ކޮޕާއެމެރިކާގައި ރޭ އުރުގުއާއީ އަދި އިކުއެޑޯ ބައްދަލުކުރި މެޗު ފަސޭހަ ކަމާއެކު އުރުގުއާއީ ކާމިޔާބުކޮށްފިއެވެ.
މުބާރާތުގެ ތާރީޚަށް ބަލާލާއިރު މިމުބާރާތް އެންމެ ގިނައިން ކާމިޔާބުކޮށްފައިވަނީ އުރުގުއާއީންނެވެ. އުރުގުއާއީން މިމުބާރާތް 15 ފަހަރު ކާމިޔާބުކޮށްފައިވާއިރު އެންމެފަހުގެ ޗެމްޕިއަން ޗިލީއަށް މުބާރާތް ކާމިޔާބުކުރެވުނީ އެންމެ ދެފަހަރުއެވެ.
4-0 ގެ ނަތީޖާއަކުން އުރުގުއާއީ ކާމިޔާބުކުރި މިމެޗުގެ ފުރަތަމަ ހާފުގައިވަނީ ތިން ލަނޑުޖަހާފައެވެ. އުރުގުއާއީން މެޗުގެ ވަރަށް ކުރީ ކޮޅުވަނީ ލީޑުނަގާފައެވެ. ފުރަތަމަ ލަނޑު މެޗުގެ 6 ވަނަ މިނަޓްގައި ޖެހިއިރު މިލަނޑު އުރުގާއާއީއަށް ކާމިޔާބުކޮށްދިނީ ނިކޮލަސް ލޮޑެރިއިރޯއެވެ. އަދި މިއީ އުރުގުއާއީން ކޮޕާ އެމެރިކާގައި ޖެހި 400 ވަނަ ލަނޑެވެ.

މުބާރާތުގެ ފުރަތަމަ ރަތްކާޑު ފެނިގެންގޮސްފައިވަނީ މިމެޗުގައެވެ. މެޗުގެ 24 ވަނަ މިނަޓްގައި އިކުއެޑޯގެ ޖޯސޭ ކުއިންޓެރޯއަށް ދެއްކި ރަތްކާޑާއެކު އިކުއެޑޯއަށް މެޗުގައި އިތުރަށް ޕްރެޝަރު ބޮޑުވިއެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ކަވާނީ އަދި ސުއަރޭޒް ލަނޑެއްޖަހައި އުރުގުއާއީގެ ލީޑު އިތުރަށް ފުޅާކުރިއެވެ.
އުރުގުއާއީގެ ހަތަރުވަނަ ލަނޑަކީ މެޗުގެ 78 ވަނަ މިނަޓްގައި އިކުއެޑޯގެ އާތޫރޯ މިނާއަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.
އުރުގުއާއީ އަދި އިކުއެޑޯގެ އިތުރުން މިގްރޫޕްގައި ދެން ހިމެނެނީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޗިލީ އަދި ޖަޕާނެވެ.




