ޤާނޫނުލްޢުޤޫބާތަށް ހުށައަޅާފައިވާ އިސްލާހާއެކު ދީނަށް ފުރައްސާރަ ކުރުމަށް ހުޅުވާދެވެނީ ގާނޫނީ ދޮރު ކަމަށް ޖުމްހޫރީ ޕާޓީން ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީން މިފަދައިން ވިދާޅުވީ، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި، އަދި އެފަދަ ކަމެއްގައި ބައިވެރި ވުމާއި އާންމުތަކެއްގައި މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުުރުމަކީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް ހުށައަޅާފައިވާ އިސްލާހާއި ގުޅިގެންނެވެ.
މި އިސްލާހުގައި ބުނެފައި ވަނީ އާންމުތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގެ މީހަކާމެދު ނަފްރަތު އުފެއްދުމާއި އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުން ނުވަތަ އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ވާނެކަމަށެވެ.
ގާނޫނުލްއުގޫބާތުގައި ވާގޮތުން ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށަކަށް އެންމެބޮޑު އަދަބަކަށް އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ. އަސާސީ މިންގަނޑުން އަދަބު ދޭނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އެންމެ ދަށް މިންގަނޑުން ނަމަ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.
ޖުމްހޫރީ ޕާޓީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މުސްލިމަކާއި ދިމާއަށް އެއްވެސް މީހަކު އޭނާއަކީ ކާފިރެކޭ ބުނުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫން ކަމަށާއި އަދި އެއީ ﷲ ތަޢާލާގެ ޙަޟްރަތަށް ބިރުވެތިވާ އެއްވެސް މުސްލިމަކު ކޮށްގެންވާނެ އަދި ކުރާނެ ކަމެއް ވެސް ނޫން ކަމަށެވެ. ކޮންމެ މުސްލިމަކުމެ ކީރިތި ޤުރުއާން އޭގެ އެންމެ ފުރިހަމަ ގޮތުގައި ޤަބޫލުކޮށް ރަސޫލާ ގެ ސުންނަތަށް ފުރިހަމައަށް ތަބާވާންޖެހޭނެ ކަމަށް ވިދާޅުވިއެވެ.
"ސުވާލަކީ މުސްލިމަކު ﷲ ތަޢާލާގެ ޙަޟްރަތަށާއި އެކަލާންގެ ރަސޫލާ އަށް މަލާމާތާއި ފުރައްސާރަ ކުރާނެ ހެއްޔެވެ؟ ޤުރުއާނަށް ކުޑައިމީސް ބަސް ބުނާނެ ހެއްޔެވެ؟ އިސްލާމް ދީނުގެ ޙުކުމްފުޅުތަކަށް ގޮންޖަހާނެ ހެއްޔެވެ؟ އިސްލާމް ދީނުގެ
ވާޖިބުތަކަށް ދެކޮޅުހަދައި ނަހީކުރައްވާފައިވާ ކަންކަން ކުރުމަށް ހިތްވަރުދީ ހަދާނެ ހެއްޔެވެ؟" ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އިސްލާމް ދީނަށް ލޯބިކުރާ މީހުން، ﷲ ތަޢާލާގެ ހަޟްރަތަށާއި އެކަލާންގެ ރަސޫލާ އަށް ފުރައްސާރަކޮށް އިސްލާމްދީނާ ދެކޮޅަށް ވާހަކަދައްކާ ހަދާ މީހުންނަށް އެފަދަ ބައެކޭ ނުބުނާނެ އެއްވެސް ގޮތެއް ނުހެދޭނެ ކަމަށް ޖުމްހޫރީ ޕާޓީން ވިދާޅުވިއެވެ.
"ހުށަހަޅާފައިވާ ބިލު، ހުށަހަޅާފައި އޮތް މަފްހޫމުގައި ފާސްކޮށް ޤާނޫނަކަށް ވެއްޖެނަމަ ދިވެހި މުޖުތަމަޢު އިތުރަށް ފިތުނަ ފަސާދަވުން ނޫން ގޮތެއް ނުވާނެ. ﷲ ތަޢާލާގެ ޙަޟްރަތަށާއި އެކަލާންގެ ރަސޫލާއަށާއި އިސްލާމް ދީނަށް ލޯބިކުރާ، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު މިބިލު މިހާރު އޮތް މަފްހޫމުގައި ފާސްކުރުމަށް ވޯޓު ދެއްވަފާނެތޯއެވެ؟ އަދި މިބިލު މިހާރު އޮތް މަފްހޫމުގައި ފާސްކުރުމަށް ވޯޓު ދެއްވައިފި ނަމަ އެބޭފުޅުން މާތް ﷲ ގަންދެއްވާ ކުރައްވައިގެން ތިއްބެވި ހުވަޔާ ޚިލާފުވީ ކަމަށް ނުވާނެތޯއެވެ؟" ނޫސް ބަޔާނުގައި ބުނެފައިވެއެވެ.
މި ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައި އޮތް ގޮތަށް އެމަފްހޫމްގައި ފާސްކޮށް
ރައީސުލްޖުމްހޫރިއްޔާ ތަސްދީޤް ކުރައްވައިފި ނަމަ، ރައްޔިތުންގެ މަޖިލީހާއި އަދި އެނޫންވެސް ތަންތަނުގައި ﷲ ތަޢާލާގެ
ހަޟްރަތަށާއި އެކަލާންގެ ރަސޫލާ އަށް ފުރައްސާރަކޮށް، އިސްލާމްދީނާ ދެކޮޅަށް ފާޅުގައި ވާހަކަދައްކާ ހަދާ މީހުންނަށް އެ
ހުޅުވާދެވުނީ އެކަން ކުރުމުގެ ޤާނޫނީ ދޮރެއް ކަމަށެވެ.
އިސްލާމް ދީނަށް ލޯބިކުރާ މީހުން، އިސްލާމްދީނާ ދެކޮޅަށް ވާހަކަދައްކާ ހަދާ މީހަކަށް ނުވަތަ ބަޔަކަށް ނިސްބަތްކޮށް އިސްލާމްދީނާ ދެކޮޅަށް ވާހަކަދައްކާ ހަދާ މީހެކޭ ނުވަތަ އެފަދަ ބައެކޭ ނުބުނާނެ އެއްވެސް ގޮތެއް ނުހެދޭނެ ކަމަށާއި ހުށަހަޅާފައިވާ ބިލު، ހުށަހަޅާފައި އޮތް މަފްހޫމުގައި ފާސްކޮށް ޤާނޫނަކަށް ވެއްޖެނަމަ ދިވެހި މުޖުތަމަޢު އިތުރަށް ފިތުނަ ފަސާދަވުން ނޫން ގޮތެއް ނުވާނޭކަމަށް ޖުމްހޫރީ ޕާޓީން ވިދާޅުވިއެވެ.




