ބްރެޒިލްގެ ކުރިއަށް ކުޅެމުންއަންނަ ވިލިއަންއަށް އަނިޔާވެ، އަންނަ އާދިއްތަ ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާ ކޮޕާ އެމެރިކާގެ ފައިނަލް އޭނާއަށް ގެއްލިއްޖެއެވެ.
ވިލިއަންގެ ފަލަމަސްގަނޑަށް އަނިޔާވެފައިވަނީ އާޖެންޓީނާއާއި ދެކޮޅަށް ކުޅުނު ސެމީ ފައިނަލް މެޗުގައެވެ. އެމެޗު ބްރެޒިލް ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.
ވިލިއަންއަށް މުބާރާތުގެ ފައިނަލް ނުކުޅެވޭނެކަން ބްރެޒިލްގެ ފުޓްބޯލް ފެޑެރޭޝަނުން ކަށަވަރުކޮށްދިންއިރު، ވިލިއަންއަށް ލިބިފައިވާ އަނިޔާ އެހާ ސީރިއަސް ނޫންކަމަށާއި ނަމަވެސް ފައިނަލަށް ފިޓު ނުވާނެކަމަށް އެފެޑެރޭޝަނުން ބުނެފައިވެއެވެ.
ފައިނަލްގައި ބްރެޒިލް ބައްދަލުކުރަންޖެހޭނީ ޕެރޫއާއެވެ. މިދެޓީމަކީ މިމުބާރުތުގެ އެއް ގްރޫޕެއްގައި އޮތް ދެޓީމެވެ. ގްރޫޕް ސްޓޭޖުގައި މިދެޓީމު ބައްދަލުކުރި މެޗު ބްރެޒިލް ކާމިޔާބުކުރީ 5-0 ގެ ނަތީޖާއަކުންނެވެ.
އުމުރުން 30 އަހަރުގެ ވިލިއަންވަނީ އެމެޗުގައި ބްރެޒިލްއަށް ޕެނަލްޓީއެއް ކާމިޔާބުކޮށްދީފައެވެ.

ވިލިއަންއަށް ބްރެޒިލް ޓީމުން މިފަހަރު ފުރުޞަތު ލިބިގެންދިޔައީ އެޓީމުގެ އިތުބާރު ފޯވާޑު ނޭމާއަށް ލިބުނު އަނިޔާއަކާއި ގުޅިގެން މުބާރާތުގައި ބައިވެރިވެވިފައި ނުވުމުންނެވެ.
ބްރެޒިލް މިމުބާރާތުގެ ފައިނަލް އެންމެފަހުން ކުޅެފައިވަނީ 2007 ވަނައަހަރުއެވެ. އާޖެންޓީނާއާ ބައްދަލުކޮށް ބްރެޒިލް އެފައިނަލް މެޗު ކާމިޔާބުކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ.
އަދި މިމުބާރާތުގެ ފައިނަލަށް ޕެރޫ އެންމެ ފަހުން ދަތުރުކުރީ މީގެ 44 އަހަރު ކުރިންނެވެ. 1975 ގައި ކުޅުނު އެމުބާރާތް ޕެރޫ ކާމިޔާބުކުރީ ފައިނަލްގައި ކޮލަމްބިއާއާއި ބައްދަލުކޮށެވެ.
ބްރެޒިލް އަދި ޕެރޫ ބައްދަލުކުރާ މިފޯރިގަދަ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ރޭ 01:00 ގައެވެ.



