ޕެސްޓް

ޕެސްޓް ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ޑްރަގް މައްސަލާގައި ހައްޔަރުކުރި ރާއްޖޭގެ މަޝްހޫރު ރެޕް އާޓިސްޓު ސިމްބޮލިކް ރެކޯޑްސްގެ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ޝަރީއަތް ނިމެންދެން ބަންދުގައި ޕެހެއްޓުމަށް ޕެސްޓްގެ މައްޗަށް އަމުރު ކޮށްފައި މިވަނީ ، މިއަދު އޮތް އޭނާގެ ބަންދުގެ މުއްދަތު ރިވިއު ކުރުމަށް ބޭއްވި ޝަރީއަތުގައެވެ.

މި ޝަރީޢަތުގައި ދަޢުލަތުގެ ފަރާތުން ވަނީ ޕެސްޓްއަށް މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާކަމުގެ ހެކި ލިބިފައިވާކަމަށް ވިދާޅުވެ އޭނާގެ ފަރާތުން މުޖުތަމަޢަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އޭނާ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ދަޢުލަތުން ވަނީ އެދިފައެވެ.

ޑްރަގް މައްސަލާގައި ޕެސްޓްއާއި އެކު 4 މީހެއްގެ މައްޗަށް ދަޢުވާ ކުރުމަށް ޕީޖީ އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް ފޮނުވާފައެވެ. އެމީހުންގެ މައްޗަށް ދަޢުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވާފައި ވަނީ 2021 އޭޕްރީލް 22 ވަނަ ދުވަހުއެވެ.

މި މައްސަލާގައި ޕެސްޓްގެ މައްޗަށް ފަސް ދަޢުވާއެއް އުފުލާފައި ވެއެވެ. އެއީ ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއާއި ކެނަބިސް ބޭނުން ކުރުމުގެ ދައުވާގެ އިތުރުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާއާއި މަސްތުވާ ތަކެތީގެ ގާނޫނުގެ ޖަދުވަލު އެކެއް ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ.

ޑްރަގާއެކު ޕެސްޓް ހައްޔަރުކޮށްފައި ވަނީ މިދިޔަ ފެބުރުވަރީ މަހުގެ 13 ވަނަ ދުވަހުގެ ރެއެވެ. އޭނާގެ މައްޗަށް ކޮށްފައިވާ ދަޢުވާތައް ސާބިތު ވެއްޖެ ނަމަ އުމުރު ދުވަހުގެ ޙުކުމެއް އައުން ވަރަށް ގާތެވެ.

ޕެސްޓް ހައްޔަރު ކުރި އޮޕަރޭޝަންގައި ފުލުހުން ވަނީ 2.5 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތިވެސް އަތުލައިގެންފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ