ޕެސްޓް

ޕެސްޓްގެ ބަންދަށް 30 ދުވަސް އިތުރުކޮށްފި

ޑްރަގް މައްސަލާގައި ރައްޔރު ކުރި ރާއްޖޭގެ މަޝްހޫރު ރެޕް އާޓިސްޓު ސިމްބޮލިކް ރެކޯޑްސްގެ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) ގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފިއެވެ.

ޕެސްޓްގެ ބަންދުގެ މުއްދަތު އިތުރު ކޮށްފައި މިވަނީ ބަންދުގެ މުއްދަތު ކޮންމެ 30 ދުވަހަކުން މުރާޖައާ ކުރަން އޮންނައޮތުމުންނެވެ.

ޕެސްޓް ވަނީ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރު ކޮށްފައެވެ. ނަމަވެސް މިގޮތަށް ބަންދު ކޮށްފައި ހުރިނަމަވެސް ކޮންމެ 30 ދުވަހަކުން މި މުއްދަތު މުރާޖައާ ކުރަން ޖެހެއެވެ.

އެގޮތުން 30 ދުވަސް ހަމަވުމުން އަލުން މިވަނީ ޕެސްޓްގެ ބަންދަށް އިތުރު 30 ދުވަސް ދީފައެވެ.

ޑްރަގް މައްސަލާގައި ޕެސްޓްއާއި އެކު 4 މީހެއްގެ މައްޗަށް ދަޢުވާ ކުރުމަށް ޕީޖީ އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް ފޮނުވާފައެވެ. އެމީހުންގެ މައްޗަށް ދަޢުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވާފައި ވަނީ 2021 އޭޕްރީލް 22 ވަނަ ދުވަހުއެވެ.

މި މައްސަލާގައި ޕެސްޓްގެ މައްޗަށް ފަސް ދަޢުވާއެއް އުފުލާފައި ވެއެވެ. އެއީ ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއާއި ކެނަބިސް ބޭނުން ކުރުމުގެ ދައުވާގެ އިތުރުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާއާއި މަސްތުވާ ތަކެތީގެ ގާނޫނުގެ ޖަދުވަލު އެކެއް ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ.

ޑްރަގާއެކު ޕެސްޓް ހައްޔަރުކޮށްފައި ވަނީ މިދިޔަ ފެބުރުވަރީ މަހުގެ 13 ވަނަ ދުވަހުގެ ރެއެވެ. އޭނާގެ މައްޗަށް ކޮށްފައިވާ ދަޢުވާތައް ސާބިތު ވެއްޖެ ނަމަ އުމުރު ދުވަހުގެ ޙުކުމެއް އައުން ވަރަށް ގާތެވެ.

ޕެސްޓް ހައްޔަރު ކުރި އޮޕަރޭޝަންގައި ފުލުހުން ވަނީ 2.5 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތިވެސް އަތުލައިގެންފައެވެ.

ދިވެހިންގެ ތެރޭގައި ރެޕް ލަވަ ކިޔުމުގައި ޕެސްޓް ވަނީ މަޝްހޫރުކަން ހޯދާފައެވެ. އެގޮތުން އޭނާ މަޝްހޫރުވެފައި ވަނީ "ރެޕް ކިންގް" ގެ ގޮތުގައެވެ.

މިލިޔުން ކިޔާލުމުން
131
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ