ޖަންނަތު

ޖަންނަތު (14)

"ޖަންނަތު ބުނީމެއްނު މިފަހަރު ޓެސްޓް ނިމުނީމަ ޗުއްޓީގަ ރަށަށް ދާ ވާހަކަ. އަހަރެންވެސް ބޭނުން ޖަންނަތާއެކު ދާން. ގޮސް މަންމައާ ދައްތައާ މީޓުކޮށްފަ އަހަރެން އާދޭސްކުރާނަން ކައިވެނިކުރަން އެމީހުން އެއްބަސްވޭތޯ. އަހަރެން ޖަންނަތުގެ ހުރިހާ ކަމަކާ ޙަވާލުވާނޭކަމަށް ހުވާ ކުރާނަން." އަރުޝަމް އެހާ ބަލިކަށިވެފައި އިންދައެއް އަދި ޖަންނަތަށް ދުވަހަކުވެސް ނުފެނެއެވެ. އެކަމާ އޭނާ ވަރަށް ހިތުގައި ޖެހުނެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ކުރިމަތީގައި އިނދެ އާދޭސްކުރަމުން އެދަނީ އޭނާ އެންމެ ލޯބިވާ މީހާއެވެ. އެދެމުން އެދަނީ ގޯސް ކަމަކަށް ނޫނެވެ. އެހެންކަމުން އަރުޝަމް ބޭނުންވާގޮތަށް ކަންތައްކުރުމަށް ވަގުތުން ޖަންނަތަށް އެއްބަސްވެވުނެވެ.

އެދުވަހުގެ ފަހުން ކުރިއެކޭ އެއްގޮތަށް ޖަންނަތު ތަންތަނަށް ގެންގޮސްދޭން އަރުޝަމް އާދެއެވެ. ގެއްލިދާނެކަމުގެ ބިރު ހީވުމުން ގަދަ ހަދާފައި ހުންނަން އޭނާއަށް ނުކެރުނީއެވެ. އެހެންކަމުން މެދުކެނޑުނު ގުޅުން މަޑުމަޑުން އަނެއްކާވެސް ބަދަހިވާން ފެށިއެވެ.

ޖަންނަތުގެ ޓެސްޓު ނިމުމާއެކު ރަށަށް ދިއުމަށް ތައްޔާރުވާން ފެށިއެވެ. އޭނާ ދާން އުޅޭކަން މަންމަމެންނަށް އެނގުނު ނަމަވެސް އަރުޝަމް ދާން އުޅޭ ވާހަކަ އޭނާ އެއްވެސް މީހެއްގެ ކައިރިއަކު ނުބުނެއެވެ. އެހެންކަމުން މަންމަމެންނާ ބައްދަލުވާތީ ވާންޖެހޭ އުފާ އޭނާއަށް ފުރިހަމަގޮތުގައި އިޙުސާސެއް ނުކުރެވެއެވެ.

ޖަންނަތު ރަށަށް ދާން ރަށު ފެރީގައި ފުރި ދުވަހު އެ އަތޮޅަށް ދާ އެއަރ ޓެކްސީއަކުން ޖާގަ ހޯދައިގެން އަރުޝަމްވެސް ފުރިއެވެ. އަރުޝަމް ބައްޕަގެ ރައްޓެއްސެއްގެ އެހީގައި ޖަންނަތުމެން ރަށުގައި ހުންނަ ގެސްޓްހައުސްއަކުން އަރުޝަމް ހުރުމުގެ ކަންތައް ހަމަޖެހުނެވެ. ހުރިހާ ކަމެއް އެހާ ފަސޭހައިން ހަމަޖެހުމުން އަރުޝަމް ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. ނަމަވެސް ޖަންނަތުގެ ޢާއިލާއާ ކުރިމަތިލާން ޖެހޭތީ އޭނާ ހުރީ ކުޑަކޮށް ޖެހިލުންވެފައެވެ. އެހެނެއްކަމަކު އޭނާއަކީ ފިނޑި މީހެއް ނޫނެވެ. ކުރަން ހިތުލައިފިކަމެއް އަދި މިހާތަނަށް ނުކޮށް އޭނާ ދޫކޮށްލާފައެއް ނުވެއެވެ.

ރަށަށް ގޮސް އެންމެ ލޯބިވާ މަންމައާއި ދައްތަގެ އިތުރުން ދައްތަގެ ދެއަހަރުގެ ދަރިފުޅު މިރާންއާއި، ޗުއްޓީގައި އެދުވަސްވަރު ރަށަށް އައިސްހުރި ދައްތަގެ ފިރިމީހާ ޙަސަންބެއާއެކު އުފާވެރި ވަގުތުތަކެއް ހޭދަކޮށްލަން ލިބުނު ނަމަވެސް ޖަންނަތުގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް ނުފިލާ ހުއްޓެވެ. މަންމަމެންނާ ކުރިމަތިލާނެ ގޮތް ޖަންނަތާ އަރުޝަމް ދިޔައީ ވަރަށް ސިއްރުން ފޯނުން ރާވަމުންނެވެ. ދައްކާނެ ވާހަކަޔާ ހުރިހާ ކަމެއް ވަރަށް ވިސްނުންތެރިކަމާއެކު އެމީހުން ރޭވިޔެވެ.

ޖަންނަތު ރަށަށް އައިސްގެން ތިންވަނަ ދުވަހެވެ. އެއްބަސްވެވުނު ގޮތަށް އެރޭ އެގެއަށް އަންނަން އަރުޝަމް ހުރީ ހުރިހާ ތައްޔާރީއެއް ވެގެންނެވެ. އެހެންކަމުން ޖަންނަތުވެސް ދައްތަ ކައިރީގައި އެދިގެން އެރެއަށް ޚާއްސަ ކާ އެއްޗެއް ތައްޔާރުކުރަން އުޅުނެވެ. ދައްތަ ވަރަށް ސުވާލު ކުރިއެވެ. ނަމަވެސް އަމިއްލައަށް ކާހިތްވާކަމުގެ ބަހަނާ ދައްކައިގެން ޖަންނަތު ހަމަޖައްސާލީއެވެ.

ޢިޝާ ނަމާދުކޮށްގެން އައިސް އަށެއްގެ ޚަބަރު ބަލާފައި ނޫނީ ޙަސަންބެ ރޭގަނޑު ނުކާނެއެވެ. އެހެންކަމުން ޖަންނަތުވެސް ދިޔައީ ރޭގަނޑުގެ ކެއުމުގެ ވަގުތަށް ތައްޔާރުވަމުންނެވެ. ނަމަވެސް ރީތިވެ ނިމުމުންވެސް ބޭރަށް ނުކުންނާކަށް އޭނާއަކަށް ނުކެރުނެވެ. ހިތް އަވަސްވެފައި ހުރިވަރުން އަތުގެ އިނގިލިތަކުގެ ނިޔަފަތިތައް ކަމުން ކޮޓަރިތެރޭގައި ދެކޮޅަށް ހިނގުނު ޢަދަދެއްވެސް އޭނާއަކަށް ނޭނގެއެވެ. އަރުޝަމްގެ މެސެޖެއް ފޯނަށް އައީ އޭނާ އެޙާލުގައި ހުއްޓައެވެ.

"މިހުރީ ދޮރުމަތީގަ. ވަންނަންވީތަ؟" ކުރިޔާލާ ކިތަންމެ ތައްޔާރުވެގެން ހުރިނަމަވެސް ވަގުތު އައިސް ޖެހުމުން ޖަންނަތަށް ހީވީ ހިތް ހުއްޓެން އުޅުނުހެންނެވެ. އޭރު ދެއަތްވެސް ތުރުތުރު އަޅަމުންދިޔައެވެ.

"އޯކޭ." ޖަވާބު ފޮނުވާލުމަށްފަހު ދެލޯ މަރާ ތަގުޅިކޮށްލައިގެން ހުރެ ޖަންނަތު ފުންކޮށް ނޭވާލަމުން ދިޔައެވެ. ހީވަނީ އަމިއްލަ ނަފްސަށް ވިސްނައިދޭން އުޅޭ ހެންނެވެ.

އިރުކޮޅަކުން މީހަކު އައިސް ކޮޓަރި ދޮރުގައި ޓަކި ޖަހާލި އަޑު އިވުނެވެ. އެވަގުތު ސިއްސައިގެން ދިޔަވަރުން ޖަންނަތުގެ އަތުގައި އޮތް ފޯނުވެސް ނުވެއްޓުނީ ކިރިޔާއެވެ. ދޮރު ހުޅުވަން ނުގޮސް ބޮޑު ބިރެއް ފެނިގެން އުޅޭހެން ދެލޯ ބޮޑުކޮށްލައިގެން ދޮރާ ދިމާއަށް ބަލަން އޭނާއަށް ހުރެވުނެވެ. އެހެން ހުއްޓާ ދެން އިވުނީ ދައްތަގެ އަޑެވެ.

"ޖަންނަތު ހޯދަން މީހަކު އައިސް އެބަހުރި. ނުކުމެބަލަ." ދައްތަގެ އަޑު އިވުމުންވެސް ޖަންނަތު ދިޔައީ ސިއްސައިގެންނެވެ.

"މިދަނީ." ވަރަށް ހިތްވަރުކޮށްފައި ޖަންނަތު ބުނެލިއެވެ.

ހިތަށް ވަރަށް ވިސްނައިދިނުމަށްފަހު ޖަންނަތު އެންމެ ފަހުން މަޑުމަޑުން ދޮރު ހުޅުވާލިއެވެ. އޭރު ސިޓިންގ ރޫމްގައި ހުރި ޓީވީއިން ޚަބަރު ކިޔާ އަޑު އިވިއިވި ހުއްޓެވެ. ކުޑަކުޑަ މިރާންވެސް ކޮންމެވެސް ވާހަކައެއް ދައްކާ އަޑު އިވެއެވެ. ވަރަށް ނުކެރި ހުރެފައިވެސް ޖަންނަތު މަޑުމަޑުން ސިޓިންގ ރޫމަށް ނުކުތެވެ. އޭރު ސޯފާގައި އަރުޝަމްގެ އިތުރުން ޙަސަންބެއާ މަންމަ ތިއްބެވެ. ދައްތަ ހުރީ މިރާން އުރައިގެން ސޯފާތަކުގެ ފުރަގަހުގައި ކޮޅަށެވެ. މިރާން އަތުގައި އަރުޝަމް ގެނައި ޕާރުސަލެއް އޮތެވެ.

ޖަންނަތު ފެނުމާއެކު އެންމެންގެ ލޯތައް ޖަންނަތައް އަމާޒުވިއެވެ. ނަމަވެސް ޖަންނަތަށް ބޮޑަށް ބެލުނީ މަންމަގެ މޫނަށެވެ. މަންމަ ބަލަން ފެށިގޮތުން ހީވީ ސިއްރެއް ފަޅާ އަރައިގެން ބަލާހެންނެވެ. އެވަގުތު ޖަންނަތަށް ހީވީ ފައިގައި މީހަކު ހިފެހެއްޓިހެންނެވެ. ކުރިއަށް އަޅައަޅާ ހުރި ފިޔަވަޅުވެސް ހުއްޓުނެވެ.

"ޖަންނަތު! އަރުޝަމް ގޮވައިގެން އާދޭ ކާން." މަންމަގެ އަޑު އިވުނު އިރު އެއަޑުގައި ހަރުކަށިކަމެއް ހުރިކަމުގެ އިޙުސާސް ޖަންނަތަށް ކުރެވުނެވެ. ނަމަވެސް އަވަސް އަވަހަށް ބޯޖަހާލާފައި އަރުޝަމްއާ ދިމާއަށް ޖަންނަތު ބަލާލިއެވެ. އޭރު އަރުޝަމްވެސް އިނީ ޖަންނަތާ ދިމާއަށް ބަލަހައްޓައިގެންނެވެ. އެމޫނުންވެސް ފެންނަމުން ދިޔައީ ނުތަނަވަސްކަމެވެ. ނަމަވެސް ޖަންނަތާ ހަތަރުކަޅި ހަމަވި ވަގުތު އަރުޝަމް ގަދަކަމުން ހިނިތުންވެލިއެވެ.

ކާން ތިބިއިރު އަރުޝަމްއާ ވާހަކަ ދެއްކީ ހަމައެކަނި ޙަސަންބެއެވެ. ބިރުން އިންވަރުން ޖަންނަތަށް ރަނގަޅަށް ނުވެސް ކެވެޔެވެ. ހާސްކަމުގެ ތެރޭގައި ޖަންނަތު އިންދާ އަރުޝަމް ކުޑަކޮށް ކަރުކެހިލާފައި ދައްކަން އައި ވާހަކަ ފެށިއެވެ.

"އަސްލު އަހަރެން މިއައީ ވަރަށް މުހިންމު ވާހަކައެއް ދައްކާލަންވެގެން." ލަސްލަހުން އެކި މީހުންގެ މޫނަށް ވަކިވަކިން ބަލާލަމުން އަރުޝަމް ބުންޏެވެ. އެވަގުތު ޖަންނަތުގެ ހިތް ތެޅިގަތްވަރުން ކުއްލިއަކަށް މޭ ފަޅާލާފައި ނުކުންނަން އުޅޭކަހަލަ އިޙުސާސެއް ކުރެވުނެވެ.

"އެނގޭ އަދި ޖަންނަތު ކިޔަވާ ނުނިމޭކަން. އަދި ޖަންނަތުގެ މުސްތަޤުބަލާމެދު މި ފެމިލީއިން ވަރަށް ފޮނި އުންމީދުތަކެއް ކުރާކަންވެސް އެނގޭ. އެކަން އަހަރެން ޤަބޫލުވެސް ކުރަން. ޖަންނަތުގެ މަންމަ މާލެއިން އަހަރެންނާ ބައްދަލުކޮށްފަ ދެއްކި ވާހަކަވެސް ޤަބޫލުކުރިން. އެކަމަކު ޖަންނަތާ ދުރުގަ ހުންނަން މިހާރު އަހަންނަށް ވަރަށް އުނދަގޫ. އަނެއްކޮޅުން އަހަރެންގެ ޢާއިލާއިން އަންނަނީ މީހަކާ އިންނަން އަހަންނަށް ވަރަށް ޕްރެޝަރ ކުރަމުން.......... އެހެންވީމަ މަންމަމެން މަޖުބޫރުކުރުވުމުގެ ކުރިން އަހަރެން ބޭނުންވަނީ ވަރަށް އަވަހަށް ޖަންނަތާ އިންނަން." އެހިސާބަށް ބުނުމަށްފަހު އަރުޝަމް ވާހަކަ މެދުކަނޑާލިއެވެ. އޭރު އެންމެންވެސް ތިބީ ހަމަހިމޭންކަމާއެކު އަރުޝަމް ދައްކާ ވާހަކަ އަޑުއަހާށެވެ.

"އަހަރެން ޖަންނަތަށް އެއްވެސް ދެރަގޮތެއް ނުހަދާނެކަމުގެ ޔަޤީންކަން ދެން. އަދި ކައިވެނިކުރުމަށްފަހު ޖަންނަތުގެ ކިޔެވުމުގެ ހުރިހާ ޚަރަދަކާވެސް އަހަރެން ހަވާލުވާނަން. މިއީ ޖަންނަތުވެސް ބޭނުންވާ ގޮތް." ޖަންނަތުގެ މަންމަގެ މޫނަށް ބަލަހައްޓައިގެން އިނދެ އަރުޝަމް ބުންޏެވެ. އަރުޝަމް ފަހުން ބުނެލި ޖުމްލައާއެކު ޖަންނަތަށް ތެޅި ގަނެފައި މަންމަގެ މޫނަށް ބަލާލެވުނެވެ. ނަމަވެސް އޭރު މަންމަގެ މޫނުމަތިން ފެންނަން ހުރި ކުލަވަރު ތަރުޖަމާކުރާކަށް ޖަންނަތަކަށް ނޭނގުނެވެ.

"މައްސަލައެއް ނެތް މިވަގުތު ޖަވާބެއް ނުދިނަސް." އެއްވެސް މީހަކު އެއްޗެއް ނުބުނުމުން ދެންވެސް ވާހަކަ ދެއްކީ އަރުޝަމެވެ.

ކައި ނިމިގެން ކުޑަ އިރުކޮޅަކު މަޑުކޮށްލުމަށްފަހު އަރުޝަމް ދާން ތެދުވިއެވެ. އަރުޝަމްއާއެކު ގޭ ދޮރާށްޓާ ހަމައަށް ޖަންނަތުވެސް ދިޔައެވެ.

"ކިހިނެއްވާނެހެން ހީވަނީ؟" ދޮރާށިން ނުކުމެ މަޑުކޮށްލާފައި ޖަންނަތުގެ އަތުގައި ހިފާލަމުން އަރުޝަމް ސުވާލުކޮށްލިއެވެ.

"ނޭނގެ. ވަރަށް ބިރުގަނޭ އެބަ. މަންމަމެން އޯކޭ ނުވީއްޔާ ދެން ކިހިނެއް ހަދާނީ؟" އެހުރިހާއިރަކު ޖަންނަތުގެ ހިތަށް އުނދަގޫކުރަމުން ދިޔަ ސުވާލު އެންމެ ފަހުން ކޮށްލިއެވެ.

"އަހަރެން އެހެންމީހެއްގެ ޙައްޤަކަށްވާތަން ބަލަން ޖަންނަތަށް ކެތްވާނެތަ؟" ފަރުވާތެރިކަމާއެކު ޖަންނަތުގެ ލޮލަށް ބަލަން ހުރެ އަރުޝަމްވެސް ކޮށްލީ ސުވާލެކެވެ. އެވަގުތު ޖަންނަތު އަވަސް އަވަހަށް ދެފަރާތަށް ބޯ ހޫރުވާލިއެވެ. ހަމައެކަނި އެ ޚިޔާލުންވެސް ޖަންނަތުގެ ލޮލަށް ކަރުނަ ޖަމާވިއެވެ.

"ދެން އެހެންވިއްޔާ ޖަންނަތު މަންމަމެންނާ ދެކޮޅަށް އަހަންނާ މެރީ ކޮށްފާނަންތަ؟" ތަންކޮޅެއް ބޮޑަށް ޖަންނަތާ ކައިރިވެލަމުން މަޑުމަޑުން އަރުޝަމް އަހާލިއެވެ. އެސުވާލަށް ދޭނެ ޖަވާބެއް ޖަންނަތަކަށް ނޭނގުނެވެ. އެހެންކަމުން އަރުޝަމްގެ ދެލޮލަށް ބަލަހައްޓައިގެން ހުރުން ނޫންކަމެއް އޭނާއަކަށް ނުކުރެވުނެވެ. އަރުޝަމްވެސް އިރުކޮޅަކު ބަލަހައްޓައިގެން ހުރުމަށްފަހު މަޑުމަޑުން ހީލަމުން ޖަންނަތުގެ ގައިގައި ބައްދާލިއެވެ.

"އައި ލަވް ޔޫ. ދެން އަވަހަށް ދޭ އެތެރެއަށް. ގުޑް ނައިޓް." ޖަންނަތުގެ ނިތް ކުރިއަށް ބޮސް ދިނުމަށްފަހު އަރުޝަމް ދާން ހިނގައިގަތެވެ.

އަރުޝަމް ގޮސް ލޯ ކުރިމަތިން ގެއްލުމާއެކު ޖަންނަތު މަޑުމަޑުން ގޭތެރެއަށް ވަނެވެ. އޭރު ސިޓިންގ ރޫމް ސޯފާގައި މަންމައާއި ދައްތަ ވާހަކައެއް ދައްކަން ތިއްބެވެ. ޖަންނަތު ގޮސް ވަނުމާއެކު އެމީހުން ދައްކަމުން ދިޔަ ވާހަކަ ހުއްޓާލިއެވެ. ޖަންނަތު އެދެމީހުންގެ މޫނަށް ވަކިވަކިން ބަލާލުމަށްފަހު ގޮސް މަންމަ ކައިރީގައި އިށީނދެލިއެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
222
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ