ޕްރޮފެސަރ ހަސަން އުގައިލް - ފޮޓޯ: ހަފްތާ

ކޮންސިއުލޭޓެއް ހެދުމަށްފަހު އެއުވާލުމަކީ ނާދިރުކަމެއް: ޕްރޮފެސަރ އުގައިލް

ބޭރު ގައުމެއްގެ ކޮންސިއުލޭޓެއް ރާއްޖޭގައި ހެދުމަށް ފަހު އެއުވާލުމަކީ ވަރަށް ނާދިރު ކަމެއްކަމަށް ޕްރޮފެސަރ ހަސަން އުގައިލް ވިދާޅުވެއްޖެއެވެ.

އިންޑިއާ އިން ގިނަ މަޝްރޫއުތަކެއް ހިންގާ އައްޑޫގައި ކޮންސިއުލާ އޮފީހެއް ހުޅުވަން އިންޑިއާގެ ކެބިނެޓުން މިހާރު ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމްކުރުމަށް ނިންމާފައިވާ ނިންމުމާ މެދު ގިނަ ފަރާތްތަކަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

މިކަމާއި ގުޅޭގޮތުން ޕްރޮފެސަރ އުގައިލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބޭރު ގައުމެއްގެ ކޮންސިއުލޭޓެއް ރާއްޖޭގައި ހެދުމަށް ފަހު އެއުވާލުމަކީ ވަރަށް ނާދިރު ކަމެއްކަމަށާއި އެއުވާލެވޭނެ ހަމައެކަނި ގޮތަކީ އެގައުމަކާއި އެކު އޮންނަ ޑިޕްލޮމެޓިކް ގުޅުން އެއްކޮށް ކަނޑާލައިގެންކަމަށެވެ.

މީގެ ކުރިންވެސް އުގައިލް ވަނީ މިކަމާއި ގުޅޭގޮތުން ކަންބޮޑުވުންފާޅުކޮށް ވާހަކަދައްކަވައިފައެވެ. އެގޮތުން އައްޑޫގައި އެހެން ގައުމެއްގެ ކޮންސިއުލޭޓެއް ގާއިމު ކުރުމުގެ ކުރިން އެއީ އަތޮޅުގެ ތަރައްގީއާއި ކިހާ ގާތްގުޅުމެއް އޮތްކަމެއް ތޯ އެނގެން ޖެހޭކަމަށާއި އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމަށް ގަބޫލު ކުރެވޭވަރަށް ވިޔަފާރީގެ ކުރިއެރުން އަމަލީ ގޮތުން މިހާރު ފެންނަން ޖެހޭކަމަށް ޕްރޮފެސަރ މީގެ ކުރިން ކުރެއްވި ޓްވީޓެއްގައި ބުނެފައިވެއެވެ. އަދި އެހެންނޫންނަމަ، ކަންތައްތައް ކުރުމުގައި އިސްފަސް ވުމުގެ ޖާގަ އެބަ އޮތްކަމަށާއި އަދި މިވަގުތު ކޮންސިއުލޭޓެއް ގާއިމު ކުރުމުގައި އަތޮޅުގެ ވެރިންނާއި ސަރުކާރު މަޝްއޫލުވުމުގެ ސަބަބުން އަތޮޅުގެ ހަގީގީ ތަރައްގީއަށް ބުރޫއަރާ ގޮތްވުން ވެސް އެކަށީގެންވާނެކަމަށް އުގައިލް ބުނެފައިވެއެވެ.

ރާއްޖޭގައި ކޮންސިއިލޭޓެއް ޤާއިމްކުރުމާމެދު ގިނަ ބަޔަކު ދެކޮޅު އިރު، ޑިޕްލޮމެޓިކް ދާއިރާގައި މިފަދަ ކަންކަމުގައި އަމަލުކުރާ އުސޫލުތަކުގެ ތެރެއިން އެކަމުގައި ގޮތެއް ނިންމާނީ ދިވެހި ސަރުކާރުންނެވެ. އެއްވެސް ގައުމަކުން އަނެއް ގައުމެއްގައި ކޮންސިއުލޭޓެއް، އެމްބަސީއެއް، ހައި ކޮމިޝަނެއް ހުޅުވަން ނިންމައިފި ނަމަ އެކަމަށް އާންމުކޮށް ހުއްދަ ދެ އެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ