މޫސުން ގޯސްވެ އަލްޓްރާމެރަތޮން އެއްގައި ބައިވެރިވި 21 ދުވުންތެރިން ޗައިނާގައި މަރުވެއްޖެއެވެ.
މި މެރަތޮންއަކީ 100 ކިލޯމީޓަރުގެ ދުވުމެކެވެ. މި ދުވުން ކުރިއަށް ގޮސްފައިވަނީ ޗައިނާގެ ގަންސޫ ޕްރޮވިންސުގެ ފަތުރުވެރިންނަށް ހާއްސަ ސައިޓެއް ކަމަށްވާ ޔެލޯ ރިވަރ ސްޓޯން ފޮރެސްޓްގައެވެ.
ދުވުން ހުއްޓާލައި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފަށައިފައިވަނީ، ދުވުމުގައި ބައިވެރިވި 172 ބައިވެރިން ގެއްލުމާއި ގުޅިގެންނެވެ. މީހުން ސަލާމަތް ކުރުމަށް ކުރެވުނު މަސައްކަތުން 151 ދުވުންތެރިއަކުވަނީ ސަލާމަތްކޮށްފައެވެ. މީގެތެރެއިން އަށް ދުވުންތެރިއަކަށްވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. އަދި 21 ދުވުންތެރިއަކުވަނީ މަރުވެފައެވެ.
ދުވުން ފަށައިފައިވަނީ ޗައިނާގަޑިން ހޮނިހިރުދުވަހު ހެނދުނު 9:00 ގައެވެ. މި ދުވުމުގައި ބައިވެރިވި ބަޔެއް ފަރާތްތަކުން ފިންޏަށް ތައްޔާރުވެ ދުވާތަކެތި ހޯދައިފައި ނުވާކަމަށް ޗައިނާގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ. މިގޮތުން ބަޔެއް ދުވުންތެރިން ހަމައެކަނި ސޯޓާއި ޓީޝާޓުލައި ދުވުމުގައި ބައިވެރިވެފައިވާކަމަށް ރިޕޯޓުކޮށްފައި ވެއެވެ.
މިހާދިސާއަށްފަހު މީޑިއާއަށް މައުލޫމާތު ދިން ބަޔެއް ދުވުންތެރިން ބުނެފައިވަނީ ދުވުމުގައި ބައިވެރިވެފައިވަނީ މޫސުމަށް ބަލައިގެން ކަމަށާއި އެސަރަަހައްދަށް މޫސުން ލަފާކޮށްފައިވަނީ އެމީހުން ކުރިމަތިލާންޖެހުނުފަދަ ގަދަ މޫސުމެއްގެ ގޮތުގައި ނޫންކަމަށެވެ. ނަމަވެސް މޫސުން ކޮންމެސް މިންވަރަކަށް ގޯސްވާނެކަމަށް ލަފާކޮށްފައިވާ ކަމަށެވެ.
ދުވުން އިންތިޒާމްކުރި ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ، މިހާދިސާގެ ޒިންމާ ނަގާކަމަށާއި މިހާދިސާގެ ސަބަބުން ފުރާނަ ގެއްލުނު ދުވުންތެރިންގެ އާއިލާތަކަށް ތައުޒިޔާ ދަައްނަވާ ކަމަށެވެ.



