މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން އިސްލާމްދީނަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނުއިރު ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ހުންނެވީ އެ ޖަމިއްޔާގެ ރައީސް ކަމުގައި ކަން ހަނދާނެއް ނެތް ކަމަށް ވިދާޅުވެއްޖެއެވެ.
އެ ޖަމިއްޔާއިން މި ރިޕޯތް ނެރުނުއިރު އެ ޖަމިއްޔާގެ ރައީސް ކަމުގައި ހުންނެވީ، ޝަމީމް ކަމަށް ޝަހިންދާ އިސްމާއިލް ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.
ދިވެހި ރާއްޖޭގެ އަޑުން ގެނެސްދޭ ""އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ، އެމްޑީއެން އިން އިސްލާމްދީނަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނުއިރު އޭނާ ހުރީ ރާއްޖެން ބޭރުގައި ކަމަށާއި އޭރު ހުރީ އެމްޑީއެންގެ ރައީސްގެ މަގާމުގައި ކަން ހަނދާނެއް ނެތް ކަމަށެވެ.
"އަޅުގަނޑު ޖެހޭނީ އެކަން ބަލާލަން. އަޅުގަނޑު ހަދާނެއް ނުވޭ އަޅުގަނޑު ރައީސްކަމުގައި ހުއްޓާ އެކަހަލަ ރިޕޯޓެއް ނެރުނު ހަނދާނެއް. ރިޕޯޓު ނެރުނަސް، އަޅުގަނޑު ހުރީ ރިޕޯޓު ނެރުނު ދުވަސްވަރު މާލެއަކުވެސް ނޫން." ދެއްވަމުން ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ، އެމްޑީއެންގެ ބޯޑަކީ އެ ޖަމިއްޔާއިން ނެރޭ ރިޕޯޓް ތަކަށް ހުއްދަ ދޭން އޮންނަ ބޯޑެއް ނޫން ކަމަށާއި ކަނޑައަޅާނީ ހަމައެކަނި ސިޔާސަތުތައް ކަމަށެވެ. އަދި އެ ރިޕޯޓް ނެރުނަސް، އެކަމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނޯންނާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.
އެމްޑީއެންގެ ރައީސްކަން ކުރެއްވި މުއްދަތާއި ގުޅޭގޮތުން ޝަމީމް ވިދާޅުވީ، އެމްޑީއެންގެ ރައީސްގެ މަގާމުގައި މަދު ދުވަސްކޮޅަކު ހުރި ހަނދާންވާ ކަމަށާއި އޭގެ ތަފްސީލުތައް ހަނދާން ނުހުންނަ ކަމަށެވެ.



