ގދ. ތިނަދޫ

ފިޔަވަޅުތައް ވަރުގަދަކޮށް، ތިނަދޫގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރުން މެދުކަނޑާލައިފި

ކޮވިޑް-19 އާއި ގުޅިގެން ގދ. ތިނަދޫ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

ތިނަދޫ ކައުންސިލްގެ އިދާރާއިން ނެރެފައިވާ އިޢުލާނެއްގައި ބުނީ، އެރަށުގައި ކޮވިޑް-19ގެ އެކްޓިވް ކޭސްތަކުގެ އަދަދުތައް އިތުރުވަމުންދާތީ އެޅިފައިވާ ފިޔަވަޅުތައް ވަރުގަދަކުރުމަށް ނިންމާފައިވާއިރު، 06 ޖޫން 2021 ވާ އާދިއްތަ ދުވަހުގެ ޢިޝާ ނަމާދުން ފެށިގެން 13 ޖޫން 2021 ވާ އާދިއްތަ ދުވަހުގެ ރޭ ޢިޝާނަމާދުގެ ނިޔަލަށް މިސްކިތްތަކުގައި ވަގުތީގޮތުން ޖަމާޢަތުގައި ނަމާދުކުރުން ހުއްޓާލުމަށް ނިންމާފައިވާކަމަށެވެ.

އަދި މިސްކިތުގައި ހަމައެކަނި ބަންގިގޮވުމަށާއި، ބަންގީގެ ފަހުގައި (صلوا في بيوتكم) މިފަދައިން 2 ފަހަރު ގޮވުމަށްވެސްވަނީ ނިންމާފައެވެ.

"މިދަނޑިވަޅުގައި މިސްކިތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ޤުރުއާން ކިޔަވައި، ގިނަގިނައިން ދުޢާކޮށް، އިސްތިޣްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް ނަސޭޙަތްތެރިވެ ވަޞިއްޔަތްކުރަމެވެ." ތިނަދޫ ކައުންސިލްގެ އިދާރާގެ އިޢުލާނުގައި ވެއެވެ.

ތިނަދޫ އީ.އޯ.ސީން އިތުރަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކަކީ:

  • މަސްވެރިކަމުގައި ޙަރަކާތްތެރިވާ ކުދި އަދި ބޮޑު ދޯނިފަހަރުތައް މަހަށް ފުރުމުގެ ކުރިން ކައުންސިލުން ޙާއްސަ ހުއްދައެއް ނެގުން.
  • ސިނާއީ މަސައްކަތްކުރާ ސައިޓްތަކުގެ މަސައްކަތްތައް 07 ޖޫން 2021 އިން ފެށިގެން 1 ހަފްތާއަށް މަޑުޖައްސާލުން.
  • ފަރު މަސްވެރިކަމަށް ހުއްދަ ދެވޭނީ ކައުންސިލުން ދޫކުރާ ހާއްސަ ހުއްދައެއްގެ ދަށުން އުޅަދަކަށް އެންމެ ގިންވެގެން 03 ފަރާތަށެވެ.
  • ފިހާރަތަކުން ޙިދުމަތް ދިނުމާއި ގުޅޭގޮތުން އީއޯސީ އިން ކަނޑައަޅާފައި އުޞޫލާއި އެއްގޮތަށް އަމަލްކުރޭތޯ މޮނިޓަރ ކޮށް ބެލުން. އަދި އެ އުޞޫލާއި ޚިލާފްވާ ފަރާތްތަކާއިމެދު އެޗް.ޕީ.އޭ ގެ ގައިޑްލައިންއާ އެއްގޮތަށް ފިޔަވަޅުއެޅުން. ހަމަ އެއާއި އެކު މިހާރެކޭއެއްގޮތަށް ހަވީރު 16:00 އިން ރޭގަނޑު 21:00 އަށް ޕޮލިސް ޕޯޓަލްއިން ހުއްދަ ނަގާފައިވާ ފަރާތްތަކުން ޑެލިވަރީގެ ޚިދުމަތް ދިނުން.
  • ހޮޓާ ރެސްޓޯރަންޓް ޙިދުމަތް ދިނުމާއި ގުޅޭގޮތުން އީއޯސީ އިން ކަނޑައަޅާފައި އުޞޫލާއި އެއްގޮތަށް އަމަލްކުރޭތޯ މޮނިޓަރ ކޮށް ބެލުން. އަދި އެ އުޞޫލާއި ޚިލާފްވާ ފަރާތްތަކާއިމެދު އެޗް.ޕީ.އޭ ގެ ގައިޑްލައިންއާ އެއްގޮތަށް ފިޔަވަޅުއެޅުން. ހަމަ އެއާއި އެކު މިހާރެކޭއެއްގޮތަށް ހަވީރު 16:00 އިން ރޭގނޑު 22:00 އަށް ޕޮލިސް ޕޯޓަލްއިން ހުއްދަ ނަގާފައިވާ ފަރާތްތަކުން ޑެލިވަރީގެ ޚިދުމަތް ދިނުން.

ރާއްޖޭގައި މި ބަލި ހަލުވި ކަމާއެކު ފަތުރެމުން އަންނަ އިރު، މި ބަލީގައި މަރުވާ މީހުންގެ އަދަދުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މިހާތަނަށް 67،538 މީހަކަށް މި ބަލި ޖެހިފައިވާކަމަށް އެޗްޕީއޭގެ ރެކޯޑްތަކުން ދައްކައެވެ. އަދި ހޮސްޕިޓަލުގައި 191 މީހަކު ފަރުވާ ހޯދަމުން އަންނައިރު، މި ބައްޔަށް 20،014 މީހަކު އަންނަނީ ފަރުވާ ހޯދަމުންނެވެ.

އަތޮޅު ތެރޭގެ ގިނަ ރައްތަކެއްގައިވެސް މި ބަލި އަންނަނީ ވަރަށް ބޮޑަށް ފެތުރެމުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ