ކުރިއަށް އޮތް ހަފްތާގައި ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މަސައްކަތު ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.
ބީއެމްއެލް އިން ވިދާޅުވީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅުއްވާފައިވާ އުސޫލޫތަކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކުރއްވާފައިވާ އިއުލާނާ އެއްގޮތްވާ ގޮތުގެ މަތިން ހިިދުމަތްދިނުމަށްޓަކައި 23 މޭ އިން ފެށިގެން 27 މޭ 2021 އާ ހަމަޔަށް ބޭންކުގެ މަސައްކަތު ގަޑިތަކަށް ބަދަލު ގެނެވިފައިވާ ކަމަށެވެ.
ބޭންކުގެ ބްރާންޗްތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 8:30 އިން ފެށިގެން މެންދުރު 12:30 އަށް ކަމަށާއި އަދި މި ހަފްތާ ތެރޭގައި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމާއި ބީއެމްއެލް ޗެކް ޕްރޮސެސް ކުރުމާއި އަދި ޕޭރޯލް ހިދުމަތް ލިބޭނެކަމަށް ބީއެމްއެލް އިން ވިދާޅުވިއެވެ.
ބީއެމްއެލް އިން ވިދާޅުވީ، މާލޭ ސިޓީގައި ބޭންކިންގ ހިދުމަތް ހޯއްދެވުމަށް ކިއުބީ އެޕް މެދުވެރިކޮށް އޮންލައިން ނަންބަރު ނަގަންޖެހޭނެ ކަމަށާއި ބޭންކް ހުޅުވާފައި ހުންނަ ދުވަސްތަކުގެ ހެނދުނު 8:30 އިންފެށިގެން މެންދުރު 12:00 އަށް އޮންލައިން ޓޯކަން ހިދުމަތް ދެމުންދާނެ ކަމަށެވެ.
އެކައުންޓް އޯޕެނިންގ ސެންޓަރ، ލޯން ސެންޓަރ އަދި ބިޒްނަސް ސެންޓަރތަކުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓަށް ކަމަށާއި ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދި ހުށަހެޅޭނެ ކަމަށް ބީއެމްއެލް އިން ވިދާޅުވިއެވެ.
								
											


														
														
														
														
														
														