ޓެކްނޮލަޖީ ދާއިރާގެ އެންމެ ބޮޑު އެއްކުންފުނިކަމަށްވާ އެމެރިކާގެ އެޕަލް ކުންފުނިން އެ ކުންފުނީގެ މުވައްޒަފުން ސެޕްޓެމްބަރ މަހުން ފެށިގެން އޮފީހަށް ނިކުމެ މަސައްކަތް ކުރުމަށް އަންގައިފިއެވެ.
އެޕަލް ކުންފުނީގެ ސީއީއޯ ޓިމް ކުކް އެކުންފުނީގެ މުވައްޒަފުންނަށް މިއަދު ފޮނުވި މެމޯ އެއްގައި ބުނެފައިވަނީ، ހަފްތާއެއްތެރޭ މަދުވެގެން ތިންދުވަހު އޮފީހަށް ނިކުމެ މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. ހަފްތާގެ މަސައްކަތްކުރާ ބާކީ ދެދުވަހު ގޭގައި މަސައްކަތް ކުރުމުގެ އިހްތިޔާރު މުވައްޒަފުންނަށް ދޭނެކަމަށްވެސް އެ މެމޯގައި ބުނެފައި ވެއެވެ.
މީގެއިތުރުން އެކަކު އަނެއްކަކާއި ބައްދަލުވެ މަސައްކަތްކުރަން ޖެހޭ ޓީމުތައް ހަފުތާގެ ހަތަރެއް ނުވަތަ ފަސްދުވަހު އޮފީހަށް ނިކުމެ މަސައްކަތް ކުރުމަށްވަނީ އަންގާފައެވެ.
އެޕަލް ކުންފުނިންވަނީ، އަހަރެއްގެތެރޭ ދެހަފްތާއަށް ގޭގައި މަސައްކަތްކުރުމަށް އެދުމުގެ ފުރުސަތު މުވައްޒަފުންނަށް ދީފައެވެ. ނަމަވެސް މިގޮތަށް މަސައްކަތް ކުރުމުގެ ހުއްދަ ދޭނީ މެނޭޖަރުންނެވެ.
އެހެނިހެން ޓެކްނޮލަޖީ ކުންފުނިތަކާއި ހިލާފަށް އެޕަލް ކުންފުންޏަކީ ގޭގައި ހުރެ މަސައްކަތް ކުރުމަށް އެހާ ތަރުހީބުދޭ ކުންފުންޏެއް ނޫނެވެ. މިދިޔައަހަރު ފޭސްބުކް ކުންފުނިންވަނީ ފުލްޓައިމްކޮށް ގޭގައި އެކުންފުނީގެ މުވައްޒަފުންނަށް މަސައްކަތް ކުރުމުގެ ފުރުސަތު ދީފައެވެ. މީގެއިތުރުން ޓުވިޓާއިންވެސްވަނީ މިފަދަ ލުއިތަކެއް މިދިޔައަހަރުގެ މޭމަހު އެކުންފުނީގެ މުވައްޒަފުންނަށް ދީފައެވެ.



