އެތައް ބަޔެއްގެ މަޤްބޫލުކަން ހޯދައިފައިވާ މިޝަން އިމްޕޮސިބަލް ސިލްސިލާގެ ކުރިއަށް ނިކުންނަން އޮތް ފިލްމްގެ ޝޫޓިން ބްރިޓިއަންގައި ކުރިއަށް ދަނިކޮށް، ކޮވިޑާއި ހެދި އަނެއްކާވެސް ފިލްމްގެ ޝޫޓިން ހުއްޓާލަން ޖެހިއްޖެއެވެ.
މިޝަން އިމްޕޮސިބަލްގެ 7 ވަނަ ބައިގެ ޝޫޓިން ހުއްޓާލަން ޖެހުނީ ފިލްމްގެ ސެޓުގައި މަސައްކަތް ކުރި ބަޔަކު ޕޮޒިޓިވްވެގެން ކަމަށް ފިލްމް ސްޓޫޑިއޯ ޕްރެމައުންޓް ޕިކްޗާސް އިން ހާމަކޮށްފައިވެއެވެ.
އެއީ ކޮންބަޔެއްކަން ހާމަނުކުރިނަމަވެސް، އޭގެ ތެރޭގައި ފިލްމްގެ ލީޑް އެކްޓަރ ޓޮމް ކްރޫސް ނުހިމެނޭކަމަށް އެ ސްޓޫޑިއޯއިން ބޭރުގެ ނޫހަކަށް މައުލޫމާތު ދީފައިވެއެވެ.
ވަގުތީގޮތުން ފިލްމްގެ ޕްރޮޑަކްޝަން މަސައްކަތް އަންނަ ޖޫން 14 އާއި ހަމައަށް ހުއްޓާލަން ނިއްމާފައިވާކަމަށް އެ ސްޓޫޑިއޯއިން ހާމަކުރިއެވެ. މައުލޫމާތު ލިބޭގޮތުގައި ފިލްމްގެ ސެޓުން 14 މީހަކު ޕޮޒިޓިވްވެފައިވާއިރު، އެމީހުންގެ އިތުރުން ޓީމުގެ އެންމެން 14 ދުވަހަށް އަމިއްލަ އަށް ކަރަންޓީނު ވާނެއެވެ.
މި ފިލްމްގެ ޕްރޮޑަކްޝަން މަސައްކަތް މިދިޔަ އަަހަރުގެ ފެބްރުއަރީ މަހުވެސް ވަނީ ކޮވިޑް ޕެންޑެމިކް އާއި ގުޅިގެން ހުއްޓާލަން ޖެހިފައެވެ.
މި ފިލްމްގެ ޝޫޓިން ވަނީ، ބްރިޓިއަންގެ އިތުރުން، އިޓަލީ، އަދި ނޯވޭ ގައިވެސް ކުރިއަށް ގެންގޮސްފައެވެ.



