ފުވައްމުލައް ސިޓީގެ ނޭޗަރ ޕާކް ހިންގުމާއި ބެލެހެއްޓުން ފުވައްމުލަށް ސިޓީގެ ކައުންސިލާއި ހަވާލުކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖު އެންޑް ޓެކްނޮލޮޖީގެ ފަރާތުން މިއަދު ބޭއްވި ވާޗުއަލް އިވެންޓްގައެވެ.
މިއަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިއާރަކީ މާހައުލީ ނިޒާމްތައް އިޔާދަކުރުންމެވެ. މާހައުލީ ނިޒާމްތައް އިޔާދަ ކުރުމަކީ ހަލާކުވެފައިވާ އަދި ހަލާކުވަމުންދާ މާހައުލުތައް އެ ހާލަތުން ސަލާމަތް ކުރުމަށް މަސައްކަތްކުރުމާއި އަދި މީގެ އިތުރުން ވެސް ގެއްލުމެއް ލިބިފައިވާ ގުދުރަތީ ނިޒާމްތައް ރައްކާތެރިކޮށް ބެލެހެއްޓުމެވެ. ކޮންމެ އަހަރެއްގައި ވެސް ބައިނަލްލަގްވާމީ ފެންވަރުގައި ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަސް ރަސްމީގޮތެއްގައި ފާހަގަކުރަން ފަށާފައިވަނީ 1974 ވަނަ އަހަރެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރައްވާފައިވަނީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖު އެންޑް ޓެކްނޮލޮޖީ، އައިމިނަތް ޝައުނާއެވެ. އަދި ފުވައްމުލަށް ސިޓީގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ފުވައްމުލައް ސީޓިގެ މޭޔަރ އިސްމާއިލް ރަފީގެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފުވައްމުލައް ސީޓިގެ މޭޔަރ އިސްމާއިލް ރަފީގް ވިދާޅުވީ، ފުވައްމުލައް ސިޓީ އަކީ ހިތްގައިމު މާހައުލެއް އޮތް ސިޓީއެއް ކަމަށާއި މި ސިޓީގެ ތިމާވެއްޓަކީ ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަ ކޮށްލެވޭ ރީތި މާހައުލެއް ކަމުން 2020 ވަނަ އަހަރު ފުވައްމުލަށް ސިޓީ އަށް ވަނީ ޔުނެސްކޯގެ ބަޔޮސްފިއާ ރިސާވްގެ ލަގަބު ލިބިފައި ކަމަށެވެ.
"މި މާހައުލުތައް ރައްކާތެރިކޮށް ބެލެހެއްޓުމަކީ މި ސިޓީގެ ރައްޔިތުންގެ އެއްބާރުލުމާއެކު ކުރެވެން އޮތް ކަމެއް. ފުވައްމުލަކު ނޭޗަރ ޕާކް ގާއިމުކުރުމުން މިތަނުން ރައްޔިތުން ހިތްހަމަޖައްސާލެވޭނެ މަގުފަހިވެގެން ދިޔަ. މިކަމުން ދައްކުވައިފެނީ ތިމާވެށި ހިމާޔަތްކުރުމަކީ އިޖްތިމާއި އަދި އިގްތިސާދާވެސް ގުޅުން ހުރި ކަމެއްކަން. ފުވައްމުލައް ސިޓީގެ ތަރައްގީއަށް އަދި ޓުއަރިޒްމް ތަރައްގީ ކުރުނަ މި މާހައުލުތައް ތަރައްގީކުރަން ވަރަށް މުހިންމު." އިސްމާއިލް ރަފީގް ވިދާޅުވިއެވެ.
މީގެ އިތުރުން އިސްމާއިލް ރަފީގް ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ކައުންސިލާއި ހަވާލުކުރެވިގެންދާ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށާއި މި އެއްބަސްވުމަކީ ލާމަރުކަޒީ ނިޒާމަށް ބާރުދޭ އަދި ތިމާވެށީގެ ކަންތައްތައް ވެސް ލާމަރުކަޒީ ކުރުމުގެ ފެށުންކަމަށެވެ. އަދި މި ތަންތަން ހިމާޔަތްކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ އެންމެންގެ ޒިންމާއެއް ކަމަށް ވިދާޅުވިއެވެ.
މި ވާޗުއަލް އިވެންޓްގައި އައްޑޫ ސިޓީގައި ހިމާޔަތްކޮށްފައިވާ މަތިކިޅި ސަރަހައްދު މެނޭޖްކޮށް ބެލެހެއްޓުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވެއެވެ. އަދި އައްޑޫ ސިޓީގައި ހިމާޔަތްކޮށްފައިވާ މާފިށިކިޅި ބެލެހެއްޓުމަށްޓަކައި އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީއާއި އައްޑޫ ސިޓީ ކައުންސިލާއި ދެމެދު ވެވޭ އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ. އޭގެ އިތުރުން އައްޑޫ ސިޓީ ނޭޗަރ ޕާކް އައްޑޫ ސިޓީ ކައުންސިލާއި ހަވާލުކުރުމުގެ އެމްއޯޔޫގައި ވެސް ސޮއިކޮށްފައިވެއެވެ.