ކޮވިޑް-19 ގެ މިހާލަތުގައި މާލޭ ސިޓީ ފުރަބަންދުކޮށްފައިވާއިރު ރައްޔިތުންނަށް އެހީތެރިވާން ނިކުންނަށް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް، ރީކޯ މޫސާ މަނިކު ހުރީ ތައްޔާރަށް ކަމުގައި ވިދާޅުވެއްޖެއެވެ.
މާލޭ ސިޓީ ފުރަބަންދުކޮށްފައިވާއިރު، މާލެސިޓީ ގެ ރައްޔަތުންނަށް ދަތިވާ ކަންކަމުގައި އެހީތެރިވުމަށް އަމަލީ ގޮތުން ކޮށްދެވިދާނެ ކަމެއް އޮތްނަމަ އެމަނިކުފާނަށް ގުޅުއްވުމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން މިއަދު ކުރެއްވި ޓްވީޓެއްގައި ރީކޯ މޫސަ އެދިފައިވެއެވެ.
އަދި މޭޔަރު މުއިއްޒު މާލޭ ސިޓީއަށްޓަކާ ކޮށްދެއްވާ މަސައްކަތަށް ޝުކުރު އަދާކުރާ ކަމަށް ވެސް ރީކޯ މޫސަ ވިދާޅުވިއެވެ.
@MMuizzu ފުރަބަންދުގެ މިވަގުތުގާ މާލެސިޓީ ގެ ރައްޔަތުންނަށް ދަތިވާ ކަންކަމުގާ އެހީތެރިވުމަށް އަމަލީ ގޮތުން ކޮށްދެވިދާނެ ކަމެއް އޮތްނަމަ ގުޅުއްވާތި. މިސިޓީއަށްޓަކާ ކޮށްދެއްވާ މަސައްކަތަށްޝުކުރުދަންނަވަން
— Moosa Maniku (Reeko) (@ReekoMoosa) May 26, 2021
ކޮވިޑް-19 އަށް ޕޮޒިޓިވް ވާ މީހުން އިތުރުވުމާއި ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކޮށް 16 ގަޑިއިރަށް ކާފިއު ވަނީ އިއުލާނު ކޮށްފައެވެ. ކާފިއު އިއުލާންކޮށްފައިވަނީ ހަވީރު 04:00 އިން ހެނދުނު 8:00 އަށެވެ.
މާލެ ސަރަހައްދުގައި ކާފިއު ނޫން ގަޑިތަކުގައި ބޭރަށް ނިކުންނަން ފާހެއް ބޭނުންވާ ގޮތަށް ހަމަޖައްސާފައިވާއިރު، ކޮންމެ ގެއަކަށް ދޫކުރަން ނިންމާފައިވަނި ދެ ފާހެވެ.
އެ ފާސްއާއެކު ބޭރަށް ނުކުންނަ ވަގުތުތަކުގައި މާލެ ސަރަހައްދު އޮންނަނީ ދެ ޒޯނަކަށް ބަހާލެވިފައެވެ. އެގޮތުން ހުޅުމާލެ އަކީ ވަކި ޒޯނެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު މާލެ އާއި ހުޅުމާލެއާއި ދެމެދު ދަތުރުފަތުރު ކުރުން މަނާވާނެއެވެ.
ހުޅުމާލެ އަކީ ވަކިޒޯނެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު، އަނެއް ޒޯނަކީ މާލެ އާއި ވިލިމާލެއެވެ. ކާފިއު ނޫން ގަޑީގައި ބޭރަށް ނުކުންނަން ދޫކުރާ ފާސް ބޭނުންކުރެވޭނީ ހަމައަކެނި ޒަރޫރީ ބޭނުމަށެވެ.




