގުޅުވަން ވަރަށް މަސައްކަތްކުރަމުން. އެކަމަކު އަހަރެން މަންމަ ކައިރީގަ ވަރަށް ސާފުކޮށް ބުނިން އަހަރެން ލޯބިވަނީ ޖަންނަތުދެކެއޭ. އެކަމާ މަންމަ ހުރީ ވަރަށް ހިތްހަމަ ނުޖެހިފަ. އެހެންވެ މަންމައާ ދެބަސްވާން ޖެހޭތީ ހުޅުމާލޭގަ ބައްޕަ އަހަންނަށް ގަނެދީފަ ހުންނަ އެޕާރޓްމެންޓަށް ބަދަލުވީވެސް. ބައްޕައަކީ އަހަރެންގެ އަމިއްލަ ކަންކަމާ ބެހޭ މީހެއް ނޫން. އެހެން ހުއްޓާ ޖަންނަތުގެ މަންމަ ދެއްކި ވާހަކައިން އަހަންނަށް ފީލްވީ އަހަރެން ކަމު ނުދަނީއޭ. އެގަޑީގަ ޖަންނަތުވެސް އެއްވެސް އެއްޗެއް ނުބުނީމަ އަހަރެން ހީކުރީ މަންމަ އެވާހަކަތައް ދެއްކީ ޖަންނަތުވެސް ބޭނުންވެގެންނޭ." އެހިސާބަށް ވާހަކަ ދެއްކުމަށްފަހު އަރުޝަމް ކުޑަކޮށް މެދުކަނޑާލިއެވެ. އަދި ވަރަށް ފަރުވާތެރިކަމާއެކު ޖަންނަތުގެ މޫނަށް ބަލާލިއެވެ.
"ޖަންނަތު ބުނީމެއްނު މިފަހަރު ޓެސްޓް ނިމުނީމަ ޗުއްޓީގަ ރަށަށް ދާ ވާހަކަ. އަހަރެންވެސް ބޭނުން ޖަންނަތާއެކު ދާން. ގޮސް މަންމައާ ދައްތައާ މީޓުކޮށްފަ އަހަރެން އާދޭސްކުރާނަން ކައިވެނިކުރަން އެމީހުން އެއްބަސްވޭތޯ. އަހަރެން ޖަންނަތުގެ ހުރިހާ ކަމަކާ ޙަވާލުވާނޭކަމަށް ހުވާ ކުރާނަން." އަރުޝަމް އެހާ ބަލިކަށިވެފައި އިންދައެއް އަދި ޖަންނަތަށް ދުވަހަކުވެސް ނުފެނެއެވެ. އެކަމާ އޭނާ ވަރަށް ހިތުގައި ޖެހުނެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ކުރިމަތީގައި އިނދެ އާދޭސްކުރަމުން އެދަނީ އޭނާ އެންމެ ލޯބިވާ މީހާއެވެ. އެދެމުން އެދަނީ ގޯސް ކަމަކަށް ނޫނެވެ. އެހެންކަމުން އަރުޝަމް ބޭނުންވާގޮތަށް ކަންތައްކުރުމަށް ވަގުތުން ޖަންނަތަށް އެއްބަސްވެވުނެވެ.
(ނުނިމޭ)



