ދަރިވަރުންގެ ޗުއްޓީގައި މާލެއިން ބޭރަށް ނުދެވޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.
ޗުއްޓީ ލިބުމުން ރަށްރަށަށް ނުދެވޭނެ ކަން ހާމަކޮށްފައިވަނީ، މާލޭގައި ކޮވިޑް-19 ފެތުރުން އިތުރުވެގެން ދިއުމާއި އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި ބަލިފެތުރެމުންދާ ދަނޑިވަޅުގައި ބަލި ފެތުރުން ކޮންޓްރޯލު ކުރުމުގެ ފިޔަވަޅެއްގެ ގޮތުން ޒަރޫރީ ބޭނުންތަކަށް ފިޔަވައި މާލެއިން އަތޮޅު ތަކަށް ދަތުރުކުރުން ހުއްޓާލެވިފައިވާއިރު ރަށްރަށަށް ދެވޭ ޒަރޫރީ ސަބަބުތައް އިއުލާނު ކުރަމުންނެވެ.
އެގޮތުން، އެޗްޕީއޭއިން ވިދާޅުވީ، ރަށްރަށަށް ދެވޭނީ މާލެއަށް ތަޢުލީމު ޙާޞިލުކުރުމަށް އައިސް ތައުލީމު ޙާޞިލުކުރުން މުޅިން ނިމިފައިވުމުން ކަމަށާއި ޗުއްޓީ ލިބުމުން ނުވަތަ ކިޔެވުން ވަގުތީގޮތުން މެދުކަނޑާލުމުން ރަށަށް ނުދެވޭނެ ކަމަށެވެ.
މީގެ އިތުރުން އެޗްޕީއޭ އިން ކަނޑައަޅާފައިވާ ޒަރޫރީ ބޭނުންތަކުގެ ތެރޭގައި ހިމެނެނީ، ޞިއްޙީ ފަރުވާ ހޯދުމަށް މާލެއަށް އައިސް އެނބުރި ދާންޖެހުން ނުވަތަ އެފަދަ މީހަކާ އެކުގައި ކޮންމެހެން ދާންޖެހުމާއި މާލޭގައި އަދާކުރަމުންދާ ވަޒީފާގެ މަސައްކަތް ހުއްޓާލަންޖެހުން ފަދަ ކަންކަން ދިމާވެގެން މާލޭގައި އިތުރަށް ތިބުން ދަތިވެފައިވުމާއި އަދި އެފަދަ މީހުންގެ އާއިލާއިން އެކުގައި ކޮންމެހެން ދާން ޖެހުމުމެވެ.
އަދި މާލޭގައި ދިރިއުޅެވެން ނެތުމުގެ ސަބަބަން ރަށަށް ދިރިއުޅުން ބަދަލު ކުރަންޖެހުމާއި މައިންބަފައިން ބަލިވުމާއި އަނބިމީހާ ވިހެއުން ފަދަ އާއިލާއަށް ދިމާވާ ބޮޑެތި ކަންތައްތަކާ ގުޅިގެން ރަށަށް ދާންޖެހުންމުން ރަށަށް ދެވޭނެ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.




