"ނެޓް ހެޔޮ"ގެ ދަށުން ސަރުކާރުން ކަނޑައެޅި އިންޓަނެޓްގެ ހެޔޮ އަގު އިއުލާންކޮށްފިއެވެ.
އިންޓަނެޓްގެ އަގަށް ގެނައި މި ބަދަލާއެކު ކަނޑައެޅިގެންދާ އެންމެ މުހިއްމު އެއް މިންގަނޑަކީ، 1 ޖުލައި އިން ފެށިގެން ރާއްޖޭގެ ނެޝަނަލް ބްރޯޑްބޭންޑް ސްޕީޑަކީ 2 އެމްބީޕީއެސް ކަމުގައި ކަނޑައަޅައިފައި ވުމެވެ. މިއާއެކު ރާއްޖޭގައި ވިއްކާ އެންމެ އަސާސީ އިންޓަނެޓް ޕެކޭޖްތަކުގައިވެސް ތްރޮޓްލް ސްޕީޑް 2 އެމްބީޕީއެސް އަށްވުރެ ދަށްވެގެން ނުދާނެކަމަށް ކަނޑައަ؛ޅައިފައިވެއެވެ. އަދި 300 ރުފިޔާއަށްވުރެ ބޮޑު އަގެއްގައި ވިއްކާ ފިކްސްޑް ބްރޯޑްބޭންޑް ރެސިޑެންޝިއަލް ޕެކޭޖްތަކުގައި ތްރޮޓަލް ސްޕީޑް އެންމެ ދަށްކުރެވޭނީ 5 އެމްބީޕީއެސް އާ ހަމައަށެވެ. މި ގެެނެވުނު ބަދަލުތަކާއެކު ދެ ގުނައާއި ފަސް ގުނައާ ދެމެދުގެ މިންވަރަކަށް ތްރޮޓަލް ސްޕީޑް ވަނީ މަތިކުރެވިފައެވެ.
"ނެޓް ހެޔޮ"ގެ ދަށުން އިންޓަނެޓްއަށް ގެނައި ހެޔޮ އަގަށް ބަލާއިރު، 30 ޕަސެންޓާ ހަމައަށް ރެސިޑެންޝިއަލް ފިކްސްޑް ޕެކޭޗްތަކުގެ އަގު ވަނީ ހެޔޮ ކޮށްފައެވެ.
އަގަށް މި ގެނެވުނު ބަދަލާއެކު ޑޭޓާ އެލެވެންސާއި، ސްޕީޑް އަދި ތްރޮޓަލް ސްޕީޑް ދަށްނުވާނެ ގޮތަށް 3 ރެސިޑެންޝިއަލް ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖެއް ވަނީ ތައާރަފްކޮށްފައެވެ. އެއީ ލިބޭ 250 ރުފިޔާއަށް ވުރެ ބޮޑުނޫން އަގެއްގައި، 5 އެމްބީޕީއެސްގެ ސްޕީޑް ލިބޭ 30 ޖީބީގެ ޕެކޭޖަކާއި، 500 ރުފިޔާއަށްވުރެ ބޮޑު ނޫން އަގެއްގައި ލިބޭ، 15 އެމްބީޕީއެސްގެ ސްޕީޑް ލިބޭ 100 ޖީބީގެ ޕެކޭޖަކާއި، އަދި 700 ރުފިޔާއަށްވުރެ ބޮޑު ނޫން، 25 އެމްބީޕީއެސް ލިބޭ 100 ޖީބީގެ ޕެކޭޖެކެވެ.
"ނެޓް ހެޔޮ"ގެ ދަށުން މޯބައިލް ޑޭޓާ ޕެކޭޖްތަކުގައި ލިބޭ ޑޭޓާ އެލެވެންސްގެ މިންވަރަށް ގެނައި ބަދަލުތަކަށް ބަލާއިރު، ޕްރީޕެއިޑް ޑޭޓާ އެލެވެންސް، ޕޯސްޓް ޕެއިޑް ހަޔާ ޑޭޓާ އެލެވެންސް، އަދި މޯބައިލް ބްރޯޑް ބޭންޑް ޕެކޭޖްތަކުގައި ލިބޭ އެލެވެންސް އެންމެ މަދުވެގެން 20 ޕަސެންޓްގެ ނިސްބަތުން އިތުރުވެގެންދާނެއެވެ.
"ނެޓް އަގުހެޔޮ" ގެ ދަށުން ސަރުކާރުން ކަނޑައެޅި ފިކްސްޑް ރެސިޑެންޝިއަލް ބްރޯޑްބޭންޑްގެ އަގާއި ހިދުމަތަށް ގެނެވިފައިވާ ބަދަލުގެ ފައިދާ، ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ލިބިވަޑައިގަންނަވާނެ ކަމަށް ސަރުކާރުން ވަނީ އިއުލާންކޮށްފިއެވެ. އަދި މޯބައިލް ބްރޯޑްބޭންޑްގެ ޑޭޓާ އެލެވެންސް މި ނިއްމުމާ އެއްގޮތަށް ބަދަލުވެގެންދާނީ އޮކްޓޯބަރު މަހުގެ 1 ގައި ކަން ހާމަކޮށްފައިވެއެވެ.




