ލާދީނީ މީހުންނަށް ޣައިރުމުސްލިމުން ތައުރީފުކޮށް މެޑަލާއި އިއްޒަތް ދޭނެ: ޖުމްހޫރީ ޕާޓީ

ލާދީނީ މީހުންނަށް ޣައިރުމުސްލިމުން ތައުރީފުކޮށް މެޑަލާއި އިއްޒަތް ދޭނެކަމަށް ސަރުކާރު ކޯލިޝަނުގައި އޮތް ޖުމްހޫރީ ޕާޓީން ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީން މިހެން ވިދާޅުވެފައިވަނީ، ޤާނޫނުލްޢުޤޫބާތަށް އިސްލާހުގެނެސް ނަފްރަތުގެ ޢަމަލުތަކަކީ  ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހާއި ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.

މުސްލިކަމާއި ދިމާއަށް އެއްވެސް މީހަކު އޭނާއަކީ ކާފަރެކޭ  ބުނުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫންކަމަށާއި، ނަމަވެސް މީހަކު މުސްލިމަކަށް ވަނީ އެމީހަކަށް ކިޔާ ނަމުން ނޫންކަމަށް އަދި މުސްލިމު ނަމެއް ކިޔާ ކޮންމެ މީހަކީ މުސްލިމެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

"ތިމާއަކީ މުސްލިމަކު ކަމަށް ބުނާ މީހަކު ﷲ ތައާލާގެ ހަޟްރަތަށާއި ރަސޫލާއަށް ފުރައްސާރަކޮށް ކުޑައިމީސް ބަސްބުނެ، ކީރިތު ޤުރުއާނަށާއި، އިސްލާމްދީނުގެ ހުކުމްފުޅުތަކަށް ގޮންޖަހައި، ކުޑައިމީސްކޮށް، ދީނުގައި ކުރުން ލާޒިމް ކަންކަން ކުރަން ނުޖެހޭކަމަށްބުނެ،  އަދި ﷲ ތަޢާލާ ބާވާލެއްވި ޙުކުމްފުޅުތަކަށްވުރެ މޮޅުގޮތް އެމީހަކަށް އެނގޭކަމަށް ބުނާނަނަމަ އެމީހަކީ އިސްލާމްދީނާ ދެކޮޅު، ލާދީނީ މީހެއް ކަމަށް މުސްލިމުން ބުނާނެ. ޣައިރުމުސްލިމުން އެމީހަކަށް ތައުރީފުވެސް ކުރާނެ. މެޑަލްތަކާއި ޢިއްޒަތްވެސް ދޭނެ." ޖުމްހޫރީ ޕާޓީގެ ބަޔާނުގައި ވިދާޅުވެފައިވެވެ.

ޖުމްހޫރީ ޕާޓީން ވިދާޅުވީ، އެމީހެއްގެ އަމަލުތައް ނުބައިވެ ހައްދުފަހަނައަޅައި ދިއުމުން އެމީހަކަށް ﷲ ތަޢާލާ ލަޢުނަތް ލައްވާ ކަމަށާއި، ނަމަވެސް ޝައިޠާނާ އެމީހަކަށް ޝަރަފުގެ ތާޖު ދޭކަމީ މުސްލިމުން ޤަބޫލުކުރާ ހަޤީޤަތް ކަމަށެވެ.

"ކަންކަން ހުރީ މި މަގުންކަމަށް ވުމުން ޝައިޠާނާ އިއްޒަތާއި ޝަރަފުގެ ތާޖު ދޭ ހިސާބަށް އެއްވެސް މީހެއްގެ ކަންކަން ހިނގައްޖެނަމަ އެމީހަކާއި މެދު ބުނަންއޮތް ޙައްޤުބަސް މުސްލިމުން ބުނާނެ. އެއީ ފާސްކުރާ ޤާނޫނަކުން މަނާކުރެވޭނެ ކަމެއް ނޫން." ޖުމްހޫރީ ޕާޓީގެ ބަޔާނުގައި ވިދާޅުބެފައިވެއެވެ.

ޖުމްހޫރީ ޕާޓީން އިތުރަށް ވިދާޅުވެފައިވަނީ ރާއްޖޭގެ ފަހުގެ ތާރީޚުގައި މިފަދަ ކަންކަން ހިނގާފައި އެބަހުރި ކަމަށާއި، އިލްމުވެރިން ހައްޤު ބަސް ވިދާޅުވަމުން ގެންދަވާ ކަމަށާއި، އެފަދަ ބަސްފުޅުތައް އިލްމުވެރިން ވިދާޅުވަނީ ކަންކުރާ މީހާއަށް ބެލުމެއްނެތި އެމީހަކު ކުރާ ޢަމަލާއި ދައްކާ ވާހަކައަށް ބައްލަވައިގެން ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ