ލަންކާ ކައިރީ އަނދަމުން ދިޔަ ބޯޓުގެ ނުރައްކާ ތިމާވެއްޓަށް

ސްރީލަންކާ ކައިރީ މީގެ ދެހަފްތާކުރިން ރޯވެ އަނދަމުންދިޔަ ސިންގަޕޫރުގެ އެކްސް-ޕްރެސް ޕާރލް ކޮންޓެއިނާރޕޯޓު ފެތި އެސަރަހައްދުގެ ކަނޑުގެ ދިރުމަށް ނުރައްކާވެދާނެ ކަމުގެ ބިރު ހީވެއްޖެއެވެ.

ސްރީލަންކާ އަދި އިންޑިއާގެ ކަނޑުގެ ސިފައިން ގުޅިގެން ކުރި މަސައްކަތުން ބޯޓުގައި ރޯވެފައިވާ އަލިފާންގަނޑު މިހަފްތާގައި ނިއްވާލައިފައި ވީނަމަވެސް ބޯޓު ފެތުމުގެ ކުރިން ސަލާމަތްކުރެވުމަކީ މިހާރު ނާދިރު ކަމެކެވެ. ބޯޓު މިހާލަތުގައި އޮވެ ފެތިއްޖެނަމަ ބޯޓުން ތިމާވެއްޓަށް ނުރައްކާތެރި ކެމިކަލްތައް ބޭރުވާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ސްރީލަންކާ ނޭވީގެ ތަރުޖަމާނަކު ވިދާޅުވީ، ބޯޓުދަނީ ފެތެމުން ކަމަށާއި، ބޯޓު ފެތުމުން ތިމާވެއްޓަށް ލިބޭނެ ގެއްލުން ކުޑަކުރުމަށް ބޯޓު މާކަނޑަށް ނެރުމުގެ މަސައްކަތް ކުރަމުން އައްނަ ކަމަށެވެ. ނަމަވެސް އެސަރަހައްދުގެ މޫސުން މިހާރު ހުރިގޮތުން އެމަސައްކަތް އެދެވޭ ބާރުމިނެއްގައި ކުރިއަށް ނުގެންދެވޭ ކަމަށެވެ. ބޯޓު ފެތިއްޖެނަމަ އެ ބޯޓުން އެތައްސަތޭކަ ޓަނުގެ ތެޔޮ ކަނޑަށް އެޅިގެން ދާނެއެވެ.

ބޯޓުގައި އަލިފާން ރޯވުމާއި ގުޅިގެން އޭގެ ކުނިބުނި މިހާރުވެސްވަނީ ލަންކާގެ ގޮނޑުދޮށްތަކަށް ލައްގާފައެވެ. މިހާދިސާއާއި ގުޅިގެން ލަންކާގެ ފިޝަރީސް މިނިސްޓްރީއިން ބުނީ، މިހާދިސާ ހިނގި ސަރަހައްދާ އެންމެ ކައިރީއޮތް ނެގަމްބޯގެ ގޮނޑުތައްތަކާއި ތިލަފަޅުތައް ހިމާޔަތްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ޕަނަޑޫރާއިން ފެށިގެން ނެގަމްބޯއާއި ދެމެދުގެ ސަރަހައްދުތަކުން މަސްވެރިކަންކުރުން މިހާރު މަނާކޮށްފައިވާ ކަމަށެވެ. ރީޖަނަލް ފިޝިން ޔޫނިއަންގެ ވެރިއާ ޖޯޝުއާ އެންތަނީ ބުނީ، ބޯޓު ފެތިއްޖެނަމަ އެސަރަހައްދުގެ މަސްވެރިކަމުގެ ސިނާއަތް ހުއްޓުމަކަށް އައްނާނެ ކަމަށެވެ.

އެކްސް-ޕްރެސް ޕާލްގައި ރޯވީ ކޮލަމްބޯއާ 9.5 ނޯޓިކަލް މޭލު ދުރުގައި އޮއްވަ އެވެ. އޭރު ބޯޓު ދަތުރު ކުރަމުން ދިޔައީ އިންޑިއާއިން ކެމިކަލާއި ކޮސްމެޓިކްސްގެ ބާވަތްތައް އަރުވައިގެންނެވެ. މިހާދިސާ ހިނގި އިރު ބޯޓުގައި ތިބި 25 ކުރޫ މެމްބަރުން ވަނީ ސަލާމަތްކޮށްފައެވެ. އޭގެ ތެރޭގައި ފިލިޕީންސް، ޗައިނާ، އިންޑިއާ އަދި ރަޝިއާއަށް ނިސްބަތްވާ މީހުން ހިމެނެއެވެ. ބޯޓުގައި އަލިފާން ރޯވާން ދިމާވި ސަބަބު މިހާރު އައްނަނީ ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ