ރައްޓެހިވެގެން އުޅުނު ޒުވާން އަންހެން ކުއްޖަކަށް އަނިޔާކުރި މައްސަލައެއްގައި ދިވެހި ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މިމަހުގެ 15 ވަނަ ދުވަހުގެ ހެނދުނު 07:20 ހާއިރު ދެމީހަކު މާރާމާރީ ހިންގައިގެން އުޅޭކަމުގެ ރިޕޯޓް ފުލުހުންނަށް ކޮށްފައިވާ ކަމަށާއި، ސީންއަށް ފުލުހުން ދިޔައިރު އެއީ ރަށްޓެހިވެގެން އުޅުނު ދެމީހުންގެ ދެމެދުގައި ހިނގާފައިވާ ގެވެށި އަނިޔާގެ މައްސަލައެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މި ހާދިސާގައި އަންހެން މީހާގެ އަތާއި ބޮލަށް އަނިޔާވެފައިވާ ކަމަށާއި، ފުލުހުން އަންހެން މީހާ ހޮސްޕިޓަލަށް ގެންގޮސްދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، ފިރިހެން މީހާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙްޤީޤު ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލަ އިތުރަށް ތަޙްޤީޤު ކުރަމުންދާތީ މައްސަލައާއި ގުޅޭ އިތުރު ތަފްސީލު ހާމަކުރެވެން ނެތްކަމަށެވެ.



