މަޝްހޫރު އެކްޝަން އެޑްވެންޗަރ ވީޑިއޯ ގޭމްއެއްކަމުގައިވާ، "އަންޗާޓެޑް" ގެ ލައިވް އެކްޝަން ފިލްމެއް އުފައްދަން އުޅޭ ކަމުގެ ވާހަކަތަކެއް ދެކެވުނުތާ ގިނަ ދުވަސްތަކެއް ފަހުން ފިލްމް ރިލީޒް ކުރާ ތާރީޙް "ސޮނީ ޕިކްޗަރސް" އިން އިއުލާންކޮށްފިއެވެ.
2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފިލްމް ރިލީޒްކުރާނެކަމަށް ސޮނީ އިން އިއުލާކޮށްފައިވާއިރު، ވީޑިއޯ ގޭމްގެ މެއިން ކެރެކްޓަރ "ނޭތަން ޑްރޭކް"ގެ ރޯލުން ފެނިގެންދާނީ "ސްޕައިޑަ މޭން" ގެ ތަރި "ޓޮމް ހޮލަންޑް" އެވެ.
ވީޑީއޯ ގޭމްގައި "ނޭތަން ޑްރޭކް" އަކީ، ދުނިޔޭގެ އެކިސަރަހައްދުތަކުގައި ފޮރުވިފައިވާ ހަޒާނާތަކާއި، ތާރީޙީ ސިއްރުތައް ހޯދުމަށް މުޅިދުނިޔޭގައި ދަރުތުކުރާ "ޓްރެޝަރ ހަންޓާ" އެކެވެ.
މި ފިލްމަގައި ވީޑިއޯ ގޭމްއެކޭ އެއްގޮތަށް ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެނިގެންދާނެކަމަށް ގަބޫލުކުރެވޭއިރު، ގޭމެގެ ޑްރޭކް ގެ އެކުވެރިޔާގެ ކެރެކްޓަރ، "ސަލީ" އާ ދިމާވަނީ ކިހިނެއްކަން ފިލްމްގައި ދައްކުވައިދޭނެކަމަށް ބެލެވެ.
ވީޑިއޯ ގޭމް "އަންޗާޓެޑް" ގެ ތީމް އަށް ފިލްމެއް އުފައްދަން އުޅޭ ކަމުގެ ހަބަރު އެންމެ ފުރަތަމަ ފެތުރުނީ 2008 ވަނަ އަހަރުއެވެ. ނަމަވެސް ފިލްމްގެ ރިލީޒް ޑޭޓް ސޮނީ އިން މިފަހަރު އިއުލާންކޮށްފައިވާއިރު، މި ފިލްމަށް ކުރެވޭ އުއްމީދު ވަރަށް ބޮޑެވެ.



