ވޭތުވެދިޔަ ދޮޅުއަހަރު ތެރޭގައި ރައްޔިތުންގެ މަޖިލިހޫގެ ޖަލްސާތަކަށް ހާޒިރުވެވަޑައިނުގެން ސަބަބު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ މާމިގިލީ ދާއިރާމެ މެމްބަރު ގާސިމް އިބްރާހީމް ރޭ އޮޅުއްފިލުއްވައިދީފިއެވެ.
ގާސިމް މިކަން އޮޅުންފިލުވައިދީފައި މިވަނީ ޖުމްހޫރީ ޕާޓީގެ ހަރުގޭގައި އެޕާޓީއަށް އަލަށް ގުޅުނު މެންބަރުން ސޮއި ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.
ބަރުލަމާނީ ނިޒާމަށް ތާއިދުނުކުރައްވާ އެ ނިޒާމަށް ތަކުރާރުކޮށް ފާޑުވިދާޅުވެ ދެއްކެވި ވާހަކައިގައި ގާސިމް ވިދާޅުވީ، ބަރުލަމާނީ ނިޒާމެއްގައި ބޮޑު ވަޒީރުކަން ކުރައްވާ ބޭފުޅުން މަޖިލީހަށް ކޮންމެ ދުވަހަކު ވަޑައިނުގަންނަވާ ކަމަށެވެ. އެގޮތުން ގާސިމް ވަނީ އިންޑިއާގެ ބޮޑު ވަޒީރު މޯދީގެ މިސާލެއް ނަންގަވައިފައެވެ.
"އިންޑިއާގެ ބޮޑު ވަޒީރު ވޭޓުވެދިޔަ ހަތަރު ފަސް އަހަރު ތެރޭގައި ކިތައް ފަހަރަށް ތޯ ރައްޔިތުންގެ މަޖިލީހަށް ވަޑައިގަތީ؟. އެއީ މަޖިލިސް މެންބަރަކަށް ވާތީ ބޮޑު ވަޒީރަކަށް ވެވިފައި އެހުރީ. އޭނަ ވަޑައިގަންނަވަން ޖެހޭނެ ކޮންމެ ދުވަހަކު މަޖިލީހަށް" ގާސިމް ވިދާޅުވިއެވެ.
އެހެން ވިދާޅުވުމަށްފަހު ގާސިމް ވިދާޅުވީ، "ކޮވިޑްގެ ދުވަސްވަރުގައި އެބޭފުޅާވެސް ވަޑައިގަންނަވާށެކޭ" ނުބުނަން ކަމަށާއި، ގާސިމް ވެސް މަޖިލީހަށް ހާޒިރުނުވީ ކޮވިޑްގެ ހާލަތާއި ގުޅިގެން ކަމަށެވެ.
ގާސިމް ވިދާޅުވީ، މަޖިލީހަށް ހާޒިރުނުވީ، ޑޮކްޓަރުން ދަންނަވާ އަލާމާތްތަކަށް ބަލާއިރު ގާސިމް އަކީ ބަލީގެ ހައި ރިސްކް ކެޓަގަރީއަށް ނިސްބަތްވާ ބޭފުޅަކަށް ވާތީކަމަށެވެ.
"އަޅުގަނޑަކީ އެކަމަށް ވަރަށް ސެންސިޓިވް މީހެއް. އެކަން އަޅުގަނޑަށް އެނގެނީ، ޑޮކްޓަރުންގެ ވިދާޅުވާ އަލާމާތްތަކަށް ބަލާއިރު އަޅުގަނޑަކީ ކޮވިޑްގެ ކަންތަކުގައި ވަރަށް އަވަހަށް ބަންބުޅިއަޅުވާލަފާނެ މީހެއް" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މަޖިލީހަށް ހާޒިރުނުވީ އެ ސަބަބާއި ހުރެކަމަށާއި، އެބޭފުޅާ ކޮވިޑް ދުވަސްވަރު އެއްފަރާތެއްގައި ހުންނެވީ ކީރިތި ރަސޫލާގެ އަންގަވާފައިވާ ގޮތުގެ މަތީން ވަކީލުކޮށްގެން ކަމަށެވެ. އަދި މިހާރު މަޖިލީހަށް ވަޑައިގަންނަވާ ކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ އެ ބޭފުޅާ ގަބޫލުކުރައްވާ ގޮތުގައި ﷲ ދެއްވެވި އިލްމުގެ އަލީގައި ދުނިޔޭގައި ތިބި މީހުން ކުރެއްވި މަސައްކަތުން "ސަލާމަތް ކަންތައްތަކެއް" ލިބިފައިވާތީ ކަމަށެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ، މިހާރުގެ މަޖިލީހުގައި އެމަނިކުފާނުގެ އެހާބޮޑު ބޭނުމެއް އޮތްކަމަށް ގަބޫލު ނުކުރައްވާކަމަށެވެ.
"އެހެންނޫނަސް އެމްޑީޕީގެ 65 މެމްބަރުން މަޖިލީހުގައި ތިބީމަ ދެން ކޮންމެހެން އެހެން މީހަކު ދައްކާ ވާހަކައެއް އެބޭފުޅުން އަޑުއަހާކަށް ބޭނުމެއް ނުވޭ. އަޅުގަނޑު މީ އިހައްދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި، އޭގެކުރިން ހާއްސަ މަޖިލީހުގެ ރައީސްކަންކޮށް، ޑިމޮކްރެޓިކް ގާނޫނުއަސާސީ ގެނެސްދީ، 300 އެތައް ޖަލްސާއެއް އެތާ އެކަނި އިނދެގެން ބަލަހައްޓަމުން ގެންދިޔަ މީހެއްކަމަށް ވިއަސްވެސް، މިހާރު އަޅުގަނޑުގެ މާ ބޮޑު ޒިންމާއެއް ނެތް މެމްބަރަކަށް ހުރުން ފިޔަވައި. އެންމެ ކުޑަ މިނުން ކޮމިޓީއެއްގެ ނައިބު މުގައްރިރުކަންވެސް ނެތް އަޅުގަނޑަށް ހަވާލުކޮށްފަ. އަޅުގަނޑު ދައްކާ ވާހަކަ ގަބޫލުކުރާނެ މީހެއް ހުންނަނީއެއް ނޫން. އެއެއް ބަލައިގަނެ ކަމެއް ކުރާނީއެއް ނޫން" ގާސިމް ވިދާޅުވިއެވެ.
މަޖިލީހުގެ ދެވަނަ ދައުރުގެ އެއްވެސް ޖަލްސާއަކަށް ގާސިމް ވަޑައެއް ނުގަންނަވައެވެ. ކޮވިޑް-19ގެ ބަލިމަޑުކަން ރާއްޖޭގައި ފެތުރެން ފެށުމުން މަޖިލީހުގެ ޖަލްސާތައް ކުރިޔަށްގެންދިޔުން މެދުކަނޑާލުމަށްފަހު، އަލުން ޖަލްސާތައް ފެށިނަމަވެސް ގާސިމް މަޖިލީހަށް ހާޒިރުނުވުން ގިނަ ބަޔަކު އައީ ގާސިމްއަށް ފާޑުވިދާޅުވަމުންނެވެ.



