ހޮންކޮންގެ ލީޑަރ ކެރީ ލާމްގެ އިސްތިއުފާ އަށް ގޮވާލާ މުޒާހަރާ ކުރަނީ

އެކި މައްސަލަތަކުގެ ތުހުމަތުގައި ހޮންކޮންގައި ހައްޔަރު ކުރެވޭ ފަރާތްތައް ތަހުގީގަށް އެހެން ގައުމުތަކަށް ބަދަލުކުރެވޭ ގޮތަށް ހޮންކޮންގެ ގާނޫނަށް ބަދަލު ގެނައުމަށް ކުރެވުނު މަސައްކަތާއި ދެކޮޅަށް ފެށުނު މުޒާހަރާތައް މިހާރު އެސިޓީގެ ލީޑަރ ކެރީ ލާމް އާއި ދެކޮޅު މުޒާހަރާ އަކަށް ބަދަލު ވެއްޖެއެވެ.

މިގޮތުން މިދިޔަ އާދިއްތަ ދުވަހު ބޭއްވުނު މުޒާހަރާގައި ދެމިލިޔަނަށްވުރެ ގިނަ މީހުން ބައިވެރިވެފައި ވާކަމަށް ބޭރުގެ މީޑިއާތަކުން މައުލޫމާތު ދެއެވެ.

ހޮންކޮންގް އިން އެހެން ގައުމުތަކަށް ކުއްވެރިން ބަދަލު ކުރެވޭ ގޮތަށް ގާނޫނަށް ގެންނަން ކުރެވުނު މަސައްކަތައް ހޮންކޮންގެ ކެރީ ލާމް ވަނީ އެ ސިޓީގެ ރައްޔިތުންގެ ކިބައިން މިހާރު މާފަށްވެސް އެދިފައެވެ.

2014 ވަނަ އަހަރު ހޮންކޮންގައި ކުރިއަށްދިޔަ "އަމްބުރެއްލާ މޫވްމެންޓް" އާއި ގުޅިގެން ޖަލު ހުކުމެއް ތަންފީޒު ކުރުމަށްފަހު މިހާރު މިނިވަން ވެފައިހުރި ހޮންކޮންގެ އެކްޓިވިސްޓް ޖޯޝުއާ ވޮންގް އާދިއްތަ ދުވަހު ކުރިއަށްދިޔަ މުޒާހަރާގައި ވާހަކަ ދައްކަމުން ބުނެފައިވަނީ، ހޮންކޮންގެ ލީޑަރެއްގެ ގޮތުގައި ހުރުމަށް ކެރީ ލާމް މިހާރު އެކަށީގެން ނުވާކަމަށާއި އެކަމަނާ އިސަތިއުފާ ދޭންޖެހޭ ކަމަށެވެ.

ހޮންކޮންގެ ގިނަ ބަޔަކު ގަބޫލު ކުރަނީ ކެރީ ލާމްގެ ލީޑަރޝިޕްގައި ޗައިނާގެ ބާރު ހޮންކޮންގެ މައްޗަށް ގަދަވަމުން އަންނަ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް