ކޮޕާ އެމެރިކާ ގްރޫޕް ބީ ގައި ރޭ އާޖެންޓީނާ އަދި ކޮލަމްބިއާ ބައްދަލުކުރި މެޗުގައި ކޮލަމްބިއާ އަތްދަށުވެ، މުބާރާތުގެ ފުރަތަމަ މެޗުން އާޖެންޓީނާ ބަލިވެއްޖެއެވެ.
މިއީ 2007 ވަނަ އަހަރުގެ ފަހުން އާޖެންޓީނާ އަތުން ކޮލަމްބިއާ މޮޅުވި ފުރަތަމަ ފަހަރެވެ.
މުބާރާތުގެ ވަރުގަދަ ދެ ޓީމު ބައްދަލުކުރި މިމެޗު ކޮލަމްބިއާ ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައިރު އެއްވެސް ޓީމަކަށްވަނީ ލަނޑެއް ކާމިޔާބުކުރެވޭ ގޮތްނުވެފައެވެ. އާޖެންޓީނާއާއި ޚިލާފަށް ކޮލަމްބިއާއިން ފުރަތަމަ ހާފުގައިވަނީ ރަނގަޅުކުޅުމެއް ދައްކާފައެވެ.

ދެވަނަ ހާފު އާޖެންޓީނާއިން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. ގިނަ ހަމަލާތަކެއް އުފެއްދޭތޯ މަސައްކަތް ކުރަމުން ދިޔައިރު ބޯޅަ ގިނަ ވަގުތު ގެންގުޅުނީވެސް އާޖެންޓީނާއިންނެވެ. އަދި ލަނޑު ޖަހާނެ ފުރުޞަތު ތަކެއްވެސްވަނީ ލިބިގެން ގޮސްފައެވެ.
ކޮލަމްބިއާގެ ކީޕަރު އޮސްޕީނާވަނީ އާޖެންޓީނާގެ ގިނަ ހިލޭޖެހުންތަކަކާއި ހަމަލާތަކެއް ދިފާޢުކޮށްފައެވެ.
ފޯރިގައި ކުޅެމުންދިޔަ އާޖެންޓީނާ ކޮޅަށް ކޮލަމްބިއާއިން ފުރަތަމަ ލަނޑުޖެހީ މެޗުގެ 71 ވަނަ މިނަޓްގައެވެ. މެދުތެރެއިން ރޮޑްރިގޭޒް އަރިމައްޗަށް އެއްލި ބޯޅަ ރޯޖާ މާޓިނޭޒް ގޯލް ތެރެއަށް ފޮނުވާލީ ޕެނަލްޓީ އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށެވެ.

ކޮލަމްބިއާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 86 ވަނަ މިނަޓްގައެވެ. އަރިމަތިން ހުރަސްވެގެން އައި ބޯޅަ ގޯލު ކުރިމަތިން ޒަޕާޓާ އާޖެންޓީނާގެ ގޯލް ތެރެއަށް ވައްދާލީ ކީޕަރު އަރްމާނީއަށް ބޯޅަ ދިފާޢުކުރަން ކުޑަ ފުރުޞަތެއްވެސް ނުދިއެވެ.
މެޗުގެ ފަހު ވަގުތާއި ޖެހެންދެންވެސް ސުން ކަނޑުވަން އާޖެންޓީނާއިން ކުރި މަސައްކަތްވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.
ފިސިކަލް ގޭމެއް ފެނިގެންދިޔަ މިމެޗުގައި ޖުމްލަ 30 ފައުލްކޮށްފައިވާއިރު 7 ރީނދޫ ކާޑު ދައްކާފައިވެއެވެ.
އާޖެންޓީނާ އަދި ކޮލަމްބިއާގެ އިތުރުން މިގްރޫޕްގައި ދެން ހިމެނެނީ ޕެރަގުއައީ އަދި ގަތަރެވެ.



