ކޮވިޑް-19ގެ ކޭސްތައް އިތުރުވެ ވެކްސިން ޖެހުން މަޑުޖެހިފައިވާ އާޖެންޓީނާއިން އެގައުމު ނުވަ ދުވަހަށް ލޮކްޑައުން ކުރަން ނިންމައިފިއެވެ.
އާޖެންޓީނާގެ ރައީސް އަލްބާރޓޯ ފެނާންޑޭޒް ވިދާޅުވީ އާޖެންޓީނާއިން މިހާރު ގުނަމުންމިދާ ދުވަސްތަކަކީ ކޮވިޑް-19 ޕެންޑަމިކުގެ އެންމެ ހާލަތު ގޯސް ދުވަސްތައް ކަމަށެވެ. ފާއިތުވެދިޔަ ހަފްތާގެ ބަޔެއް ދުވަސްތަކުގައި އާޖެންޓީނާއިން ދުވާލެއްގެ މައްޗަށް ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ އަދަދު 35،000 ވެސް އަރައިފައި ވެއެވެ.
އިއްޔެ ލެޓިން އެމެރިކާ އަދި ކެރީބިއަން ސަރަހައްދުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދުވަނީ މިލިއަނަކަށްވުރެ އިތުރުވެފައެވެ. މިއީ މުޅި ދުނިޔެއިން މިބަލީގައި މަރުވި މީހުންގެ 30 އިންސައްތައެވެ. ލެޓިން އެމެރިކާ އަދި ކެރީބިއަން ސަރަހައްދުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ 90 އިންސައްތަ މީހުން މަރުވެފައި ވަނީ ފަސް ގައުމުންނެވެ. މި ފަސްގައުމަކީ ބުރެޒިލް، މެކްސިކޯ، ކޮލަމްބިއާ، އާރޖެންޓީނާ، އަދި ޕެރޫއެވެ.
އާޖެންޓީނާގައި ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް ގައުމު ލޮކްޑައުން ކުރިނަމަވެސް ސުޕަމާކެޓުތަކާއި އަސާސީ ހިދުމަތްދޭ ވިޔަފާރިތައް ހުޅުވުމުގެ ހުއްދަވަނީ ދީފައެވެ. ނަމަވެސް، ސްކޫލުތަކަށް ގޮސް ކިޔެވުމާއި، ރެސްޓޯރެންޓުތަކަށް ގޮސްގެން ހިދުމަތް ހޯދުމާއި، އަދި ރޭގަނޑު ހަޔެއްގެ ފަހުން ބޭރަށް ނިކުތުންވަނީ މަނާކޮށްފައެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އާޖެންޓީނާ ސަރުކާރުން އެޅި ހަރުކަށި ފިޔަވަޅުތައް ތަންފީޒުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގައުމުގެ ރައްޔިތުންގެ ކިބައިންވަނީ އެދިފައެވެ. މިގޮތުން އެއްވެސް މީހަކު މި އާއުސޫލުތަކާއި ހިލާފުވާނަމަ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކޮށްދިނުމަށް އާޖެންޓީނާ ސަރުކާރުން އެގައުމު ރައްޔިތުންގެ ކިބައިންވަނީ އެދިފައެވެ.
އާޖެންޓީނާއަކީ މީގެކުރިންވެސް ކޮވިޑް-19 ކޮންޓުރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތައް އަޅައިފައިވާ ގައުމެކެވެ. މިގޮތުން މިދިޔައަހަރު މާރޗް މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް އާޖެންޓީނާވަނީ ލޮކްޑައުން ކޮށްފައެވެ. މިހެންނަމަވެސް އާޖެންޓީނާއިން 3.4 މިލިއަން މީހުންވަނީ ކޮވިޑް-19 އަށް ޕޮޒިޓިވުވެފައެވެ. އަދި މިބަލީގައި އެގައުމުން 73،000 މީހުން މަރުވެފައި ވެއެވެ.



