އިތުރަށް ފުރިހަމަ ކެމެރާ ސިސްޓަމަކާއެކު އެޕަލްގެ މޮޅު ސްމާޓް ފޯން، އައިފޯން 13 ދައްކާލައިފިއެވެ.
އެޕަލް އިން މިރޭ ބޭއްވި ހާއްސަ އިވެންޓުގައި، އައިފޯން 13 ދައްކާލައިފައިވާއިރު، ފޯނުގެ ޑިޒައިނަށް މާބޮޑު ބަދަލެއް ގެނެސްފައެއް ނުވެއެވެ. ނަމަވެސް މިރޭ ތައާރަފްކުރި އައިފޯން 13 ޕްރޯ އާއި ޕްރޯ މެކްސްގެ ފީޗާތައް ތަފާތެވެ.
އައިފޯން-13 ގެ ހަތަރު މޮޑެލްއެއް މިރޭ ވަނީ ނެރެފައެވެ. އެއީ އައިފޯން-13 މިނީ އާއި އައިފޯން-13 އާއި އައިފޯން-13 ޕްރޯ އަދި އައިފޯން-13 ޕްރޯ މެކްސްއެވެ.
އައިފޯން 13 ގެ ކެމެރާ ސިސްޓަމް ވަނީ އައިފޯން 12 އާއި އަޅާބަލާއިރު އިތުރަށް ފުރިހަމަކޮށް އަދި ވަރުގަދަކޮށްފައެވެ. ކުރިއަށް ވުރެ ބޮޑަށް ކެމެރާގެ ސެންސާ އަށް އަލި އެޅޭނެ ގޮތް ހަދާފައިވުމުން އަލި މަޑު ތަންްތާގައި ނަގާ ފޮޓޯތައް ކުރިއަށްވުރެ ބޮޑަށް ރީތިވެފައި އަލިވާނެއެވެ.
މީގެ އިތުރުން އައިފޯން 13 ގެ ކެމެރާތަކަށް ގެނައި ބަދަލުތަކަށް ބަލާއިރު، ފިލްމް އުފައްދާ ފަރާތްތަކަށް ހާއްސަކޮށް މުޅިން އަލަށް ވަނީ ސިނަމެޓިކް މޯޑް ތައާރަފްކޮށްފައެވެ. އަދި މެކްރޯ ފޮޓޯ ނެގުމަށް ވެސް އައިފޯން 13 ހާއްސައެވެ.

މިރޭ ނެރެފައި ވަނީ މިހާތަނަށް ބެޓެރީ އެންމެ ގިނައިރު ހިފަހައްޓާ އައިފޯނެވެ. އެންމެ ފަހުގެ ޕްރޯ މެކްސްއަށް ވުރެ ދޮޅު ގަޑިއިރު އިތުރަށް އައިފޯން-13 ގައި ބެޓެރީ ހިފަހައްޓާނެއެވެ.
މިރޭ ތައާރަފްކުރި އައިފޯން 13 ޕްރޯ އާއި ޕްރޯ މެކްސްގެ ފީޗާތައް ކުރީގެ ޕްރޯ ފޯނުތަކާއި އަޅާބަލާއިރު ވަނީ އެޑްވާންސްކޮށްފައެވެ. އަދި ވަރުގަދަވެސް ވާނެއެވެ. އެގޮތުން އައިފޯން ޕްރޯގައި އޭ15 ބަޔޮނިކް ޗިޕް ހިމަނައި މުޅިން އާ ތިން ކެމެރާ ވަނީ ހިމަނައިފަ އެވެ. އޭ15 ބަޔޮނިކް ޗިޕްއާއެކު އައިފޯން 13 ޕްރޯގެ އާއި ޕްރޯމެކްސްގެ ޕާރފޯމެންސްވެސް އިތުރަށް ފުރިހަމަވާނެއެވެ.
އައިފޯން 13 ޕްރޯގެ އަގު ފެށެނީ 999 ޑޮލަރަށެވެ. އަދި ޕްރޯ މެކްސް 1099 ޑޮލަރަށެވެ. އަންނަ ހުކުރު ދުވަހުން ފެށިގެން މި ފޯނުތައް ޕްރީ އޯޑަރަށް ހުޅުވާލައި މި މަހު 24 ގައި ބާޒާރަށް ނެރޭނެ އެވެ. މި ފޯނުތަކުގެ ސްޓޮރޭޖް 1 ޓެރަބައިޓާ ހިސާބަށް ލިބެ އެވެ. އެއީ 128 ޖީބީ، 256 ޖީބީ، 512 ޖީބީ އަދި 1 ޓެރަބައިޓެވެ.
އައިފޯން 13 އާއި މިނީއަށް ބަލާއިރު، ޑިޒައިނަށް މާބޮޑު ބަދަލެއް ގެނެސްފައިވާކަން ފާހަގައެއްނުވެއެވެ. ނަމަވެސް ވަނީ ކުރީގެ ފޯނުތަކާ އަޅާބަލާއިރު ޕަފޯމަންސް ވަރުގަދައެވެ. އެގޮތުން، ފޮޓޯ އާއި ވީޑިއޯގެ ފެންވަރު ވަނީ މަތިކޮށްފަ އެވެ. އަދި މި ފޯނުތަކުގެ ނޮޗް ވެސް ވަނީ ކުޑަކޮށްފަ އެވެ. އައިފޯން 13 މިނީގެ ފެށޭ އަގަކީ 699 ޑޮލަރެވެ. އައިފޯން 13 ގެ ފެށޭ އަގަކީ 799 ޑޮލަރެވެ.
އައިފޯން 13 ގެ އިތުރުން އެޕަލްގެ އެހެން އުފެއްދުންތަކާއެކު އެޕަލް ވޮޗް ސީރީޒް 7 ވެސް މިރޭ ވަނީ ތައާރަފްކޮށްފައެވެ. މިފަހަރުގެ ގަޑި ނެރުނީ ކުރީގެ ގަޑިއަށްވުރެ 40 ޕަސެންޓް ތުނިކޮށް އަދި ސްކްރީން ސައިޒް 50 ޕަސެންޓް ބޮޑުކޮށެވެ.




