ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ޖުޑިޝަލް ސަރވިސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.
މި ތިން ފަނޑިޔާރުންނާ ދެކޮޅަށް ޖޭއެސްސީއަށް ހުށަހަޅާފައިވަނީ ރައީސް ޔާމީންގެ ސަރުކާރު ގުޑުވާލި، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 01 ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅުންހުރި މައްސަލައެކެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުގެ އޭރުގެ ފަސް ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން އަމުރު ނެރެފައި ވަނިިކޮށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރި ފަހުން ދެން ތިއްބެވި ތިން ފަނޑިޔާރުން ސޮއިކުރައްވައި ނެރުއްވި އަމުރަކުން ވަނީ ކުރީގެ އަމުރުގެ ބައެއް ބައިތައް ބާތިލްކޮށްފަ އެވެ.
މިފަހަރު ޖޭއެސްސީއަށް މައްސަލަ ހުށަހެޅި ފަރާތެއް ސާފުވެފައި ނުވި ނަމަވެސް، އެނގިފައިވާ ގޮތުގައި ޖޭއެސްސީ އަށް މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓުން ފަހުން ނެރުނު އަމުރުގައި ސޮއި ކުރެއްވި މިހާރުގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފްގެ އިތުރުން ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާ ދެކޮޅަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކަކެއްގެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅިއިރު، އެކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައެއް ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ. ނަމަވެސް އެ މައްސަލާގައި ފަނޑިޔާރު ޑީޑީ ސަސްޕެންޑްކުރަން ޖޭއެސްސީން ނިންމިޔަސް، ސުޕްރީމް ކޯޓުން ވަނީ ޖޭއެސްސީގެ އެ ނިންމުމަށް އަމަލު ކުރުން ފަސްކުރަން އަމުރުކޮށްފައެވެ.
ސުޕްރީމް ކޯޓުން 2018 ފެބުރުވަރީ 1 ވަނަ ދުވަހު ނެރުނު އަމުރާއެކު ރައީސް ޔާމީންގެ ސަރުކާރުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް އެ އަމުރަކީ ޣައިރު ޤާނޫނީ އަމުރެއްކަމަށް ބުނެ ތަންފީޒު ކުރުމަށް ދެކޮޅުހަދާފައެވެ. ސިޔާސީ ބޭނުމަށް ހައްޔަރުކޮށްފައިވާ 13 ބޭފުޅަކު ދޫކޮށްލައި، މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމާފައިވާ 12 މެމްބަރެއްގެ ގޮނޑި އަނބުރާ އިއާދަކުރުމަށް އެ އަމުރުގައި ވަނީ ނިންމާފައެވެ.