ދަރިންގެ ޖޮއިންޓް ކަސްޓަޑީ ހޯދުމަށް ހޮލީވުޑްގެ އެކްޓަރ ބްރެޑް ޕިޓް ކުރި މަސައްކަތް އެންމެ ފަހުން އޭނާއަށް ކާމިޔާބުވެއްޖެއެވެ.
ހޮލީވުޑްގެ ކުރީގެ މަޝްހޫރު ޖޯޑު އެންޖެލީނާ ޖޮލީ އާއި ބްރެޑް ޕިޓް ވަކިވެ ދަރިންގެ ކަސްޓަޑީ ހޯދަން ކޯޓުގައި ހަނގުރާމަކުރަމުންދާތާ މިހާރު ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ.
ރިޕޯޓުތައް ބުނާގޮތުން ބްރެޑް މިހާރު ހުރީ ވަރަށް ހިތްހަމަޖެހިގެންނެވެ. ސަބަބަކީ އޭނަ މި ހުރިހާ ދުވަހު ކުރި މަސައްކަތުގެ މަޤުސަދަކީ ދަރިންނާއެކު ގިނަ ވަގުތު ހޭދަކުރުންކަމަށެވެ.
ބްރެޑް އާއި އެންޖެލީނާގެ 12 އަހަރާއި 19 އަހަރާއި ދެމެދުގެ ހަ ކުދިން ތިބެއެވެ. އޭގެ ތެރެއިން ތިން ކުދިންނަކީ މި ދެމަފިރިން އެޑޮޕްޓްކޮށްފައިވާ ތިން ކުދިންނެވެ.
ކައިވެނި ރޫޅުމަށްފަހު ކުދިންގެ ކަންކަން ބެލެހެއްޓުމުގައި އެންޖެލީނާ އަދި ބްރެޑްޕިޓް ބަހާލައިގެން ކުރިއަށް ގެންދިއުމަށް އެއްބަސްވިނަމަވެސް، ދެމީހުންގެ ތެރޭގައި އަބަދުވެސް މައްސަލަ ޖެހި ބްރެޑް ޕިޓްގެ މައްޗަށް ގެވެށި އަނިޔާގެ ތުހުމަތު ވެސް އެންޖެލީނާ ވަނީ ކޮށްފައެވެ.
މި ދެމަފިރިންގެ ހަނގުރާމައަށްފަހު މިހާރު ކޯޓުން ނިންމާފައި މިވަނީ ދަރިންގެ ކަސްޓަޑީ ދެމީހުންނަށް އެއްވަރަކަށްލިބޭނެގޮތަށެވެ.
2004 ވަނަ އަހަރު ނެރުނު ''މިސްޓަރ އެންޑް މިސިސް ސްމިތު'' ގެ ސެޓުން ހިތާވި މިދެތަރިންގެ ކައިވެންޏަށް 2 އަހަރަށްފަހު ވަކިވާން ވަނީ ނިންމާ، ދެމީހުންގެ ވަރި ސާބިތުވެފައި ވަނީ 2019 ވަނަ އަހަރުއެވެ.



