މި އަހަރު ނިމެންދެން އެޕަލްގެ މުވައްޒަފުން އޮފީހަށް ހާޒިރުނުވާ ގޮތަށް!

އެމެރިކާގެ ބިޔަ ޓެކް ކުންފުނި، އެޕަލް އިން 2022 ވަނަ އަހަރާއި ހަމައަށް މުވައްޒަފުން އޮފީހަށް ހާޒިރުނުވެ މަސައްކަތް ކުރާ ގޮތަށް ނިންމައިފިއެވެ.

އެޕަލް ކުންފުނިން މިގޮތަށް ނިންމީ ކޮވިޑް-19 ގެ ހާލަތާއި ގުޅިގެންނެވެ. އެޕަލް އިން މި ނިންމުން ނިންމާ މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެ ކުންފުނީގެ މުވައްޒަފުންނަށް މެމޯއެއް ފޮނުވާ އެކަން އަންގައިފައެވެ.

އެޕަލް ކުންފުނިން މީގެ ކުރިން ނިންމައިފައި އޮތީ، މި އަހަރުގެ ސެޕްޓެމްބަރު މަހު އަލުން މުވައްޒަފުން ހާޒިރުކޮށްގެން މަސައްކަތް ކުރާ ގޮތަށެވެ. އަދި މި ތާރީހް ފަހުން ވަނީ އޮކްޓޯބަރު މަހަށްވެސް ބަދަލުކޮށްފައެވެ.

އެޕަލް އިން ބުނީ، މުވައްޒަފުން އޮފީހަށް ހާޒިރުވާން ޖެހުމުގެ އެއް މަސްކުރިން އޮފީސްތައް އަލުން ހުޅުވާލާނެ ތާރީހެއް ކަނޑައަޅާ، ޔަޤީންކުރުމަށްފަހު އަންގާނެ ކަމަށެވެ. އަދި މުވައްޒަފުން އޮފީހަށް ހާޒިރުވެ މަސައްކަތް ކުރަންޖެހިއްޖެނަމަ، މަސައްކަތް ކުރަން ޖެހޭނީ، ހަފްތާއަކު 3 ދުވަހު ކަމަށް އެޕަލް އިން ވަނީ ނިންމައިފައެވެ.

އޮފީސްތައް އަންނަ އަހަރުގެ ޖެނުވަރީ މަަހާއި ހަމައަށް ނުހުޅުވަން ނިންމި ނަމަވެސް، އެޕަލްގެ އެއްވެސް ރީޓެއިލް ފިހާރައެއް ބަންދުނުކުރާނެ ކަމަށް އެޕަލް އިން ބުންޏެވެ. އަދި އެޕަލް އިން ވަނީ އެ ކުންފުނީގެ ހުރިހާ މުވައްޒަފުންވެސް ވެކްސިން ފުރިހަމަކުރުމަށް ބާރު އަޅާ ނަސޭހަތްތެރިވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ