އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަގާމުން ދުރުކުރުމަށް އެގައުމުގެ އިދިކޮޅު ޕާޓީތަކުން އެއްގަލަކަށް އެރުމަށް މަޝްވަރާ ކުރަން ފަށައިފިއެވެ.
ބީބީސީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސެންޓްރިސްޓް ޕާޓީގެ ލީޑަރ ޔާއިރް ލަޕިޑް އައްނަނީ އަލްޓްރާ-ނޭޝަނަލިސްޓް ލީޑަރ ނަފްތާލީ ބެނެޓް އާއިއެކު ކޯލިޝަން ހެދުމަށް މަޝްވަރާތައް ކުރަމުންނެވެ. މި މަޝްވަރާތައް ނިމުމަކާއި ގާތައް އައިސްފައިވާކަމަށްވެސް ބީބީސީ އިން ރިޕޯޓް ކޮށްފައި ވެއެވެ.
އިތުރު ރިޕޯޓުތައް ބުނާގޮތުން ބެނެޓް ޕާޓީގެ ލީޑަރުން އާދިއްތަ ދުވަހުވަނީ ކޯލިޝަން އެއްބަސްވުމާއި އެއްކޮޅަށް ވާހަކަފުޅު ދައްކަވައިފައެވެ. އުމުރުފުޅުން 57 އަހަރުފުޅުގެ ލަޕިޑް އަށް އާ ސަރުކާރެއް އެކުލަވާލަން ލިބޭނެ އެންމެފަހު ތާރީހަކީ މިހަފްތާގެ ބުދަ ދުވަހެވެ.
އިޒްރާއިލުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ދެޕާޓީއިން ކޯލިޝަނަކާއި ހަމައަށް އައުމަށް މިހާރުވަނީ އިންޗިއަކަށްވުރެ ގާތްވެފައެވެ. ކޯލިޝަން ސަރުކާރުގައި އެންމެ ފުރަތަމަ ދެއަހަރު ބޮޑުވަޒީރުކަން ކުރުމަށް ހަމަޖެހިފައިވަނީ ބެނެޓް ކަމަށާއި އަދި ޓާރމްގެ ދެވަނަ ހާފްގައި ބޮޑުވަޒީރުކަން ކުރުމަށް ހަމަޖެހިފައިވަނީ ލަޕިޑް ކަމަށްވެސް އެގައުމުގެ މީޑިއާތަކުން ރިޕޯޓްކުރެއެވެ.
އިޒްރާއީލަކީ ޕާލަމެންޓްރީ ނިޒާމަށް ވެރިކަން ހިންގާ ގައުމަކަށްވާތީ އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލެވޭނީ ސަރުކާރެއް އެކުލަވާލެވޭވަރަށް (ޕާލަމެންޓްގެ ދެބައިކުޅަ އެއްބައަށްވުރެ ގިނަގޮޑި) އިންތިޚާބުން ނޫނީ އިންތިޚާބުގައި ބައިވެރިވި ޕާޓީތަކުގެ މެދުގައި ކޯލިޝަން ހަދައިގެން ނަމަވެސް ހޯދައިގެންނެވެ.
އިޒްރާއީލު ޕާލަމެންޓު މެންބަރުންގެ އަދަދަކީ 120 އެވެ. ބެނެޓްގެ ޔަމިނާ ޕާޓީއިން ޕާލަމެންޓުގައި 6 މެންބަރުން ތަމްސީލް ކުރެއެވެ. މި 6 މެންބަރުންގެ ތާއީދު އިދިކޮޅު ކޯލިޝަނަށް ލިބިއްޖެނަމަ މިހާރުގެ ބޮޑުވަޒީރު ނަތަންޔާހޫ މަގާމުން ދުރުކުރެވޭނެއެވެ.





ހިޔާލު
ގޮނޑިން ވެއްޓެން އުޅެނީ. ޢަނގަވަތަށް.