މޯބައިލް ބްރޯޑްބޭންޑްގެ އަގު ހެޔޮވާނީ އޮކްޓޯބަރ މަހު ކަމުގައި ސަރުކާރުން ހާމަކޮށްފިއެވެ.
އިންޓަނެޓު އަގުހެޔޮ ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ އެއް ވައުދުފުޅު ކަމުގައިވާ، އިންޓަނެޓްގެ އަގު ހެޔޮ ކޮށް، ސަރުކާރުން ކަނޑައެޅި އިންޓަނެޓްގެ ހެޔޮ އަގުތައް ވަނީ އިޢުލާނު ކޮށްފައެވެ.
އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ނިންމާފައިވަނީ ފޭސްތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފޭސްގައި އަގުހެޔޮކުރުމަށް ނިންމާފައިވަނީ ފިކްސްޑް ބްރޯޑްބޭންޑްގެ އަގެވެ. އަދި މޯބައިލް ބްރޯޑްބޭންޑްގެ އަގު ހެޔޮ ކުރުމަށް ހަމަޖެހިފައި ވަނީ ދެވަނަ ފޭސްގައެވެ. ދެވަނަ ފޭސް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އޮކްޓޯބަރ މަހުގައެވެ.
މިއަދު އިއުލާނު ކޮށްފައިވާ ގޮތުން މޯބައިލް ބްރޯޑްބޭންޑަށް ގެންނަ ބަދަލާއެކު ޕެކޭޖުތަކުން ލިބޭ ޑޭޓާ އެލަވަންސް 20 ޕަސެންޓް އިތުރުވެގެންދާނެއެވެ.
އިންޓަނެޓްގެ އަގަށް ގެނައި މި ބަދަލާއެކު ކަނޑައެޅިގެންދާ އެންމެ މުހިއްމު އެއް މިންގަނޑަކީ، 1 ޖުލައި އިން ފެށިގެން ރާއްޖޭގެ ނެޝަނަލް ބްރޯޑްބޭންޑް ސްޕީޑަކީ ދެ އެމްބީޕީއެސް ކަމުގައި ކަނޑައަޅައިފައި ވުމެވެ. މިއާއެކު ރާއްޖޭގައި ވިއްކާ އެންމެ އަސާސީ އިންޓަނެޓް ޕެކޭޖްތަކުގައިވެސް ތްރޮޓްލް ސްޕީޑް ދަށްވެގެން ނުދާނެކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ.
ސަރުކާރުން ކަނޑައެޅި އަގުތަކަށް ބަލާއިރު 25 އެމްބީޕީއެސްގައި، 10 ޖީބީ ލިބޭނީ 250 ރުފިޔާއަށެވެ. އެއީ މިޕެކޭޖްގެ ތްރޮޓްލް ސްޕީޑަކީ 2 އެމްބީޕީއެސްއެވެ. 13 އެމްބީޕީއެސްގައި 100 ޖީބީ ލިބޭނީ 500 ރުފިޔާއަށެވެ. މި ޕެކޭޖްގެ ތްރޮޓްލް ސްޕީޑަކީ 5 އެމްބީޕީއެސްއެވެ. އަދި 25 އެމްބީޕީއެސްގައި 200 ޖީބީގެ ލިބޭނީ 700 ރުފިޔާއެވެ. މި ޕެކޭޖްގެ ތްރޮޓްލް ސްޕީޑަކީ ވެސް 5 އެމްބީޕީއެސްއެވެ.



