ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން ގައުމީ އެއާލައިން ހިންގަމުން އަންނަ އައިލެންޑް އޭވިއޭޝަނުން އިއުލާންކޮށްފިއެވެ.
އައިލެންޑް އޭވިއޭޝަނުން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ، ފްލައިން ސްކޫލެއް ހިންގަން ޝައުގުވެރިވާ ރާއްޖޭގެ އަދި ބޭރުގެ ކުންފުނިތަކަށް އެ ފުރުސަތު ހުޅުވާލާ ކަމަށެވެ.
އަދި މި ސްކޫލް ހިންގަން ހަވާލުވާ ފަރާތަކީ ކަމާގުޅޭ ހުއްދަތައް ލިބިފައިވާ އަދި އެފަދަ ޓްރޭނިންތައް ހިންގުމުގެ 10 އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހޭނެ ކަމަށް ބުނެފައި ވެއެވެ.
ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށައަޅަން ޖެހޭ އެންމެ ފަހު ތާރީހަކީ މި މަހުގެ 10 ވަނަ ދުވަހުއެވެ.
އައިލެންޑް އޭވިއޭޝަނުން ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން އިއުލާނު ކޮށްފައިވާއިރު، އައްޑޫ ސިޓީގައި ހިންގާ ފްލައިން ސްކޫލް، އޭޝިޔަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ)ގެ މައްސަލައަށް އެދެވޭ ހައްލެއް ނުލިބި އެތާގައި ކިޔަވާ ދަރިވަރުންގެ ހައްގުތަކަށް އަރައިގަންނަމުންދާ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.
								
											


														
														
														
														
														
														