ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ މައްސަލަތައް ބާޠިލްކުރި ކްރިމިނަލް ކޯޓުގެ ޤާޟީ އިސްމާޢީލް ރަޝީދު މަޤާމުން ސަސްޕެންޑް ކޮށްފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ވިދާޅުވީ، ކްރިމިނަލް ކޯޓުގެ ޤާޟީ އިސްމާޢީލް ރަޝީދު، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ފާޅުކަންބޮޑު ގޮތެއްގައި ކަނޑައެޅިގެން ޚިލާފަށް ޢަމަލުކުރިކަމަށް ތުހުމަތުކުރެވޭ މައްސަލަ އެ ކޮމިޝަނުން ތަޙްޤީޤުކުރަމުންދާއިރު، އެ މައްސަލައިގެ ބާވަތަށާއި، އެ މައްސަލައާ ގުޅޭ ގޮތުން ހުށަހެޅިފައިވާ ހެއްކަށާއި، މި މައްސަލަ ތަޙުޤީޤުކުރާއިރު ޤާޟީ އިސްމާޢީލް ރަޝީދު ފަނޑިޔާރުކަމުގެ މަސައްކަތުގައި ދެމިހުރެއްޖެނަމަ މައްސަލަ ތަޙުޤީޤުކުރުމަށް ހުރަސް އެޅިދާނެކަމަށެވެ.
އެހެންކަމުން ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ބ) އަދި (މ)އާ ޙަވާލާދީ، ޤާޟީ އިސްމާޢީލް ރަޝީދު، ވަގުތީގޮތުން 60 (ފަސްދޮޅަސް) ދުވަހަށް ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރުމަށް މިއަދު ބޭއްވުނު ކޮމިޝަނުގެ ޖަލްސާއިން ނިންމާފައިވާކަމަށް ޖޭއެސްސީއިން ވިދާޅުވިއެވެ.
އަދި މި މައްސަލާގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ކުރިކަމަށް ތުހުމަތުކުރެވޭ ޢަމަލުތަކުގެ ތަފްޞީލް ތަޙްޤީޤުކޮށް ނިމުމުން ކަނޑައެޅިފައިވާ އުޞޫލުގެ މަތިން ޢާންމުކުރެވޭނެކަމަށްވެސް ޖޭއެސްސީއިން ވިދާޅުވިއެވެ.
އަދީބުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ތަކަކީ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާއެއްގެ އިތުރުން މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދައި ދިނުމުގެ ދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދުމުގެ ދައުވާއެއް އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއެވެ.
ދައުވާތައް ބާޠިލްކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ، އޭނާގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް ދައުވާތައް އުފުލުމުގައި އަމަލުކޮށްފައިވާ އިޖުރާއަތުތައް ރަނގަޅު ނޫންކަމަށް ނިންމުމަށްފަހުއެވެ.
އަދީބުގެ ޝަރީޢަތް ހިންގި ޤާޟީގެ މައްސަލަ ބަލަން ޖޭއެސްސީއިން ނިންމައިފި