މިއަދު މިއޮތް މާހައުލުގައި ރައީސް ނަޝީދަށް އިންސާފު ލިބުމަކީ މުޞްތަޙީލް ކަމެއްކަމުގައި މި ސަރުކާރު ވެރިކަމަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް ވިދާޅުވީ ޙައްޤު ގޮތް ހޯދަން އެންމެންވެސް ވަކާލާތުކުރަންވީ ތިމާއާ ކަންކަން އަރާހަމަކުރާނީ ކޮންއިރަކުކަން ނޭނގޭތީ ކަމަށެވެ.
"އީވާ އަށް މިހާރު އެނގޭނެ، އެއްވެސް މީހަކަށް ބޭއިންސާފެއް މެދުވެރިވާއިރު ބެރުޖަހައި އުފާކުރުމަކީ ނާތަޙްޒީބުކަމެއްކަން" ކުރީގެ ރައީސް ޢަބްދުﷲ ޔާމިން މިނިވަން ކުރެއްވުމަށް ގިނަ މަސައްކަތް ތަކެއް ކުރައްވަމުން އަންނަ ޖަމީލް ވިދާޅުވިއެވެ.
މީގެ އިތުރުން މިއަދު މިއޮތް މާހައުލުގައި ރައީސް ނަޝީދަށް އިންސާފު ލިބުމަކީ މުޞްތަޙީލް ކަމެއްކަމަށާއި ޢަދުލުވެރިކަން ޤާއިމްކުރެވޭނީ އެއް ވިސްނުމެއްގެ އަހުލުވެރިން ގުޅިގެން މަސައްކަތްކޮށްގެންކަމުގައި ޖަމީލް ވަނީ ވިދާޅުވެފައެވެ.
ޖަމީލް މިހެން ވިދާޅުވެފައި މިވަނީ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޒަމީލްގެ މައްސަލަ ބަލަން މަޖްލީހުގެ ރައީސް މުޙައްމަދު ނަޝީދު އިމްތިޔާޒު ކޮމިޓީއަށް ފޮނުވި މައްސަލަ ބެލުމަށް ކޮމެޓީން ފާސްނުވެ އެ މައްސަލަ ބޭރު ކޮށްލުމާއި ގުޅިގެން އެމަނިކުފާނުގެ ސަޕޯޓަރުން އެކަމާއި ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.
ރޭ ބެއްވި އިމްތިޔާޒު ކޮމިޓީގައި ޒަމީލްގެ މައްސަލަ ބެލުމުގެ ބަދަލުގައި ފާސްވެފައި ވަނީ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް، އެ މައްސަލަ ނުބަލައި ބޭރުކޮށްލުމަށް ކޮމެޓީއަށް ހުށަހެޅި ހުށަހެޅުމެވެ.
މިހުށައެޅުން ފާސްވެފައި ވަނީ އެމްޑީޕީގެ 4 މެންބަރުންގެ ވޯޓާވެސް އެކުއެކުއެވެ.
އެހެން ކަމުން މި މައްސަލަ ކޮމެޓީން ބަލަން ފާސް ނުވުމާއި އަދި އެ މައްސަލަ ބޭރު ކޮށްލުމުގައި އެމްޑީޕީގެ މެންބަރުން ހިމެނިފައިވާތީ، މަޖްލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގުރޫޕުގައި އެކަމާއި ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައި ފާޑު ވިދާޅުވެފައެވެ.
އީވާގެ އިތުރުން އެމްޑީޕީގެ ބައެއް އެހެން މެންބަރުންވެސް ވަނީ އެމައްސަލަ ނުބެލުމަށް ވޯޓް ދެއްވި އެމްޑީޕީގެ މެންބަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ޒަމީލްގެ މައްސަލަ އިމްތިޔާޒް ކޮމެޓީއަށް ފޮނުވުމުގެ އިތުރުން މަޖްލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ޒަމީލްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށްވެސް ފޮނުވާފައެވެ. ނަމަވެސް ޕީޖީ އޮފީހުން ވަނީ އެ މައްސަލަ އަނބުރާ ފޮނުވާލައިފައެވެ.
ޒަމީލްގެ މައްސަލަ ނުބެލުމަށް ނިންމުމާއި ގުޅިގެން އެ މައްސަލަގަނޑު ބޮޑު ކުރާތީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
އަސްލަމް ވިދާޅުވެފައި ވަނީ ޒަމީލްގެ މައްސަލަ ސުލޫކީ މައްސަލައެއް ގޮތުގައި ހުށަހަޅާފައިވާތީ، މަޖިލީހުގެ މެމްބަރެއްގެ އިތުރުންނައި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުން ކަންބޮޑުވާ ކަމަށެވެ.



