އޮސްޓްރޭލިއާގެ އެތައްހާސް ދަރިވަރުން ސްކޫލް ކަޓުވާލުމަށްފަހު ތިމާވެށީގެ ހައްގުގައި އަޑު އުފުލަން ނިކުމެއްޖެއެވެ.
މިގޮތުން އޮސްްޓްރޭލިއާގެ އެކި ސަރަހައްދުތަކުގައި 50،000 ގާތްކުރާ އަދަދަކަށް ދަރިވަރުންވަނީ ދުނިޔެ ހޫނުވުމާއި އަދި މިނޫންވެސް ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް ގޮވާލައި އަޑު އުފުލައިފައެވެ.
ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށް ޓާގެޓް ކަނޑައެޅުމުގައި އޮސްޓްރޭލިއާއިން ގެންގުޅޭ ސިޔާސަތުގެ ދޯހަޅިކަމުން މީގެކުރިންވެސް ގިނަ ބަޔެއްގެ ފާޑުކިޔުންތައް އޮސްޓްރޭލިއާގެ ސަރުކާރަށްވަނީ އަމާޒުވެފައެވެ.
ތިމާވެށީގެ ހައްގުގައި ސިޑްނީގައި ބޭއްވުނު އެއްވުމުގައި ބައިވެރިވި އުމުރުން 17 އަހަރުގެ ޑޭވިޑް ސޮރިއާނޯ ބުނީ، މުސްތަގްބަލާއިމެދު ކަނބޮޑުވާކަމަށާއި ސަރުކާރުން ޒުވާނުންގެ ކަނބޮޑުވުން އަޑުއަހައި ނިންމުންތައް ނިންމާނެކަމަށް ގަބޫލުކުރާ ކަމަށެވެ. ސޮރިއާނޯ އިތުރަށް ބުނީ، އޭނާ ދިރިއުޅެމުން އަންނަ ސިޑްނީގެ ހުޅަނގުގައި ހޫނު ގަދަވެ ވައިގެ ސާފުކަން ކުޑަކަން ތަޖުރިބާ ކުރެވޭ ކަމަށެވެ.
އަޑުއުފުލުމަށް ނިކުތް ދަރިވަރުންނާއި ޒުވާނުންވަނީ، ބޯޓު ދެލި އަދި ގޭސް ޕްރޮޖެކްޓުތައް އޮސްޓްރޭލިއާ ސަރުކާރުން ހުއްޓާލުމަށް ގޮވާލައިފައެވެ. އަދި 100 އިންސައްތަ އިއާދަކުރަނެވި ހަކަތައިގެ ޖީލެއް ބިނާކުރުމަށްވެސް ގޮވާލައިފައި ވެއެވެ.