އިލްހާމް އަހުމަދު. --- ފޮޓޯ: މިހާރު

ނާޒިމާއި ރިޔާޒު ޖޭޕީން ވަކިވީ ކުރަން އުޅުނު ކަންތައް ފަޅާއެރުމުން: އިލްހާމް

ޖުމްހޫރީ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕްގެ ކުރީގެ މެންބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ އެއް ފައުންޑާ މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އާއި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ޖޭޕީ ދޫކޮށްލެއްވީ ޕާޓީ ތެރޭ ސިއްރުން ކުރައްވަން ބޭނުންވި ކަންތައް ނުކުރެވި އެކަން ފަޅާއެރުމުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

އިލްހާމް މިހެން ވިދާޅުވީ، މިދިޔަ ދެ އަހަރު ޖުމްހޫރީ ޕާޓީ އޮތީ ސިޔާސީ އެއްވެސް މަސައްކަތެއް ނެތި ނިދާފައި ކަމަށް ބުނެ ކާނަލް ނާޒިމް މީޑިއާގައި ދެއްކެވި ވާހަކައާއި ގުޅިގެން، މިރޭ ރާއްޖެ ޓީވީން ގެނެސްދިން "ފަލަ ސުރުހީ" ޕްރޮގްރާމުގައި ދެންނެވި ސުވާލައް ޖަވާބުދެއްވަމުންނެވެ.

މީޑިއާއަށް މައުލޫމާތު ދެމުން ކާނަލް ނާޒިމް ވިދާޅުވެފައި ވަނީ، މިދިޔަ ދެ އަހަރު ޖުމްހޫރީ ޕާޓީ އޮތީ ސިޔާސީ އެއްވެސް މަސައްކަތެއް ނެތި ނިދާފައި ކަމަށާއި، ޖޭޕީއަކީ ސިޔާސީ މަސައްކަތް ކުރުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށެވެ.

މިވާހަކަތަކަށް ރައްދު ދެއްވާ އިލްހާމް ވިދާޅުވީ، ޕާޓީގެ ހަރަކާތްތައް އޭރު މަޑުޖައްސާލަން ޖެހުނީ ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ކަމަށެވެ. ޕާޓީގެ މަސައްކަތްތައް ހުއްޓާލުމުގެ ކުރިން ކޮމެޓީތައް އެކުލަވާލާ ޕާޓީގެ މަސައްކަތްތައް ރެޔާއި ދުވާލު ކުރައްވަމުން ގެންދެވި ކަމަށް އިލްހާމް ވިދާޅުވިއެވެ.

އިލްހާމް ވިދާޅުވީ، އޭރު ޖޭޕީގެ އެއްވެސް ބައްދަލުވުމަކަށް އަދި ޖަލްސާއަކަށްވެސް އަދި މި ކޮމެޓީގެ މަސައްކަތައްވެސް ކާނަލް ނާޒިމާއި ރިޔާޒު ވަޑައިނުގަންނަވާކަމަށެވެ. އަދި އެ ދެބޭފުޅުންގެ ޝައުގުވެރިކަން ހުރީ އެހެންކަމަކަށް ކަމަށް އިލްހާމް ވިދާޅުވިއެވެ.

އިލްހާމް ވިދާޅުވީ، ކާނަލް ނާޒިމާއި މެންބަރު ރިޔާޒު ޕާޓީ ތެރެއިން ސިއްރުން ކަމެއް ކުރައްވަން އުޅުކަމަށާއި، އެކަމާއި ގުޅިގެން ޕާޓީގެ އިސް ބޭފުޅުންނާއި ބައްދަލުކުރެއްވި ކަމަށެވެ. ނަމަވެސް އެ ވާހަކަތަކުގެ ރެކޯޑިންތައް ޕާޓީގެ ލީޑަރު ގާސިމް އާއި ހަމައަށްވެސް އައިސްފައިވާ ކަމަށެވެ. ނަމަވެސް ޖޭޕީގެ ތެރެއިން އެބޭފުޅުން ބޭނުންވާ ކަންތަކެއް ހާސިލެއް ނުކުރެވުނު ކަމަށް އިލްހާމް ވިދާޅުވިއެވެ.

"އެބޭފުޅުން ކުރައްވަން އުޅުނު ކަންތައް ނުކުރެވިގެން ވަޑައިގަންނަވަން (ޖޭޕީން ވަކިވެވަޑައި ގަންނަން) ޖެހުނީ" އިލްހާމް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ