ކޮޕާއެމެރިކާ - މެސީގެ އުންމީދު ފެނަށް، ސެމީގައި ބްރެޒިލް އަތުން އާޖެންޓީނާ ކަޓައިފި

ކޮޕާއެމެރިކާ ސެމީ ފައިނަލްގައި ބްރެޒިލްއަތުން ބަލިވެ އާޖެންޓީނާ ކަޓައި މެސީއަށް ހުސްއަތާ މުބާރާތް ނިންމާލަން ޖެހިއްޖެއެވެ.

ބްރެޒިލް އަތުން އާޖެންޓީނާ ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ.

ބްރެޒިލްގެ ފުރަތަމަ ލަނޑު މެޗުގެ 19 ވަނަ މިނަޓްގައި ފިރްމީނޯގެ އެހީތެރިކަމާއެކު ކާމިޔާބުކޮށްދިނީ ގޭބްރިއަލް ޖީސޫސްއެވެ. މިލަނޑުގައި ބްރެޒިލްގެ ކެޕްޓަން ޑެނި އަލްވެސްވަނީ ވަރަށް އިސްރޯލެއް އަދާކޮށްފައެވެ. ދެވަނަ ލަނޑު 71 ވަނަ މިނަޓްގައި ފިރްމީނޯ ޖެހީ ޖީސޫސް ވަރަށް މަސައްކަތުން ހޯދައިދިން ބޯޅައަކުންނެވެ.

މިމުބާރާތުގައި އެންމެ ފަހުން މި ދެ ޓީމު ބައްދަލުކުރި ފަސް މެޗު ވެސް ކާމިޔާބުކޮށްފައިވަނީ ބްރެޒިލްއެވެ.

ޖީސޫސް ގެ ލަނޑަށްފަހު ބްރެޒިލް ކުޅުންތެރިން އުފާފާޅުކުރަނީ - ފޮޓޯ: އީއެސްޕީއެން

މެޗުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ ފަރާތުން އެހެން މެޗުތަކާއި ޚިލާފަށް މޮޅު ކުޅުމެއްވަނީ ފެނިގެން ގޮސްފައެވެ. އާޖެންޓީނާގެ ދެހަމަލާއެއް ބްރެޒިލްގެ ގޯލް ދަނޑިއާވަނީ އަމާޒުވެފައެވެ. އެއް ހަމަލާ އަގުއޭރޯ ފޮނުވާލިއިރު އަނެއް ހަމަލާއަކީ މެސީގެ ހަމަލާއެކެވެ.

އުމުރުން 32 އަހަރުގެ ލިއޮނަލް މެސީ ކްލަބް ލެވެލްގައި ބޮޑެތި ކާމިޔާބީތަކެއް ހޯދައިފައިވާއިރު އެންމެ ބޮޑު އުންމީދަކީ ޤައުމީ ޓީމާއެކު ތައްޓެއް އުފުލާލުމެވެ. އެހެންނަމަވެސް މެސީގެ ކުރަމުން މިއަންނަ އިންތިޒާރަށް އަދިވެސްވަނީ ނިމުމެއް އަންނަ ގޮތްނުވެފައެވެ. 2014 ވަނަ އަހަރު ވޯލްޑްކަޕް ފައިނަލުގައި ޖަރުމަނު އަތުން ބަލިވިއިރު މިދިޔަ ދެކޮޕާ އެމެރިކާގެ ފައިނަލްގައިވެސްވަނީ ޗިލީ އަތުން ބަލިވެފައެވެ. އަނެއްކާ މިއަހަރު ބްރެޒިލް އަތުން ބަލިވެގެން މިދިޔައީ މުބާރާތުގެ ސެމީއާ ހިސާބުންނެވެ.

އަންނަ އަހަރު އާޖެންޓީނާ އާއި ކޮލަމްބިއާގައި ބާއްވާ ކޮޕަ އެމެރިކާ އަކީ މެސީގެ ފަހު މުބާރާތަށް ވުމުގެ ފުރުޞަތު ވަރަށް ބޮޑެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ