މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައި ދެ ރޭލު ޖެހި ހިނގި އެކްސިޑެންޓެއްގައި 200 އަށްވުރެ ގިނަ މީހުން ޒަހަމްވެއްޖެއެވެ.
ފުލުހުން ބުނީ 213 މީހުންނާއެކު ދަތުރުކުރި ރޭލު ޖެހިފައިވަނީ އެއްވެސް ފަސިންޖަރެއްނެތި ދަތުރުކުރި ހުސް ރޭލަކާއި ކަމަށެވެ. މިހާދިސާ ހިނގައިފައިވަނީ މެލޭޝިއާގަޑިން ރޭގަނޑު 8:45 ހާއިރުއެވެ.
މައުލޫމާތު ލިބޭގޮތުގައި އެކްސިޑެންޓު ހިނގި ހުސް ރޭލަކީ މަރާމާތައްފަހު ދަތުރުކުރަމުން ދިޔަ ރޭލެކެވެ. އަދި މި ރޭލު ދަތުރުކޮށްފައިވަނީ ފަސިންޖަރުންނާއެކު ދަތުރުކުރި ރޭލާއި އިދިކޮޅަށެވެ. މި އެކްސިޑެންޓު ހިނގަން މެދުވެރިވީ ބަޔަކު ގަސްތުގައި ކުރިކަމެއްގެ ސަބަބުން ކަމަށް ނުބެލެވޭ ކަމަށް ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދެއެވެ.
ޑިސްޓްރިކްޓް ޕޮލިސް ޗީފް މުހައްމަދު ޒައިނުލް އަބްދުﷲ ވިދާޅުވީ، ދެ ރޭލު ޖެހި ހިނގި މި އެކްސިޑެންޓު ތަހުގީގު ކުރަމުންދާ ކަމަށާއި، މިހާތަނަށް ހޯދި ހޯދުމުން މިއީ ބަޔަކު ގަސްތުގައި ކޮށްފައިވާ ކަމަކަށްވުރެ ބޮޑަށް ބެލެވެނީ ޓްރެއިން އޮޕަރޭޝަން ކޮންޓްރޯލް ސެންޓަރަށް މައުލޫމާތު ބަދަލުކުރުމުގައި އެރި އޮޅުމެއްގެ ސަބަބުން ހިނގި އެކްސިޑެންޓެއް ކަމަށެވެ.
އެކްސިޑެންޓުގައި އަނިޔާ ލިބުނު 200 އަށްވުރެ ގިނަ މީހުންގެ ތެރެއިން 47 މީހެއްގެ ހާލު ސީރިއަސްއިރު ބާކީތިބި މީހުންނަށް ލިބިފައިވަނީ ވަރަށް ކުޑަ އަނިޔާއެކެވެ. މެލޭޝިއާގެ ބޮޑުވަޒީރު މުހިއްޔުއްދީން ޔާސީން ވިދާޅުވީ، ކޭއެލްސީސީ ސްޓޭޝަން ކައިރީ މިހިނގި އެކްސިޑެންޓަކީ ސީރިއަސް އެކްސިޑެންޓެއް ކަމަށެވެ. އަދި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ކަމާބެހޭ ފަރާތްތަކަށްވަނީ ގޮވާލައިފައެވެ.




